Ad

ނާއިބު ރައީސް ފައިސަލް، ރައީސުލްޖުމުހޫރިއްޔާގެ ޒިންމާތަކާއި ވަގުތީގޮތުން ހަވާލުވުމުގެ ހުވާކުރައްވާނީ މިރޭ ފަތިހު 5:50 ގައި

ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ވަގުތީ ގޮތުން ނާއިބު ރައީސްއާ ހަވާލު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާތީ އެ މަސްއޫލިއްޔަތުގެ ހުވާ ކުރެއްވުން މިރޭ ފަތިހު 5:50 ގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރައީސް ސޯލިހް މިވަގު ގެންދަވަނީ ސިންގަޕޫރުގައި ތައިރޮއިޑް ބައްޔައް ފަރުވާކުރައްވަމުންނެވެ. ރައީސް ސޯލިހް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް މާދަމާ ހެނދުނު އެމަނިކުފާނުގެ ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިބާ ބާރުތައް އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް އާއި ހަވާލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރެއްވިގޮތުގައި ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރެއްވާނީ މިރޭ ފަތިހު 5:50 ގައި ރައްޔިތުންގެ މަޖިލީހުގައެވެ.

އެކަމުގެ އިންތިޒާމު މިހާރު ދަނި ހަމަޖައްސަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މަޖިލީސް އަދި ސުޕްރީމް ކޯޓް ގުޅިގެން އެކަމުގެ ތައްޔާރީތައް ކުރިއަށް އެބަ ގެންދެއެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މިމަހުގެ 10 ވަނަ ދުވަހު ނުރަސްވީ ދަތުރުފުޅެއްގައި ވެސް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެކަނބަލުން އެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އެމަނިކުފާނުގެ ނާއިބާ ހަވާލުކުރައްވަން ނިންމަވާފައިވާއިރު މިއީ ފަހުގެ ތާރީހެއްގައި ނާއިބު ރައީސްގެ އަތްޕުޅަށް ވެރިކަމުގެ ބާރުތައް ބަދަލުވާ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *