Ad

ދިވެހި ފުލުހުންގެ އިދާރާގެ އެތެރެ ރަނގަޅު – މަސައްކަތުގެ ފޯކަސް ގެއްލުވާލަން މަސައްކަތްކުރާ ބަޔަކު ނެތް: މިނިސްޓަރ އިމްރާން

ދިވެހި ފުލުހުންގެ އިދާރާގައި ގަސްތުގައި ގޯސްހަދައި، މަސައްކަތުގެ ފޯކަސް ގެއްލުވާލަން މަސައްކަތްކުރާ ބަޔަކު ނެތްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދައި، މީހުން އެކަން އެގޮތަށް ކުރަނީ ގަސްތުގައި "ނުނިޔަތެއް ބާއްވައިގެން" ކަމަށް ބަންޑާރަނައިބު ޖުޑީޝަރީ ކޮމެޓީގައި ވިދާޅުވި ވާހަތަކާއި ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ކުރެއްވި ސުވާލުގެ ޖަވާބަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ އިމްރާން މިއަދު ލިޔުމުން މަޖިލީއަށް ދެއްވި ޖަވާބުގައި ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާ ކުރާ ފުލުހުންނަކީ، އެކަށޭނެ ތަޢުލީމާއި ތަމްރީން ލިބިގެން ވަރަށް އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރާ ޤާބިލް މުވައްޒަފުން ކަމަށެވެ. ބަންޑާރަ ނައިބު އެއިޝާރާތް ކުރެއްވިފަދަ "ނުނިޔަތެއް ބާއްވައިގެން" ގަސްތުގައި ގޯސްހަދާ ބަޔަކު ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބިކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މަސައްކަތުން މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކަށް ބަލާއިރު، ފާއިތުވި 3 އަހަރުގެ ތެރޭގައި 277 އަށް ވުރެ ގިނަ ރަލުގެ ވަގު ވިޔަފާރިއާގުޅޭ އޮޕަރޭޝަން ހިންގިފައިވާއިރު 266 އަށް ވުރެ ގިނަ މައްސަލަ ޝަރީޢަތަށް ހުށައެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅިފައިވާކަމަށެވެ. އަދި ފާއިތުވި 3 އަހަރުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ 1467 އަށްވުރެ ގިނަ މައްސަލަ ތަހުޤީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅިފައިވާކަމަށެވެ. އަދި ޑްރަގް ކޯޓުގެ 2021 ވަނަ އަހަރުގެ ރިޕޯޓުގައިވާގޮތުން %48 މައްސަލަ ތަހުޤީގަށް މަހެއް ވުމުގެ ކުރިން އެކޯޓަށް ހުށައެޅިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މައްސަލައެއްގައި "ނުނިޔަތެއް ބާއްވައިގެން" އެއްވެސް ކަމެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް މުވައްޒަފެއްގެ މައްޗަށް މިހާތަނަށް މައްސަލައެއް ހުށައެޅިފައެއް ނުވާކަމަށެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ގަސްދުގައި ގޯސް ހަދާ އެންމެ ފުލުހެއްގެ މައްސަލަ ވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައެއް ނުވާކަމަށެވެ. ނަމަވެސް ދާދިފަހުން ފުލުހުން ތަހްގީގު ކުރި މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން އަތުލައިގަތް ތަކެތީގެ އިންވެންޓްރީ ނެގުމަށް ފަހު އެއިންވެންޓްރީގެ ލިޔުން ފުލުސް މީހާއަށް ހަނދާންނެތި ހަވާލު ނުކޮށް އޮތް މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އެމައްސަލަ ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އެންގެވުމުން މައްސަލަ ބަލަމުން ގެންދާ ކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުން މައްސަލައިގައި ހިމެނޭ މީހުންގެ ބަޔާންތައް ވެސް ނަގާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އިންވެންޓްރީ ހަވާލު ނުކުރުމުން މުހިއްމު ހެކިތަކެއް ގެއްލިފައި ވީނަމަވެސް މަސްތުވާތަކެތީގެ މައްސަލައިގައި މިހާރު ދައުވާ އުފުލާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގަސްތުގައި "ނުނިޔަތެއް ބާއްވައިގެން" ގޯސްހަދާ ބަޔަކު ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބެ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނާޅާ ދޫކޮށްލައިފާނުވާކަމަށެވެ. އަދި މިފަދަ ފަރާތެއް ހުރިކަމަށް ފާހަގަކުރެވޭނަމަ، އެމަޢުލޫމާތެއް ހިއްސާކުރެއްވުމުން އެކަމެއް ބަލައި، އެކަމަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *