ޤަވާއިދާއި ޚިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ މައްސަލައިގެ ކަން ހިނގާފައިވާ ގޮތުގެ ތަފްސީލް ރިޕޯޓެއް ހަދާ ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފިޝަރީޒް މިނިސްޓްރީއަށް އަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އެންގެވީ، ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނިތަކެއް މަރާލުމާގުޅިގެން އެކަމުގެ ކަންބޮޑުވުން ގިނަބަޔަކު ސޯޝަލް މީޑިއާގައި ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ޤަވާއިދާއި ޚިލާފަށް އެތެރެކުރި 120 ދޫނި ނައްތާލީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ ޕްލާންޓް އެނިމަލް ކަރަންޓީނު ޔުނިޓް ތެރޭގައެވެ. މިއީ އެތަނުގައި 3 ނުވަތަ 4 މަސް ވަންދެން ހުރި ދޫނިތަކެކެވެ.
މިކަމާއި ގުޅިގެން ކަން ހިނގި ގޮތުގެ ތަފްސީލީ ރިޕޯޓެއް ހަދާ ރައީސް އޮފީހަށް ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާއިރު، ދޫނިތައް މަރާލުމުގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފެއްގެ އިހްމާލެއް އޮތް ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ފިޝަރީޒް މިނިސްޓްރީންވެސް ވަނީ މިއަދު ވިދާޅުވެފައެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ނައްތާލި ދޫނިތަކަކީ މީގެ ދެ ތިން މަސް ކުރިން ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައި ހުރި ދޫނިތަކެކެވެ. އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ދޫނިތައް ނައްތާލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެ ދޫނިތައް ނައްތާލުމުގެ ބަދަލުގައި އެތަކެތި އަނބުރާ ފޮނުވާލެވޭނެގޮތަށް ނުވަތަ އެނޫންވެސް ރަނގަޅު ގޮތްތަކެއް ޤާނޫނުން ހޯދަން ޖެހޭކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ.