Ad

މަޑިވަރަށް މޯލްޑިވިއަންގެ ދަތުރުތައް ހުކުރުދުވަހު ފަށަނީ

ޅ. މަޑިވަރު އެއާޕޯޓަށް ދަތުރުތައް އަންނަ ހުކުރުދުވަހު ކޮމާޝަލް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

ކޮމާޝަލް ދަތުރުތައް އިފްތިތާހުކުރުމުގެ ގޮތުން މިމަހުގެ 18 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއް މަޑިވަރަށް ދަތުރުކުރުމާއި އެކު، މަޑިވަރަށް ޝެޑިއުލް ދަތުރުތައް ފެށިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރައްވާފައިވެއެވެ.

މަޑިވަރު އެއަރޕޯޓްގެ ދެކޮޅު ޓިކެޓްގެ އަގަކީ 2،058 ރުފިޔާކަމަށާއި ކޮންމެ ދުވަހަކުވެސް ޝެޑިއުލް ފްލައިޓްތައް ބާއްވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ހާމަކުރައްވާފައެވެ.

މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމާ އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގގެ ފަރާތުން ތަރައްޤީ ކޮށްފައިވާ މަޑިވަރު އެއަރޕޯޓް ހިންގުމަށް ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގައެވެ.

މަޑިވަރުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވަނީ 1200 މީޓަރުގެ ރަންވޭއަކާއި، އެއަރކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެެއް ވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން އެއަރޕޯޓުގެ ޓަރމިނަލް އިމާރާތާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމާ، ގްރައުންޑް ހޭންޑްލިންގއަށް ބޭނުންވާ ސާމާނު ގެންގޮސް ވަނީ އިންސްޓޯލްކޮށްވެސް ނިމިފައެވެ.

މަޑިވަރު އެއަރޕޯޓް ހިންގުމާއި އައިލެންޑް އޭވިއޭޝަނުން ހަވާލުވެފައިވާއިރު މިވަގުތު އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދަނީ 3 ޑޮމެސްޓިކް އެއަރޕޯޓެއް ހިންގަމުންނެވެ. އެއީ ބ.ދަރަވަންދޫ، ތ. ތިމަރަފުށި އަދި ރ. އިފުރު އެއަރޕޯޓެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ދަނީ ނ. މާފަރުގައި އިންޓަރނޭޝަނަލް އެއާޕޯރޓެއްވެސް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *