Ad

އުންމީދަކީ ޝައިހާން ޤައުމީ ޓީމަށް ކުޅޭތަން ފެނުން: ކީޕަރު އިމްރާން

އީގަލްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބައިކޮޅަށް އެންމެ ގޯލެއްވެސް ނުވަދ

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ވިދާލި އެއް ކުޅުންތެރިޔަކީ ކްލަބް އީގަލްސްގެ ގޯލްކީޕަރު ޝައިހާން އަލީއެވެ. އީގަލްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބައިކޮޅަށް އެންމެ ގޯލެއްވެސް ނުވަދެއެވެ. ތ. ވަންދުއަށް އުފަން ޝައިހާން އަލީއަކީ މި މުބާރާތަށް ޚާއްޞަކޮށް އެކުލަބަށް ގެންދިޔަ ކުޅުންތެރިޔެވެ. އީގަލްސްގެ ކޯޗް ނިމާބުނީ އުންމީދު ކުރި ގޮތަށް ޝައިހާންގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށެވެ.

"ޝައިހާނުގެ ވާހަކަ އަޑުއިވުމުން މީގެ 1 މަސް ކުރިން އޭނާ ހޯދުމުގެ މަސައްކަތް ފެށިން. ނަމަވެސް އޭނަ އަދި ޅަ ވީމަ އޭނަ ފޮނުވަން ފެމިލީއިން އިދިކޮޅު ހެދި. ދެން ރަށުގެ ކައުންސިލް މެމްބަރުންނާ އޭނަ ފެމިލީއާ ވާހަކަދައްކައިގެން ވަރަށް މަސައްކަތުން ޝައިހާން މި ލިބުނީ. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން މި ހުރިހާ ފަރާތްތަކަށް. ޝައިހާން ވަރަށް ބޮޑަށް ކުޅޭ ހިތުން ހުރީ. އޭނައަށް އެ ފުރުޞަތު މި ލިބުނީ އެންމެން ކުރި މަސައްކަތުން. މުބާރާތް ފެށެން 2 ދުވަހަށް ވެފަ އިންދަ ޝައިހާން ޓީމާ ގުޅުނީ. އެކަމަކު މި މުބާރާތުގައި އޭނާ ވަރަށް މޮޅަށް ކުޅެފި." މުބާރާތުގެ އެންމެ މޮޅު ކޯޗްގެ މަޤާމް ހޯދި ނިމާ ބުންޏެވެ.

ޝައިހާން އީގަލްސްއަށް ސޮއިކުރުމަށްފަހު ފުރަތަމަ ޕްރެކްޓިސްގައި، މިއީ މިފަދަ މުބާރާތެއްގައި އޭނާ ކުޅުނު ފުރަތަމަ ފަހަރު

ނިމާ ބުނީ މޮޅު ކީޕަރަކަށް ވުމުގެ ކޮލިޓީ ޝައިހާންގެ ކިބައިގައި އެބަހުރިކަމަށާއި ޒުވާން ޤައުމީ ޓީމު އެކުލަވާލާއިރު އެޓީމުގައި ޝައިހާން ހިމެނޭނެކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

"މި މުބާރާތް ނިމުމާއެކު 19 އަހަރުން ދަށުގެ ޤައުމީޓީމު އެކުލަވާލާނެ. ޝައިހާން އެޓީމުގެ ނަމްބަރ 1 ނޫނީ ނަމްބަރ 2 އަށް ވާދަ ކުރާނެ. ޔަޤީނުންވެސް 3 ކީޕަރުންގެ ތެރޭގައި ހިމެނޭ ފެންވަރުގެ ކީޕަރެއް ޝައިހާނަކީ. އެހެންވީމަ އޭނައަށް އެލިބުނީ ކުރިއަށްދާން އިތުރު ފުރުޞަތެއް. ދެން އޮތީ ޝައިހާންގެ ހިއްވަރެއް." އީގަލްސްގެ ކޯޗް ނިމާ ބުންޏެވެ.

ކީޕަރު ޝައިހާން ބޯޅަ ހިފަނީ: ފޮޓޯ/ އެފްއޭއެމް

ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުޙައްމަދު ބުނީ ޝައިހާނަކީ ވަރަށް އުންމީދީ ގޯލްކީޕަރެއްކަމަށާއި ހިއްވަރާއެކު މަސައްކަތްކޮށްފިނަމަ އެކަން ހާސިލްވާނެ ކަމަށެވެ.

"ވަރަށް އުފާވި ޝައިހާންއާ ބައްދަލުވީމަ. އަދި އޭނަގެ ވާހަކަތައް އަޑުއަހާލުމުން އެނގިގެންދިޔައީ މޮޅު ކީޕަރަކަށް ވުމަށް ހުރި ޝައުޤުވެރިކަން. ހިއްވަރާއެކު މަސައްކަތްކުރުމުން އިރާދަކުރެއްވިއްޔާ އެކަން ހާސިލްވާނެ. އަޅުގަނޑުގެ ފަރާތުން ޒުވާން ކީޕަރުންނަށް އަބަދުވެސް އެހީތެރިކަން ލިބޭނެ. އުންމީދަކީ ޝައިހާން ޤައުމީ ޓީމަށް ކުޅޭތަން ފެނުން". ރާއްޖޭގެ ޤައުމީ ޓީމުގެ ގޯލު މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު ބެލެހެއްޓި ކީޕަރު އިމްރާން މުޙައްމަދު ބުންޏެވެ.

މިމުބާރާތަށް ޝައިހާން ފޮނުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ފަރާތަކީ ވަންދޫ ކައުންސިލްގެ ނައިބްރައީސް ހުސެއިން އަފީފެވެ. އީގަލްސްގެ ކޯޗް ނިމާއާއި ޝައިހާންވެސް އެކަން ފާހަގަކުރެއެވެ. ހުސެއިން އަފީފު ވިދާޅުވީ، ރަށުގައި ތިބި ޒުވާން ހުނަރުވެރި ކުދިންނަށް ފުރުޞަތު ފަހިކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިބަލަނީ ޒުވާން ކުދިންނަށް ފުރުޞަތުތައް ހޯދައިދީގެން އެކުދިން ކުރިއަރުވަން. ވަންދޫ ތަމްސީލް ކުރުމަށް ކޮންމެ ކުއްޖަކު ދިޔަޔަސް އެންމެ ގާތުގައި އަޅުގަނޑުމެން ތިބޭނަން. އެކަން އަޅުގަނޑުމެން ކުރާނަން. ފުރުޞަތު ހޯދައިދޭނަން. އެހީތެރިކަން ފޯރުކޮށްދޭނަން. ޝައިހާން އަލީއަކީ ވަރަށް ޑިސިޕްލިން ކޮންމެ ކަމެއް ވެސް ވަރަށް ކުރާ ހިތުން ކުރާ ކުއްޖެއް. މި މުބާރާތަށް ޝައިހާން ރަށުން ފުރިއިރު އަޅުގަނޑު އެދުނީ އެންމެ ކަމެއް ކޮށްދިނުމަށް. އެއީ ޝައިހާން ސާބިތުކޮށްދޭށޭ އެއީ ފެންވަރު ހުރި ކުއްޖެއްކަން. އޭނައަށް އެކަން ވާނެކަން. އެކަން އޭނާ މިއަދު ސާބިތުކޮއްދީފި. އެހެންވެ ވަރަށް އުފަލުން މިހިރީ." ވަންދޫ ކައުންސިލްގެ ނައިބް ރައީސް ހުސެއިން އަފީފު ވިދާޅުވިއެވެ.

މެޗަށްފަހު ވަންދޫ ކައުންސިލްގެ ނައިބްރައީސް ހުސެއިން އަފީފާއެކު ޝައިހާނު އުފާފާޅުކުރަނީ

މުބާރާތުގެ ފައިނަލް މެޗް ކުޅުނީ ފ. ނިލަންދޫ ޓާފް ދަނޑުގައެވެ.  ޝައިހާން އަށް ސަޕޯޓްކުރުމަށް ވަންދޫއިން ގިނަ އަދަދެއްގެ ބަޔަކު ނިލަންދޫއަށް ގޮސް މުޅި ދަނޑު ގުގުމާލާފައިއޮތީ ކީޕަރު ޝައިހާންގެ އަޑުންނެވެ.

މެޗް ބަލަންދިޔަ ވަންދޫގެ ރައްޔިތުން ޝައިހާނަށް ސަޕޯޓްކުރަނީ:/ ފޮޓޯ: އަދަދު ސްޕޯޓްސް

މެޗަށްފަހު އިރުވަރު ނޫހާ ވާހަކަަދައްކަމުން ޝައިހާން ބުނީ މިވަރުގެ ސަޕޯޓެއް ލިބިދާނެކަމަށް ކުރިން އުންމީދުވެސް ނުކުރާކަމަށާއި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން ކޯޗް ނިމާއަށާއި ވަންދޫގެ ރައްޔިތުންގެ އިތުރުން އީގަލްސްގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް. ޚާއްޞަކޮށް ހުސެއިން އަފީފު. އަދި ރަށުގެ ހުރިހާ ކައުންސިލަރުންނަށާއި ނެވިން އެފްސީއަށާއި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން." އީގަލްސްގެ ގޯލްކީޕަރު ޝައިހާން ބުންޏެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމަކީ އީގަލްސްއެވެ. ހަތް ފަހަރު ފައިނަލުގައި ވާދަކޮށް ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *