Ad

ރައީސް ސޯލިޙުގެ ހަރުދަނާ ލީޑަރޝިޕް! ނައިބް ރައީސްގެ 210 މިނެޓް!

ބޭސްފަރުވާއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ 23 ފެބުރުއަރީ 2022 އެވެ.

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގަންނަވަމުން 23 ފެބުރުއަރީ 2022 ގެ މެންދުރު 12:32 ގައި ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ " ޑޮކްޓަރުގެ ލަފާގެމަތިން އަޅުގަނޑު  ތައިރޮއިޑް  ފަރުވާއަކަށް  މިއަދު ސިންގަޕޫރަށް  އެބަ  ފުރަން. މާތް ﷲގެ ވާގިފުޅާއެކު  ފަރުވާގެ  ކަންތައް  ފުރިހަމަވެ، ލަސްނުވެ  މަސައްކަތަށް  އެނބުރި  އާދެވޭނެ" މިފަދައިންނެވެ.

ރައީސް ތަހައްމަލުކުރައްވަމުން ގެންދަވާ ބަލީގެ ތަފުސީލު، ސީދާ ރައީސް ހާމަކުރެއްވުމުން ބައެއް މީހުން ހައިރާންވިއެވެ. އެއީ މީގެކުރިން ދިވެހި ވެރިޔަކު މިކަން ކުރައްވާފައި ނެތީމައެވެ. ނަމަވެސް ތައިރޮއިޑްގެ އާލާސްކަންފުޅެއްގައި ރައީސް އުޅުއްވާކަން ރައީސް ހާމަކުރެއްވުމުން ދިވެހި ރައްޔިތުންގެ ލޯތްބާއި ހަމްދަރުދީ ރައީސް ސޯލިހުގެ މައްޗަށް އޮހެން ފެށިއެވެ.

ސިންގަޕޫރަށް ފުރާވަޑައިގަންނަވަމުން ރައީސް ސޯލިހު ކުރެއްވި ޓްވިޓާއި ގުޅިގެން ނާއިބް ރައީސް ފައިސަލް ނަސީމް ވަނީ ރައީސަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ދުޢާ ކުރައްވާފައެވެ.

ޖެހިގެންއައި ދުވަހު ރާއްޖޭގެ ނޫސްތަކުގައި ބްރޭކްވަމުން ދިޔަ ހެޑްލައިން އަކީ ރައީސް ސޯލިހަށް ތާއީދުކުރައްވާ ސަޕޯޓަރުންގެ ހިތްހަލާކު ކޮށްލި ޚަބަރެކެވެ. ރައީސް ސޯލިހް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކުން ދުރުވެވަޑައިގަތުމަށް ނިންމެވި ޚަބަރެވެ. ނަމަވެސް ސުރުޚީއަށްފަހު ޚަބަރުގެ ތަފުސީލު ކިޔާލުމުން ހިތަށް ކޮންމެވެސް މިންވަރެއްގެ ފިނިކަމެއް ލިބުނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކުން ދުރުވެ، ނައިބު ރައީސް ފައިސަލް ނަސީމް އާއި ޒިންމާތައް ހަވާލުކުރައްވަން ނިންމެވިކަން ހާމަކުރެއްވީ 24 ފެބުރުއަރީ 2022 ވަނަ ދުވަހުގެ ރޭ އިރާކޮޅު 9 ގަޑި 14 މިނެޓުގައެވެ.

ރައީސަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ޓްވިޓްކުރެއްވި ބޭފުޅުންގެ ތެރޭގައި މާލޭ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމް އާއި ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ހަވާލުކުރައްވަނީ މާދަމާ (25 ފެބުރުއަރީ 2022 ) ހެނދުނު ކުރައްވާ ތައިރޮއިޑް އޮޕަރޭޝަނަކާއި ގުޅިގެން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނައިބު ރައީސް އާއި ހަވާލުކުރައްވާކަން ރައްޔިތުންގެ މަޖިލީހަށް އަންގަވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ހުވާ ހުވާކުރައްވާނީ ފަތިހު 5:30 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި ނައިބު ރައީސަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ރައީސްގެ މަސްއޫލިއްޔަތުތައް ނާއިބް ރައީސް ފައިސަލް ނަސީމާއި ހަވާލުވެވަޑައިގަތީ 25 ފެބުރުއަރީ 2022 ގެ ހެނދުނު 6:00 އިން ފެށިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތައިރޮއިޑްގެ ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އެމަނިކުފާނު އަލުން ހަވާލުވެވަޑައިގެންނެވިކަމަށް ރައީސް ސޯލިހު ޓްވިޓް ކުރައްވާފައިވަނީ ރާއްޖޭ ގަޑިން މިއަދު ހެނދުނު 9:30 އެވެ.

ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމުގައި ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެމި ހުންނެވީ މިއަދު ހެނދުނު 6:00 ން ހެނދުނު 9:30 އަށެވެ. އެއީ ޖުމުލަ 210 މިނެޓެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން ހަވާލުވެވަޑައިގެންނެވީ ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވުމަށްފަހު ހެނދުނު 9:30 ގައި ކަމަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުންވެސް ހާމަކުރެއްވިއެވެ.

ރައީސް ސޯލިހުގެ ހާލުކޮޅު ރަނގަޅުކަމަށް އިޢުލާން ކުރައްވާ އަދި ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި އަލުން ހަވާލުވެވަޑައިގެންނެވި ކަމަށް ރައީސް ސޯލިހު އިޢުލާން ކުރެއްވިތާ 7 މިނެޓް ފަހުން ނާއިބް ރައީސް ފައިސަލް ނަސީމް ވަނީ އެކަމާއި އުފާފުޅު ކުރައްވާ ﷲ ގެ ޙަޟްރަތަށް ޙަމްދުކުރައްވާ ކަމަށް ޓްވިޓް ކުރައްވާފައެވެ.

ފައިސަލް ސިޔާސީ މައިދާނަށް ނިކުންނެވީ ރާއްޖޭގެ ގާނޫނުއަސާސީ އިސްލާހުކުރުމަށް އެކުލަވާލި ޚާއްސަ މަޖިލީހުގެ ފުވައްމުލަކުގެ މެމްބަރެއްގެ ގޮތުގައެވެ. އޭގެ ފަހުން، 2014 ވަނަ އަހަރު، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި ކާމިޔާބު ކުރެއްވިއެވެ.

ނައިބު ރައީސް ކަމުގެ ހުވާ ފައިސަލް ކުރެއްވީ 17 ނޮވެމްބަރު 2018 ގައެވެ. އެމަނިކުފާނު ރައީސް ސޯލިހުގެ ރަނިންމޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އެ ސްލޮޓް އެ މަނިކުފާނަށް ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނެގި ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

މިއީ ދިވެހިރާއްޖޭގެ ރައީސަކު، ރައީސްގެ ޒިންމާތައް ވަގުތީގޮތުން ނައިބު ރައީސް އާއި ހަވާލު ކުރެއްވި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި މިއީ އާއްމު ކަމެކެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން އެންޑަސްކޯޕީއެއް ހެދުމަށް ވެސް 4 ގަޑީއިރަށް ނައިބު ރައީސަށް ވެރިކަން ހަވާލުކުރެއްވިއެވެ.

2008 ގައި ރާއްޖޭގައި އުފެދުނު ފުރަތަމަ އެމްޑީޕީ ސަރުކާރު ވެއްޓިގެން ދިޔައީ ރައީސާއި ނާއިބް ރައީސްގެ މެދުގައި ބަދަހި ގުޅުމެއް ނެތުމުން ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން މިއަދުވެސް ދަނީ ބުނަމުންނެވެ.

ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރުގެ ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދެވެ. ނާއިބް ރައީސަކީ ފަހުން ރައީސްކަން ކުރެއްވި ޑރ މުޙައްމަދު ވަހީދެވެ.

