Ad

ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ކޯވިޑް-19އާ ގުޅިގެން އިޢުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތުއުވާލައިފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ 2020ވަނަ އަހަރުގެ މާޗު މަހުގެ 12ގައެވެ. އެ ފަހަރު އެ މުއްދަތު އިޢުލާނުކޮށްފައިވަނީ 30 ދުވަހަށެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ މަހަކު ވެސް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައެވެ. އެމަމަނިކުފާނު ވިދާޅުވީ، ޞިއްޚީ ދާއިރާގެ ބޭފުޅުންގެ ލަފާގެ މަތީން މިއަދުން ފެށިގެން ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައި ވާކަމަށެވެ.

މިހާލަތުގައި ޚާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު ޤާނޫނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވައެވެ. އެގޮތުން ކޯވިޑުން ރައްކާތެރިވުމަށް ރަށްރަށުގައާއި މާލެ ސަރަޙައްދުގައި އުސޫލުތައް ކަނޑައަޅައި އިދާރާތަކަށް އެންގުމަށް ޑިރެކްޓަރ ޖެނެރަލްއަށް ލާޒިމުކުރެއެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމުމަކަށް ގެންނެވިކަން އިޢުލާނުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދެން ޢަމަލުކުރަމުން ދާނެ ގޮތުގެ މަޢުލޫމާތު ހެލްތު މިނިސްޓްރީން ޢާންމު ކުރައްވާނެކަމުގައެވެ. ހަމައެއާއެކު ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ކޮވިޑްގެ ޙާލަތަށް އަންނަ ބަދަލުތައް ބަލަމުން ދާނެކަމަށާއި، ކުރިމަގުގައި ކޮވިޑް-19 އަށް އިޖާބަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޖީއާއި އެކްޝަން ޕްލޭނެއް، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮވިޑާއެކު ރާއްޖެ ހޭދަކުރި ދެ އަހަރުގެ ތެރޭގައި ކުރިމަތިވި ދަތިތަކާއި ތަޙައްމަލުކުރަން ޖެހުނު ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ ވަރަށް ކުރީކޮޅު، ބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ނަތީޖާއެއްގެ ގޮތުން، ކޮވިޑް ކޮންޓްރޯލް ކުރެވޭ ޤައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖެ ހިމެނިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކޮވިޑްގެ ސަބަބުން މުޅި ދުނިޔޭގެ ނިސްބަތުން ވެސް، އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށްކަން ފާހަގަކުރައްވައި މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެޙާލަތުގައި ވެސް ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމުގެ ގޮތުން ތަފާތު ގޮތްގޮތުން ރައްޔިތުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެއްވި މަސައްކަތްތަކާއި ކޮވިޑްގެ ޙާލަތުން އަރައިގަތުމަށް ހުރިހާ ފަރާތްތައް ގުޅިގެން ކުރި މަސައްކަތްތަކާއި ޚާއްޞަކޮށް އެކުވެރި ޤައުމުތަކާއި ޖަމާއަތްތަކުން ދިން އެއްބާރުލުމާއި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *