Ad

ދިވެހިރާއްޖޭގައި ދިވެހި ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިރާއްޖޭގައި ދިވެހި ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް "މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް" އެޅުމުގެ މަސައްކަތުގައި ސޮއިކޮށްފިއެވެ. ދިވެހި ސަރުކާރުން ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު މީގެކުރިން ދިވެހި އެހެން ބައެއް ކުންފުނިތަކުންވެސް ވަނީ ރާއްޖޭގައި ކޭބަލް އަޅާފައެވެ.

ދިވެހި ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ. ކްރޮސްރޯޑް މޯލްޑިވްސްގައި އޮތް ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސަރުކާރުގެ %100 ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ޗެއަރޕާސަން ރިޔާޒް މަންސޫރުއެވެ. އަދި ރިލަޔަންސް ޖިއޯ ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ ރައީސް އަދި ބޯޑު މެންބަރު މެތިއު އޫމަންއެވެ.

ދިވެހި ސަރުކާރުން މި ކޭބަލް އަޅަނީ ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ޙިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވީ، މި މަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށެވެ. މިއާއިއެކު މުޅި ރާއްޖެއަށް ހަލުވި އަދި އަވަސް ސްޕީޑްގެ އިންޓަނެޓްގެ ޙިދުމަތެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެތިއު ވިދާޅުވީ، މިއީ ރާއްޖެއަށްވެސް އަދި މުޅި މި ސަރަހައްދަށްވެސް ވަރަށް މުހިންމު ދުވަހެއްކަމަށެވެ. ރާއްޖެއަކީ އިންޑިއާގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އޮތްއިރު ޖިއޯ ކުންފުނިންވެސް މި ރަހުމަތްތެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭކަން ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. މި އެއްބަސްވުމާއިއެކު އެއް އަޒުމެއްގައި ޖިއޯ ކުންފުންޏާއި އަދި ދިވެހި ސަރުކާރާއިއެކު ޑިޖިޓަލް ޓެކްނޮލޮޖީ ކުރިއެރުވުމަށް މަސައްކަތް ކުރާނެކަމަށާއި މި ކޭބަލްގެ ސަބަބުން ރާއްޖެއާއި މި ސަރަހައްދުގެ އެހެން ގައުމުތަކާއި ގުޅި ލާމެހިގެންދާނެކަމަށް މެތިއު ވިދާޅުވިއެވެ.

މި ކޭބަލް މެދުވެރިކޮށް ރާއްޖެއާއި މުންބާއީއާއި، ސިންގަޕޫރާއި މި ސަހަރައްދުގެ އެހެން ސަރަހައްދުތަކާވެސް ގުޅާލެވޭނެއެވެ. އަދި މި ކޭބަލްގެ ސަބަބުން މި މިސަރަހައްދުގެ ވިޔަފާރި ކުރިއަރައިގެންދާނެކަމަށާއި، މިއީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ރާއްޖެއިން ކުރާ މަސައްކަތައް ލިބިގެންދާ ކުރިއެރުމެއްކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *