Ad

ރަޝިޔާ އިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ފަށައިފި: ރައީސް ސޯލިޙު

ރަޝިޔާ އިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ މިއަދު ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ވީޑިޔޯ މެސެޖުގައެވެ.

ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމުކަން ފާހަގަކުރެއްވައި އޭގެ ނުރަނގަޅު އަސަރުތަކެއް ރާއްޖޭގެ އިޤްތިޞާދަށް ވެސް ކުރާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ބަޔާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށާއި ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮވެ، ރާއްޖެއިން ޒަމާނުއްސުރެއް ވަކާލާތުކުރަމުން އަންނަނީވެސް އެ ބިންގަލުގެ މަތީގައި ބައިނަލްއަޤުވާމީ ގުޅުންތައް ދެމެހެއްޓުމަށްކަމުގައެވެ. އަދި ޔޫކްރެއިންގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާ މެދު ހަމްދަރުދީ ފާޅުކުރައްވައި ދެފަރާތުގެ މެދުގައި ހުރި ދެބަސްވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ދެ ފަރާތުންވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި އައުމަށް، ބައިނަލްއަޤުވާމީ މުޖްތަމަޢުން ގޮވައިލާ ގޮވައިލުން ދިވެހިރާއްޖެއިންވެސް ތަކުރާރުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޔޫކްރޭން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން މި ހަނގުރާމައިގެ އަސަރުކުރާނެކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން، މިވަގުތު ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ޔޫކްރޭނުން އެނބުރި އައި ދިވެހި ދަރިވަރުންނަށް އަލުން އެ ޤައުމަށް ދެވޭނެ ދުވަހެއް ޔަޤީން ނުވާތީ، އެދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދައިދިނުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގުޅިގެން މިހާރު މަސައްކަތްކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ މިހަނގުރާމަ ދިގުދެމިގެން ގޮސް، އެންމެ ގޯސް ޙާލަތަކަށް ކަންތައް ހިނގައްޖެނަމަ، ރާއްޖޭގެ އިޤްތިޞާދަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސްއިން މިހާރު ފިޔަވަޅުތައް އަޅަމުންގެންދަވާކަމަށާއި މި ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތައް ދިރާސާކޮށް، ފަތުރުވެރިކަމަށް އިތުރު މާރކެޓްތައް ހޯދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ޓޫރިޒަމާއި، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އިން މިހާރު ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވީޑިޔޯ މެސެޖު ނިންމަވާލެއްވީ ދާދިފަހުން އެމަނިކުފާނު ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަށްފަހު އެމަނިކުފާނުގެ ހާލުކޮޅު މިހާރު ރަނގަޅުކަން ފާހަގަކުރައްވައި އެމަނިކުފާނަށް ހެޔޮދުޢާކޮށްދެއްވި ހުރިހާ ފަރާތްތަތަކަށް އެމަނިކުފާނާއި ޢާއިލާގެ ފަރާތުން ޝުކުރު އަދާކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *