Ad

"މިހާރު އެންމެން ދައްކަނީ ގޯތީގެ ވާހަކަ": އެމްޕީ އިބްރާހީމް ރަޝީދު

މާލޭގެ ރައްޔިތުން މިހާރު އެހެން ވާހަކައެއް ނުދައްކާކަމަށާއި އެންމެންވެސް ދައްކަނީ ގޯތީގެ ވާހަކަ ކަމަށް މާފަންނު މެދު ދާއިރާގެ މަޖިލިސް މެމްބަރ އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ. އިބްރާހީމް ރަޝީދު (ބޮންޑޭ) މިހެން ވިދާޅުވީ މިއަދު މަޖިލިހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެމްބަރ އިބްރާހީމް ރަޝީދު މިއަދު ވިދާޅުވިގޮތުގައި ރިޔާސީ ބަޔާނުގައި ގޯތީގެ ވާހަކަ ރައީސުލްޖުހޫރިއްޔާ އިއުލާން ކުރެއްވި ހިސާބުން ރައްޔިތުން، ޚާއްސަކޮށް މާލޭގެ ރައްޔިތުން ވަރަށް އުފާވެ ހިތްހަމަޖެހިއްޖެއެވެ. ރިޔާސީ ދައުރު ނިންމަވާނީ އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް، އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވި ހިސާބުން ކޮރަޕްޝަންވެސް މަދުވެއްޖެކަން ފާހަގަ ކުރެވޭ ކަމަށް އިބްރާހީމް ރަޝީދު މިއަދު ވިދާޅުވިއެވެ.

"ޝަކުވާތައްވެސް މަދުވެއްޖެކަން ފާހަގަކުރެވޭ. މިހާރު ޗެނަލް13 ވެސް ތިމަންނާމެން ނުބަލަމޭ މީހުން ބުނަނި، އަޅުގަނޑެއްވެސް ނުބަލަން އެޓީވީއެއް، މިހާރު އެންމެން ދައްކަނީ ގޯތީގެ ވާހަކަ" މިއަދު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އިންޑިއާ އައުޓެއްވެސް މިހާރު ނުގޮވާ ކަމަށާއި، ޗެނަލް13 އެއްވެސް ނުބަލާ ކަމަށާއި މިހާރު މީހުން ދައްކަނީ ގޯތީގެ ވާހަކަ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަކީ މިއީ ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށްވެސް މިހާރު މިސަރުކާރު ވަރަށް ރަނގަޅުކަމަށާއި، މިހާތަނަށް މައްސަލަޖެހިފައިއޮތީ މިވާހަކަ ވިދާޅުނުވާތީކަމަށާއި ރައީސް މިކަން އިޢުލާން ކުރެއްވި ހިސާބުން މާލޭ ރައްޔިތުންނަށް މިވަނީ ވަރަށް ބޮޑު އުއްމީދެއް ލިބިފައިކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *