Ad

ޅ. މަޑިވަރު އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ޅ. މަޑިވަރު އެއަރޕޯޓް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ހުޅުއްވާ ދެއްވައިފިއެވެ.

މަޑިވަރު އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ފާދިއްޕޮޅަށް އުފަން ރައްޔިތެއްގެ ހައިސިއްޔަތުން މަޑިވަރު އެއަރޕޯޓް ހުޅުވިގެންދާކަމީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނުހަނު ބޮޑު އުފަލެއްކަމަށެވެ. އަދި މިއީ މުޅި ފާދިއްޕޮޅުގެ ތަރައްޤީއާއި ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ މުހިއްމު މަޝްރޫޢެއްކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑިވަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަކީ ފާދިއްޕޮޅުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ދެކެމުންދިޔަ ހުވަފެނެއްކަމަށާއި، މަޑިވަރުގައި އެއަރޕޯޓެއް އެޅުމަކީ މީގެ 16 އަހަރުކުރިން ރައީސް މަޢުމޫނުގެ ވެރިކަމުގައި ކުރަން ނިންމާފައި އޮތްކަމެއްކަމަށެވެ. އަދި އޭރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކާއެކު، އެކަން ދިގުލައިގެން ދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ކުރެއްދޫ ހޯލްޑިންގްސްއިން ކުރި ބޮޑު އިންވެސްޓްމަންޓާއެކު މަޑިވަރުގައި ހުޅުވިގެންދިޔަ އެއަރޕޯޓަކީ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ޤާއިމުކޮށްފައިވާ ފުރިހަމަ އެއަރޕޯޓެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޑިވަރު އެއަރޕޯޓާއެކު މާލެއިން އުތުރުގެ ހުރިހާ އަތޮޅެއްގައި މިހާރު އެއަރޕޯޓުތައް ޤާއިމުކުރެވިގެންގޮސްފައިވާކަމަށާއި މިއަހަރުގެ ތެރޭގައި އިތުރު 2 އެއަރޕޯޓެއް ހުޅުވިގެންދާނެކަމަށެވެ.

މަޑިވަރު އެއަރޕޯޓް ރަސްމީގޮތުން ހުޅުވުމުގެ ގޮތުން މިއަދު އެ އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އެވިއޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ރަމްޒީ ބޯޑިންގ ފާހެއް ވެދުމަށް އެރުވިއެވެ. އަދި ކުރެއްދޫ ހޯލްޑިނގް ލިމިޓެޑް ގެފަރާތުން ހަނދާނީ ފިލައެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އައިލެންޑް އެވިއޭޝާންގެ ފަރާތުން ބޯޑިން ފާސް ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދެވެ.

ކުރެއްދޫ ހޯލްޑިންގ ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިނގް ޑިރެކްޓަރ މުޙައްމަދު މޫސާއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންގެ ފަރާތުން އައިލެންޑް އެވިއޭޝަނަށް އެރޯޑްރޯމް ސެޓިފިކޭޝަން ހަވާލުކޮށްދެއްވުން އޮތެވެ.

ޅ. މަޑިވަރު އެއަރޕޯޓަކީ ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގގެ ފަރާތުން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓް ހިންގާ ބެލެހެއްޓުމަށް ހަވާލުވެފައި ވަނީ އައިލެންޑް އެވިއޭޝަން ސަރވިސަސް ލިމިޓެޑެވެ. މަޑިވަރު އެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއެކު އެއް ފަހަރާ ހަތަރު މަތިންދާ ބޯޓަށް ޚިދުމަތް ދެވެންހުރެއެވެ. ހަމަ އެހެންމެ ޓަރމިނަލުގައި އާންމު ފަސެންޖަރުންގެ އިތުރުން 80 މީހުންގެ ޖާގައިގެ ވީއައިޕީ ލައުންޖެއް ވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރުގެ އިތުރުން ހިންނަވަރު، ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *