Ad

އިންޑިއާ އައުޓް ނަމުގައި ފިތުނަ އުފެދޭގޮތަށް ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަ ދައްކާފައިވާތީ ޑިފެންސް އިން އެކަން ކުށްވެރިކޮށްފި

އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަ އުފެދޭގޮތަށް ޙަޤީޤަތާ ޚިލާފު ގިނަ ވާހަކަތަކެއް ދައްކާފައިވާތީ މިނިސްޓްރީ އޮފް ޑިފެންސް އިން އެކަން ކުށްވެރިކޮށްފިއެވެ.

މިކަން ކުއްވެރިކޮށްފައިވަނީ އދ. މަހިބަދޫގައި "އިންޑިއާ އައުޓް" ނަމުގައި އިއްޔެ ކުރިއަށްގެންދިޔަ ޙަރަކާތުގައި އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަ އުފެދޭގޮތަށް ޙަޤީޤަތާ ޚިލާފު ގިނަ ވާހަކަތަކެއް ދައްކާފައިވާކަމަށް ވިދާޅުވެ ނެރުއްވި ބަޔާނެއްގައެވެ.

ހަތިޔާރާއެކު ޙަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ހަރަކާތްތެރިނުވާކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވީ އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭނުންތަކަށް ޢަމާޒުކޮށް، ޤައުމީ ދިފާޢީ ބާރުން ބޭނުންވާގޮތަށް ފަރުމާކޮށްފައިވާ ތަނެއްކަމަށެވެ. އަދި އެ ބަނދަރަކީ ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ތަރައްޤީކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި، ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަނދަރެއް ކަމަށާއި، އެ ތަނަކީ ބޭރު ޤައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއްކަމުގައި ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

ޑިފެންސްގެ ބަޔާނުގައި އެހެން ޤައުމުތަކުގެ އަސްކަރީ އުޅަނދުތައް ދިވެހިރާއްޖޭގެ ސަރަޙައްދަށް ވަނުމުގެ ކުރިން ހޯދަންޖެހޭ
ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތުގެ އަބަދުމެ ދެމިއޮންނާނެ ސިޔާދަތީ ޙައްޤެއްކަމުގައި ޑިފެންސް ވިދާޅުވެއެވެ. އަދި ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދުތައް ރާއްޖެއަށް އައުމުގައި ނުވަތަ އެ ބަނދަރަށް ވަންނަން ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ދައްކާފައިވާ ދޮގު ވާހަތަކެއްކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރަށް ހަތިޔާރާއެކު ޙަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ނެތްކަމުގައި އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި، އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައިވެސް ހަތިޔާރާއެކު ބޭރުގެ އެއްވެސް ބަޔަކު ޙަރަކާތްތެރި ނުވާނޭކަމުގެ ޔަޤީންގަން ޑިފެންސް މިނިސްްޓްރީން ދެއްވައެވެ.

މި ބަޔާނުގައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހިރާއްޖޭގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ގެއްލުވާލާ، ދިވެހި
އަސްކަރިއްޔާގެ ނަޒާހަތްތެރިކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ޙަޤީޤަތާ ޚިލާފް ދޮގު މަޢުލޫމާތު ނުފެތުރުމަށް އެ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. އަދި ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ދިފާޢުކޮށް ނެގެހެއްޓުމުގައި ދިވެހި އަސްކަރިއްޔާ ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އެ މިނިސްޓްރީން ކަށަވަރުކޮށްދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *