Ad

އޮޅުވެލިފުށި ރައްޔިތުންނާއި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ރައީސުލްޖުމްހޫރިއްޔާ އަށް ޝުކުރު އަދާކޮށްފި

ފާދިއްޕޮޅު އޮޅުވެލިފުށި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އޮޅުވެލިފުށީ ރިސޯސް ސެންޓަރުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަނދަރުގެ ޖާގައިގެ ދަތިކަމާއި ހެލްތު ސެންޓަރުގެ ޚިދުމަތް ރަނގަޅުކޮށް ލެބޯޓްރީގެ ޚިދިމަތް ބޭނުންވާކަމާއި، ގިރާ ސަރަހައްދު ހިމާޔާތްކުރުމާއި ގޯތި ދޫކުރާނެ ބިންނެތުމުގެ މައްސަލައާއި ކައުންސިލު އިމާރާތުގެ ޖާގައިގެ ދަތިކަން އަދި އޭޓީއެމްގެ ޚިދުމަތާއި އަދި އެ ނޫންވެސް ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޮޅުވެލިފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެ ކޮމެޓީގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އައު އިމާރާތެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު އޮޅުވެލިފުށްޓަށް ވަޑައިގެންނެވުމުން ރައްޔިތުން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު އޮޅުވެލިފުށީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ އިތުރު ތަފްޞީލުތައް ހާމަކުރައްވާފައެވެ. އެގޮތުން މިހާރު ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމާއި ފުޓްބޯޅަ ދަނޑުގައި ޓާފްއަޅައި ނިމިފައިވާކަމަށާއި ދަނޑު ފުރިހަމަކުރުމަށް އިތުރަށް ކުރަންޖެހޭ ކަންކަންވެސް ސަރުކާރުން ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު އޮތް ބަނދަރު ބޭރަށް ޖައްސައި އައު ބަނދަރެއް ހެދުމަށް ކައުންސިލުން އެދިލެއްވި ކަމަށާ އެކަމުގައި ކުރަންޖެހޭ ޓެކްނިކަލް ސާރވޭތައް ކުރުމަށްފަހު ގެންނަންޖެހޭ ބަދަލުތައް ކައުންސިލާ ހިއްސާކޮށް، އެ މަޝްރޫޢު ކުރިޔަށްގެންދަވާނެގޮތަކާއި ގުޅޭގޮތުން ކަައުންސިލާ މަޝްވަރާ ކުރައްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޮލުވެލިފުށީގައި މިހާރުވެސް 80 ކިލޯވޮޓްގެ ސޯލާ ޕެނަލް ޤާއިމުކޮށްފައިވާކަމަށާއި ސަރުކާރުގެ އަމާޒަކީ މުޅި ރަށުގެ ކަރަންޓް ސޯލާއަށް ބަދަލުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސްކޫލްގައި މިހާރު ޤާއިމުކުރަން ހަމަޖެހިފައި އޮތް 8 ކްލާސްރޫމްގެ ބަދަލުގައި ދެން ކުރިޔަށްގެންދާނީ 10 ކްލާސްރޫމަށް ބަދަލުކޮށްގެންކަމަށާއި އޭގެ ބޭނުމަކީ ސްކޫލުގެ ކިޔެވުން ސިންގަލް ސެޝަނަށް ބަދަލުކުރެވޭގޮތް ހެދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތާއެކު އެ މަރުކަޒުގައި ރައްޔިތުންނަށް ބޭނުންވާ އިތުރު ޚިދުމަތްތައް ވެސް ތަޢާރަފު ކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ކައުންސިލުގެ ބައްދަލުވުމުގައި އެދުނު ފަދައިން އެރަށުގައި ޖިމެއް ޤާއިމުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މުސްތަޤްބަލުގައި ފާދިއްޕޮޅުގެ ތަރައްޤީވެގެންދާނެ ސަރަހައްދަކީ އޮޅުވެލިފުށި ހިމެނޭ ސަރަޙައްދުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ އެގޮތަށް އަމާޒުހިފައިގެންކަމާއި އެގޮތުން ބޭނުންވާ ވަޞީލަތްތައްވެސް މިސަރަޙައްދުގައި ޤާއިމުކޮށްދެއްވަމުން ގެންދަވާނެކަމުގައެވެ. ރައްޔިތުންނާއެކު މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ތެރެއިން ހުށަހެޅި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވަނީ ޖަވާބުދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އޮޅުވެލިފުށްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އޮޅުވެލިފުށީ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލުގެ ޙާލަތު ބައްލަވާލައްވައި ސްކޫލަށް އެންމެ ދަތިވާކަންކަމާގުޅޭގޮތުން ސްކޫލްގެ އިސްވެރިންގެ ފަރާތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި މި ދަތުރުފުޅުގައި އޮޅުވެލިފުށީ ޞިއްޙީ މަރުކަޒަށްވެސް ޒިޔާރަތްކުރައްވައި އެމަނިކުފާނު ވަނީ އެތަނުގެ ޙާލަތު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އޮޅުވެލިފުށީގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލްކަމުގައިވާ ކުރެންދޫއަށް މިއަދު ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *