ދިވެހި ފުލުހުންގެ ހިދުމަތުގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ދާއިރާ ތަރައްގީކުރުމަށްޓަކައި 2.4 މިލިޔަން ރުފިޔާގެ ތަކެތީ ހަވާލުކުރުމަށް ޗައިނާއިން ނިންމައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ދާއިރާ ތަރައްގީކުރުމަށްޓަކައި ބޭނުންވާ ތަކެތި ހަވާލުކުރުމާއި ގުޅޭގޮތުން ޗައިނާ ސަރުކާރާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޗައިނާ ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އައިސީޓީޑީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށްޓަކައި ހަވާލުކުރި ތަކެތީގެ އަގަކީ 1 މިލިއަން ޔުއާން ނުވަތަ 2.4 މިލިޔަން ރުފިޔާއެވެ.
އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ މިސް ވާން ލީޒީންއެވެ.
Pleased to sign and exchange notes of equipment assistance from the Chinese government to Maldives Police Service, which will help @PoliceMv strengthen capacity building and improve law enforcement efficiency. Looking forward to more fruitful collaboration between the two sides! pic.twitter.com/xRaM1OMfe0
— Ambassador Wang Lixin (@China_Amb_Mdv) February 22, 2022
މިރަސްމިއްޔާތުގައި މިސް ވާން ލީޒީން ދެއްކެވި ވާހަކަފުޅުގައި މިއަހަރަކީ ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރިގެންދާ އަހަރުކަން ފާހަގަކުރައްވައި ފާއިތުވި އަހަރުތަކުގައި އެކިގޮތްތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން މި ގުޅުމުގެ ތެރެއިން ލޯއެންފޯސްމަންޓް ދާއިރާ ތަރައްގީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މުހިންމު އިސްކަމެއްދޭ ދާއިރާއެއްކަން ފާހަގަކުރައްވައި، މިއަދު ދިވެހި ފުލުހުންގެ ހިދުމަތަށް ހަވާލުކުރާ ތަކެއްޗާއެކު އައިސީޓީޑީ ދާއިރާގެ ކެޕޭސިޓީ ވަރުގަދަކޮށް، މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ހިއުމަން ރިސޯސަސް އާއި ކެޕޭސިޓީ އަދި ވަސީލަތްތައް ތަރައްގީކުރުމުގައި ޗައިނާގެ އެހީތެރިކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 2022 އަދި 2023 ވަނަ އަހަރަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް އަދި ކޯޕަރޭޓް ޕްރައޯރިޓީތައް ކަނޑައަޅާ ނިމިފައިވާކަމަށާއި މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ކުރާ މަސައްކަތަށް މިއަދު ލިބިގެންދާ ތަކެތީގެ ސަބަބުން ފައިދާވެގެންދާނެކަމަށެވެ. އަދި ފުލުހުންގެ އައިސީޓީޑީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ޗައިނާއިން ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.