ރާއްޖޭގައި ފުރަތަމަ ފައިބަރ އޯޕަން އެކްސަސް ނެޓްވޯކް ގާއިމް ކުރި ފަންބޮނޑި މޯލްޑިވްސް އިން އިތުރު ހަތް ރަށުގައި މިފަދަ ނެޓްވޯކްތަކެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އިރުވަރު އޮންލައިންނަށް މައުލޫމާތު ދެއްވަމުން ފަންބޮނޑީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަން ފާތިމަތު އާސިޔާ ވިދާޅުވީ އެކުންފުނިން ގާއިމްކޮށްފައިވާ އޯޕަން އެކްސަސް ނެޓްވޯކްގެ ކާމިޔާބީ އާއިއެކު އިތުރު ހަތް ރަށުގައި މިފަދަ ނެޓްވޯކްތަކެއް ގާއިމް ކުރުމަށް އެކުންފުނިން ނިންމައި މަސައްކަތް ފަށާފައިވާ ކަމަށެވެ.
އާސިޔާ ވިދާޅުވީ މިހާރު މަސައްކަތަށް ބޭނުންވާ ހުރިހާ ކޭބަލާއި މަގުމަތީ ފޮށިތަކާއި މެސެނަރީތަކާއި އެހެންވެސް ނެޓްވޯކަށް ބޭނުންވާ ހުރިހާ ސާމާނެއް ރާއްޖެ ގެނެވި ނެޓްވޯކްތައް ގާއިމް ކުރާ ސަރަހައްދުތަކަށް އެތަކެތި ފޮނުވާފައިވާ ކަމަށެވެ.
ނެޓްވޯކް ގާއިމް ކޮށްދިނުމަށް ގިނަ ރަށު ކައުންސިލްތަކަކުން އެދިފައިވާ ކަމަށާއި އެހެންނަމަވެސް މިފަދަ ނެޓްވޯކަކީ ގާއިމް ކުރުމުގެ ހަރަދު ބޮޑު މަސައްކަތަކަށް ވުމުން މިފަހަރު އެކުންފުނިން ނެޓްވޯކް ގާއިމް ކުރުމަށް ނިންމާފައި ވަނީ ހަތް ރަށުގައި ކަމަށް އާސިޔާ ވިދާޅުވި އެވެ. އެހެންނަމަވެސް މި ރަށްތަކުގެ މަސައްކަތް ނިމުމާއި އެކު އިތުރު ރަށްތަކެއްގެ މަސައްކަތް ކުރުމުގެ ސައުގުވެރިކަން ހުރިކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގިނަ ކައުންސިލްތަކުން ނެޓްވޯކް ގާއިމް ކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށް އޭނާ ފާހަގަ ކުރެެއްވި އެވެ.
" އަޅުގަނޑުމެން މިކުރަނީ ރާއްޖޭގެ އިންފްރާސްޓަކްޗަރ ގާއިމް ކުރުމުގެ މަސައްކަތެއް. މިހާރު ރާއްޖޭގެ އެތައް ރަށެއްގައި އިންޓަރނެޓާއި އެހެންވެސް މުނިފޫހިފިލުވުމުގެ ހިދުމަތްތަކެއް ރަގަޅަކަށް ނުލިބޭ." އާސިޔާ ވިދާޅުވި އެވެ.
ފަންބޮނޑިން އެންމެ ފުރަތަމަ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމް ކޮށްފައިވަނީ ވިލުފުށީގަ އެވެ. މިހާރު ވެސް މިނެޓްވޯކް މެދުވެރިކޮށް ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ދެ ކުންފުނި ދިރާގާއި އުރީދޫއިން ވެސް ހިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.
ފައިބަރ އޯޕަން އެކްސަސް ނެޓްވޯކް އަކީ ޒަމާނީ ޓެކްނޮލޮޖީއަށް ވާސިލްވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރާ އިންފްރާސްޓަކްޗަރ ނިޒާމް އެކެވެ. މިއީ އެންމެ ކަނެޓްޝަނަކުން އެތަކެއް ޓެކްނޮލޮޖީގެ ހިދުމަތްތަކެއް ލިބިދޭ ގޮތަށް ފަރުމާކޮށްފައިވާ ނެޓްވޯކްތަކެކެވެ.