ރިވެތި އިރުޝާދު ދޭ ބޯޑުތައް މާލެ ސިޓީގެ މަގުތަކުގައި ހަރުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ 3.8 ގައި ހިމެނިފައިވާ “މާލޭގެ އެކި ސަރަޙައްދުތަކުގައި ލެޑް ބިލްބޯޑް/ސައިން ބޯޑު ބެހެއްޓޭނެ ތަންތަން ކަނޑައަޅައި، ބަހައްޓައި ހިންގުމުގެ” ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމެކެވެ.
މާލޭގެ އެކި ސަރަޙައްދުތަކުގައި ޑިޖިޓަލް ބިލްބޯޑް ނުވަތަ ސައިން ބޯޑު ބެހެއްޓޭނެ ތަންތަން ކަނޑައަޅައި، ޢަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 41 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.
ސިޓީ ކައުންސިލުން ހާމަކުރެއްވިގޮތުގައި ރިވެތި އިރުޝާދު ދޭ ބޯޑުތައް މާލެ ސިޓީގެ މަގުތަކުގައި ހަރުކުރުމުގެ އަމާޒަކީ މުޖްތަމަޢުގައި ނެތެމުންދާ ރިވެތި އާދަތައް ހަރުދަނާގޮތެއްގައި ދެމެހެއްޓުން ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ މާލެ ސިޓީ ކައުންސިލަށް ވީހާވެސް ޚަރަދު ކުޑަވާނެ ނިޒާމެއްގެ ތެރެއިންނެވެ. މިގޮތުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ ސައިން ބޯޑް އަދި ލެޑް ބޯޑް ބަހައްޓާއިރު މީހުންނަށް އުނދަގޫ ނުވާ ގޮތަށް ބަހައްޓައި، ބޯޑުތަކުގެ ލައިޓާއި ސައުންޑް ބެލުމާއި، ވިޔަފާރި އުޞޫލުން އަމިއްލަ ފަރާތްތަކުން ބޭނުންކުރާ ލެޑް ބޯޑުތައް އުޞޫލެއްގެ ތެރެއިން ތަރުތީބުވެގެންދާ ގޮތަށް ކުރިއަށް ގެންދިއުމަށެވެ. އަދި މިކަމަށް އެކަށީގެންވާ ސަރަޙައްދުތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ފަންނީ މީހުންގެ އިރުޝާދާއި ލަފާގެ މަތިންނެވެ.
މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ ދުނިޔޭގެ ތަހުޒީބު ޤައުމުތަކެކޭ އެއްފަދައިން ކުރިއަށް އޮތް ތަނުގައި މި ސައިން ބޯޑުތައް މެދުވެރިކޮށް ޓްރެފިކް ލައިވް އަޕްޑޭޓް ދެނެގަތުމާއި މަގުބަންދާ ބެހޭ ލައިވް އަޕްޑޭޓް ފަދަ ޚާއްޞަ މެސެޖުތައް ދެވޭނެ ނިޒާމް ޓްރެފިކް ޕޮލިހާއި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ޤާއިމްކުރުމެވެ.
މީގެ އިތުރުން މާލެ ސިޓީގެ މަގުތަކުގައި ހިނގާ ބިނގާވެ އުޅޭ އެކި އުމުރުފުރާގެ މީހުންނާ ގުޅުންހުރި އިރުޝާދުތައް ހިމެނޭގޮތަށް ބޯޑުތަކެއް ބެހެއްޓުމަށް ވެސް ސިޓީ ކައުންސިލުގެ މި ޖަލްސާގައި ވަނީ ނިންމާފައެވެ. މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.7 ގައިވާ ކަމެކެވެ.