މި ދެބޭފުޅުންގެ ގުޅުން ހީނަރުވަމުން ގޮސް 7 ފެބުރުއަރީ 2012 ގައި ވެރިކަން ވެއްޓުނު އިރު 2 ބޭފުޅުން ބައްދަލުކޮށް ވާހަކަފުޅު ނުދައްކަވާ ކަމަށްވެސް މި ދެބޭފުޅުންގެ އަރިސް ބޭފުޅުން މީޑިއާގައި މީގެ ކުރިން ވާހަކަ ދައްކަވާފައިވެއެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ނާއިބް ރައީސާއި ގުޅުން ނެތުމުގެ އިތުރުން، އެމަނިކުފާނު ވެރިކަމަށް ގެންނަން ޚަރަދުކޮށް ބުރަ މަސައްކަތްކުރި ކޯލިޝަން ޕާޓީތަކާއި ލީޑަރުންނާއިވެސް ގުޅުން ނުދެމެހެއްޓުނެވެ.

ރައީސް ނަޝީދުގެ ސަރުކާރު ބަލިކަށިވުމުގެ މައިގަނޑު ސަބަބަކީވެސް އެމްޑީޕީއިން އުފެއްދި ފުރަމަ ކޯލިޝަން ސަރުކާރު، ރައީސް ނަޝީދު އަމިއްލަފުޅަށް ރޫޅަލާ ކޯލިޝަން ޕާޓްނަރުން ބިކަކޮށްލުމެވެ.

ރައީސް ސޯލިޙުގެ ލީޑަރޝިޕް

ކުޑަވަގުތުކޮޅަކަށް ނަމަވެސް ވެރިކަމުގެ ބާރުތައް ނާއިބް ރައީސް ފައިސަލް ނަސީމަށް ހަވާލުކުރައްވަން ޖެހިވަޑައިގެންނެވި ހިނދު ރައީސް ސޯލިހުގެ ލީޑަރޝިޕްގެ ހަރުދަނާކަން ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެއެވެ.

ރައީސަކާއި ނައިބް ރައީސެއްގެ ދެމެދުގައި އޮންނަންވާ ޕްރޮފެޝަނަލް ހަރުދަނާ ގުޅުމުގެ ދިރިހުރި ރަމްޒެކެވެ. މިދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކުރައްވާ އިތުބާރާއި އިހުތިރާމް ފެނިގެން ހިނގައްޖެއެވެ. އަދި ކޮބާތޯ އެމްޑީޕީގެ ފުރަތަމަ ވެރިކަމާއި ޚިލާފަށް ކޯލިޝަނެއްވެސް ނުރޫޅުނެވެ. ކޯލިޝަނުގެ އިތުބާރެއްވެސް ނުގެއްލުނެވެ. ކޯލިޝަނުން ނިކުމެ މަގުމަތިން ވެރިކަން ވައްޓާލުމުގެ ހަރަކާތެއްވެސް ނުފެށުނެވެ.

މިކަމުން ދިވެހިރައްޔިތުންނަށް ނަގާދިން ފިލާވަޅަކީ ދިވެހިރާއްޖޭގެ ވެރިކަމުގައި އިބްރާހީމް މުޙައްމަދު ސޯލިހުފަދަ ކެތްތެރި، ހަރުދަނާ ލީޑަރެއް ހުރުމުގެ ފައިދާއެވެ. ވައުދާއި އަހުދުވެގެން އުފައްދާ ކޯލިޝަން ސަރުކާރެއްވެސް ތެދުވެރި، ވަފާތެރި ހަރުދަނާ ވެރިޔަކު ހުރެއްޖެ ނަމަ ހިންގިދާނެ ކަމުގެ ފިލާވަޅެވެ. ދިވެހި ޤައުމަށާއި ރައްޔިތުންނަށް ހަމަޖެހުން އޮތީ އޭރުންނެވެ.

ރައީސް ސޯލިހަށް ފުރިހަމަ ސިއްޙަތަކަށް އެދި ހެޔޮ ދުޢާ ކުރަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *