Ad

ރައީސުލްޖުމްހޫރިއްޔާ ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައިފި

މިއަދު ފާހަގަ ކުރަމުންދާ ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް، އެ އަބްޠާލުންގެ ޒިކުރާ އާކުރުމަށެވެ. ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ އަގުހުރި ޚިދުމަތުގެ ޒިކުރާ އާލާކޮށް އެ އަބްޠާލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވާފައެވެ.

ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ. ނައިބް ރައީސް ވިދާޅުވީ، ގައުމަށްޓަކައި ޖާނު ގުރުބާންކޮށްލެއްވި އަބްޠާލުންގެ ޒިކުރާ އާކޮށް އެއަބްޠާލުންގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ.

ޝަހީދުންގެ ދުވަހަކީ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަސްކަމުގައިވިޔަސް، މިދުވަސް ޚާއްސަ ކުރެވެނީ ހަމައެކަނި އެރަސްގެފާނަކަށްނޫންނެވެ. ރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކާ މަސައްކަތް ކުރުމުގައި ޝަހީދުވެވަޑައިގެންނެވި އެތައް ބަޠަލުންނެއްގެ ޛިކުރާ އާކުރުމުގެ ގޮތުންނެވެ.

ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ. ޝަހީދުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ހިޖުރީގޮތުން ކޮންމެ އަހަރެއްގެވެސް ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *