ޗެލްސީ ބަލިކޮށް ލިވަޕޫލުން އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ލިވަޕޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލްމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓްގެ ދެ ހާފުގައިވެސް ގޯލެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 11-10 އިންނެވެ. ޕެނަލްޓީގައި ލިވަޕޫލުން ޖެހި 11 ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. ޗެލްސީން ނާކާމިޔާބުވީ ސީދާ ޕެނަލްޓީ ޝޫޓްއައުޓަށް އުޅެއް އެރުވި ބަދަލު ކީޕަރު ކެޕާ ޖެހި ޕެނަލްޓީއެވެ. އެ ޕެނަލްޓީ ދިޔައީ ދަނޑި މަތިންނެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ހުސް ފުރުސަތުތައް ލިބުނެވެ. މި މެޗްގައި އެންމެ ފާހަގަކޮށްލެވެނީ ދެ ޓީމުގެ ކީޕަރުން ދެއްކި މޮޅު ކުޅުމެވެ. މި މެޗްގައި ލިވަޕޫލްގެ ގޯލް ބެލެހެއްޓީ އެލިސަންގެ ބަދަލުގައި ޒުވާން ކީޕަރު ކީޕަރު ކޮއިމްހިން ކެލަހާއެވެ. ކެލަހާއަށް މި މެޗްގައި ފުރުޞަތު ދޭނެކަމަށް ލިވަޕޫލްގެ ކޯޗް ކްޕޮލް ވަނީ މާކުރިން އިއުލާންކޮށްފައެވެ. އެއީ މި މުބާރާތުގައި ލިވަޕޫލް ފައިނަލަށް ދަތުރު ކުރީ އޭނާ ގޯލުގައި ހުރެހެން ކަމަށް ވާތީއެވެ.
މިއީ 2012 ވަނަ އަހަރުގެ ފަހުން ލިވަޕޫލުން ލީގު ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިއީ މިތަށި އެޓީމުން ހޯދި 9 ވަނަ ފަހަރެވެ. ލިވަޕޫލަކީ ލީގު ކަޕްގެ ޗެމްޕިއަންކަން އެންމެ ގިނައިން ހޯދި ޓީމެވެ. ދެ ވަނައިގައި އޮތީ އަށް ފަހަރު އެ މުބާރާތް ކާމިޔާބުކުރި މެންޗެސްޓާ ސިޓީ އެވެ. މި ތަށި ހޯދުމާއެކު މި ސީޒަންގެ ހުރިހާ ތައްޓެއް ހޯދުމުގެ ފުރުޞަތު ލިވަޕޫލަށް ވަނީ ފަހިވެފައެވެ. ޗެމްޕިއަންސް ލީގުގައި މި ސީޒަންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު އެފްއޭކަޕްގައިވެސް އެޓީމު އޮތީ 5 ވަނަ ބުރުގައެވެ. އަދި ޕްރިމިއާލީގު ހޯދުމުގެ އަމިއްލަ ބާރުވެސް އެޓީމުގެ އެބައޮތެވެ.