Ad

ކުނި މެނޭޖްކުރުމުގެ ބޮޑު ބަދަލެއް މިއަހަރު ފެންނާނެ: ޝައުނާ

ރާއްޖޭގެ ކުނީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކުގެ ނަތީޖާ މިއަހަރު ފެންނަން ފަށާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. ތިމާވެއްޓާއި ގުޅުންހުރި މައްސަލަތައް ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ތަފްސީލް މިނިސްޓަރ ވަނީ ރައްޔިތުންގެ މަޖިލިހުގައި ޙިއްސާކުރައްވާފައެވެ.

ކުނީގެ މައްސަލަތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، ބޮޑެތި ގިނަ މަސައްކަތްތަކެއް މާލެ ސަރަޙައްދުގައި ނިމިފައިވާކަމަށެވެ. އަދި އަތޮޅުތަކުގައި ހަދާ ވޭސްޓް ސެންޓަރުތަކުގެ ތެރެއިން، ރ.ވަންދޫގައި ތަރައްޤީކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ގިނަ މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ. އަދި އެކި ޒޯންތަކުގެ ތެރެއިން އުތުރުގައި ހަދާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތްތަކަށް ބޭނުންވާ މާލީ ކަންކަންވެސް މިހާރު ހަމަޖެހި، މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މިވީހާ ތަނުގައިވެސް ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނެތްކަމަށެވެ. އަދި ޢަމަލު ކުރަމުން އައީ، ރަށްރަށުގެ ކުނި ގޮނޑުތަކަށް ކުނި ޖަމާކުރާގޮތަށް ކަމަށާއި، ނަމަވެސް ކުނި ރައްކާތެރި ގޮތުގައި ނައްތާލާ، ކުންޏަކީ އާމްދަނީ ހޯދޭނެ ވަސީލަތަކަށް ހެދުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތްކަމަށެވެ.

"3އޭރިއާގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމުކުރަނީ. އޭރުން ރަށްރަށުން ކުނި ބޭރުކޮށް ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ގެންދާނީ. އެއަށްފަހު ކުރި ރައްކާތެރިގޮތުގައި ނައްތާލުމަށް އުތުރުގެ ރަށްތަކުން ގެންދާނީ ރ.ވަންދުއަށް. ވަންދޫގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ޖޫންމަހު އޮޕަރޭޝަނަށް ގެންނާނަން." ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް މިހާރުވެސް ބޮޑު ބަދަލެއް ގެނެސްފައިވާކަމަށެވެ. އެގޮތުން ތިލަފުށީ ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓްގެ އިމާރާތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމިފައިވާކަމަށާއި އަދި މި ސެންޓަރުގެ މަސައްކަތްވެސް ނިމި މިއަހަރު އޮޕަރޭޝަނަށް ގެންނާނެކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި ތިލަފުށީގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށްވެސް މިހާރުވެސް ރަނގަޅު ބޮޑު ބަދަލެއް ގެނެވިއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ތިލަފުށީގެ ބޮޑު ކުނި ފަރުބަދައިން ދުންއެރުން ޙައްލުކޮށްފިން. އެތަނަށް ގެންދާ ކުނިތައް ވަކި ތަރުތީބަކުން ތަރުތީބުކުރަން ފެށިއްޖެ. ހަގީގަތުގައި ކުނީގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައި މިހާރުވެސް އޮތީ." ޝައުނާ ވިދާޅުވިއެވެ. ދެކުނަށް ޚާއްސަކޮށްގެންވެސް ކުނި މެނޭޖްކުރުމުގެ ބޮޑު މަޝްރޫޢުއެއް ވަނީ ފަށާފައެވެ. މިއީ ކުނި އަންދައިގެން ހަކަތަ އުފެއްދޭގޮތަށް ރާވާފައިވާ މަޝްރޫޢުއެކެވެ. މި މަސައްކަތުގެ ދަށުން 50 ޓަނުގެ ވޭސްޓް ޓު އެނަރޖީ ޕާލްންޓެއް އައްޑުއަށް ވަނީ ގެންގޮސްފައެވެ. މި ޕްރޮޖެކްޓްވެސް މިއަހަރު ނިންމާ ޚިދުމަތް ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *