އުރީދޫ މޯލްޑިވްސްގެ ފައިދާއިން ޙިއްސާއަކަށް 2.70 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ ޢާންމު ޖަލްސާއިން ފާސްކޮށްފިއެވެ. މިގޮތައް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 1،202 ޙިއްސާދާރުންގެ ތެރެއިން 98.7 ޕަސެންޓް ހިއްސާދާރުންގެ ތާއީދާއިއެކުއެވެ.
އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ ކްރޮސްރޯޑް މޯލްޑިވްސްގައެވެ. އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު 1.78 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ސާފު ފައިދާގެ ގޮތުގައި ލިބުނީ 465 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ އުރީދޫގެ ހިއްސާގެ ފައިދާގެ ގޮތުގައި 2.70 ރުފިޔާ ބަހަން ފާސްކޮށްފައިވާއިރު މިއީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް ބަހާފައިވަނީ 2.34 ރުފިޔާއެވެ.
އިންކަމް ޓެކްސް ގާނޫނަށް ގެނެވުނު ބަދަލާއެކު، ރެޒިޑެންސީ ކަށަވަރު ނުވާ ހިއްސާދާރުންގެ ހިއްސާއިން %10 ކެނޑުމަށް ހަމަޖެހިފައިވާތީ، ބައެއް ހިއްސާދާރުންނަށް ހިއްސާ ލިބުމުގައި ލަސްކަމެއް ދިމާވެދާނެތީ، އެކަމަށް ސަމާލުވުމަށް އުރީދޫ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ރޭގެ ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރި މެންބަރަކީ ފަރީހާ ޝަރީފެވެ. އޭނާވަނީ މިދިޔަ އަހަރު ވެސް އެ މަގާމު ފުރުއްވާފައެވެ. އޭނަޔަށް 732 ވޯޓު ލިބުނު އިރު، އެންމެ ކައިރިން ވާދަކުރި އިބްރާހީމް ފިރުޝާނަށް ލިބުނީ 461 ވޯޓެވެ.
އުރީދޫގެ މި އަހަރުގެ އޮޑިޓަރަކަށް ހޮވާފައިވަނީ ޕްރައިސް ވޯޓާ ހައުސް ކޫޕާސް އެވެ. އެ ކުންފުނި ކަނޑައަޅަން 98.7 ޕަސެންޓް ހިއްސާދާރުން ވޯޓުދިން އިރު، އުޖޫރައަކީ 62،920 ޑޮލަރެވެ.