ޖުޑިޝަލް ސާރވިސް ކޮމިޝަން މިވަގުތު އޮތީ ރައީސުލްޖުމުހޫރިއްޔާއަށް ކޮންޓްރޯލް ކުރެވޭގޮތަށް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލިޑަރ، ދަނގެތި ދާއިރާގެ މެމްބަރ މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީ ލީޑަރ އަދި ދަގެނތި ދާއިރާގެ މަޖިލިސް މެމްބަރ ނާޒިމް މިހެން ވިދާޅުވީ، ޖޭއެސްސީ އިސްލާކުރުމަށް މަހިބަދޫ ދާއިރާގެ މެމްބަރ ތޯރިޤު ހުށަހެޅުއްވި ހުށަހެޅުމާއި ބެހޭގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ބަހުސް ކުރައްވަމުންނެވެ.
"މިހާރު އެކުލެވިފައި އޮންނަ ގޮތުން އެއިރެއްގައި ހުންނަވާ ރައީސުލްޖުމުހޫރިއްޔާއަކަށް ޖޭއެސްސީ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވުމުގެ އިޚްތިޔާރު ވަރަށް ބޮޑަށް އެބަލިބޭ" ނާޒިމް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައިވާ ގޮތަށް ބަލާއިރު ސިޔާސީ ނުފޫރުޒުގެ ތެރެގައި އޮތްތަން ވަރަށް ބޮޑަށް އެބަފެންނަ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދަންނަ އަދި އަޅުގަނޑުމެން ޤަބޫލުކުރާ ޤާނޫނު އަސާސީގެ ހަމައަކީ 3 ބާރު ވަކިވެފައި އޮތް ހަމައެއް. އެގޮތުން ޖުޑިޝަރީ އަކީ މިނިވަން ކަމާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބެންޖެހޭ ތަނެއް ކަމަށް ޤަބޫލުރަނި" ނާޒިމް ވިދާޅުވިއެވެ. އެހެން ނަމަވެސް ޖޭއެސްސީގެ ކޮމްޕޮސިޝަން އޮތްގޮތަށް ބަލާއިރު މިނިވަން ކަމާޢި އެކު ޖޭއެސްސީއަށް މަސައްކަތް ކުރެވިދާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށާއި އެހެންކަމުން މަހިބަދޫ ދާއިރާގެ މެމްބަރ ހުށަަޅުއްވާފައިވާ އިސްލާހަކީ ކޮންމެހެންވެސް ގެންނަން ޖެހޭ އިސްލާހެއް ކަމަށް ނާޒިމް މިއަދު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި 2 ސަރުކާރަކުން ޖޭއެސްސީ ބޭނުންކޮށްގެން އެމީހުން ބޭނުންވާ ކަންކަން ހާސިލުކުރަމުން ދިޔަތަން ފެނިފައިވާ ކަމަށެވެ. ޖުޑިޝަރީ ތެރޭގައި ޤަބޫލުނުކުރެވޭކަހަލަ އެތައް ކަމެއް ހިންގާފައިވާ ކަމަށް ދަނގެތި ދާއިރާގެ މެމްބަރ މުޙައްމަދު ނާޒިމް މިއަދު ވިދާޅުވިއެވެ.
މިހާތަނަަށް ޖޭއެސްސީއާއި އާއި ބެހޭގޮތުން ހެދިފައިވާ ދިރާސާތަކާއި ނެރެފައިވާ ރެޕޯޓްތަކަށް ބަލާލުމުން ޖޭއެސްސީ އޮތްގޮތް ރަނގަޅުނޫންކަން އަދި ސިޔާސީ ނުފޫޒު އޮތްކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތްކަމަށްވެސް ނާޒިމް މިއަދު ވިދަޅުވިއެވެ. މިގޮތުން ބައެއް ރިޕޯޓްތަކުގައި ބުނެފައިވަނީ ޖޭއެސްއެސީގައި ތިބެންޖެހޭނީ ރިޓަޔަރ ކޮށްފައިވާ ޤާނޫނީ ފަރާތްތަކާއި ތައުލީމީ ފަރާތްތައް ކަމަށާއި ސިޔާސީ މީހުން އެއްވެސް މިންވަރަކަށް ހިމެނިގެން ނުވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މިހާރު އޮތް ސަރުކާރުގެ ކުރިން އޮތް 2 ސަރުކާރުގައި މުޙައްމަދު ނާޒިމް ވަނީ ޑިފެންސް މިނިސްޓަރުކަން ކުރައްވާފައެވެ.