ބޮޑެތި އާބާދީތަކުން ފެށި ޑްރަގުގެ ވިޔަފާރި އެންމެ ކުދި އާބާދީތަކަށް ފުޅާވެފައިވާތީ، އެކަން ހުއްޓުވުމަށް ފުލުހުން މިހާރަށްވުރެ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ބ.ގޮއިދޫގައި ފުލުހުންގެ ޙިދުމަތް ދިނުމަށް ޤާއިމްކުރި ފުލުހުންގެ ޕޯސްޓް ހުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުންނެވެ.
ކުދިކުދި ރަށްްރަށުގައިވެސް ރާވާއިގެން ހިންގާ ބޮޑެތި ކުށްތައް ފެށެނީ މަސްތުވާތަކެތީގެ ވިޔަފާރިންކަމަށާއި، ޑްރަގްގެ މި ނުބައި ވިޔަފާރި ނުހުއްޓުވައި ރަށްރަށުގައި އޮތް ސުލްހަ މަސަލަސްކަން ގާއިމް ނުކުރެވޭނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
މީގެކުރިން ދިވެހިންނަކީ ސުލްހަ މަސަލަސްކަމަށް ލޯބިކުރާ ބައެއްކަމަށާ، އެކަން މުޖުތަމައުން ނެތިގެންދާން ފަށާފައި މިވަނީ އެކިއެކި ފަރާތްތަކުގެ ނުރަގަނޅު ވިސްނުންތަކުގައި އެބައެއްގެ އަމިއްލަ މަސްލަހަތާ މަޤްސަދުގައި މުޅި މުޖްތަމައުއާ ރައްޔިތުންނާ ގައުމުގެ މަސްލަހަތަށް ނުވިސްނާ ކުރަންފެށި ޑްރަގްގެ ވިޔަފާރީގެ ސަބަބުންކަމަށް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
މަސްތުވާތަކެތި ރާއްޖެއަށް އާއްމުވާން ފެށީ މީގެ 50 އަހަރު ކުރިން ކަމަށާ، އެކަންމިހާރު ފުޅާވެ އެންމެ ކުދި ރަށްތަކުގައިވެސް އެކަން ކުރިއަށްދާކަން މިނިސްޓަރ އިމްރާން ފާހަގަކުރެއްވިއެވެ. އަދި ފުލުހުން މިއަދު ފާރަވެރިވާން ޖެހޭ އެންމެ މުހިންމު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަންވެސް މިނިސްޓަރ ފާޙަގަކުރެއްވިއެވެ.