Ad

ޑޮކްޓަރުން ނެތުމުގެ ސަބަބުން މާލެ ޖަލުގެ ޤައިދީންނަށް ފަރުވާނުދޭކަން ހާމަވެއްޖެ!

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގައި ބަންދުކޮށްފައިތިބި ޤައިދީން ބައްލަވާނެ ޑޮކްޓަރުން ނެތުމުގެ ސަބަބުން ބަންދުގައި ތިބި ޤައިދީންނަށް ފަރުވާނުދެވޭކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބުނުގޮތުގައި، ބަންދުގައިހުރި މީހެއްގެ ބަލި ޙާލަތު ގޯސްވެގެން، ޑޮކްޓަރަށް ދެއްކުމަށްޓަކައި ޝަކުވާ ފޯމު(ޝަކުވާ ފޯމަކީ ޖަލުބަންދުގައި ތިބޭ މީހުން ޝަކުވާ ހުށައެޅުމަށްް ކަރެކްޝަނަލް ސާރވިސްއިން ތައްޔާރުކޮށްފައިވާ ފޯމެއް) ހުށަހެޅުމާއެކު، އޭގެ ޖަވާބު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ދީފައިވާ ޖަވާބުގައި ވަނީ މިވަގުތު ބަލި މީހުން ބަލާނެ ޑޮކްޓަރުން މާލެ ޖަލުގައި ނެތްކަމަށެވެ. އެޖަވާބުގެ ކޮޕީ މިނޫހަށްވަނީ ލިބިފައެވެ. މާލެ ޖަލަކީ މުޅި ދިވެހިރާއްޖޭގައިވެސް އެންމެ ގިނަ ޢަދަދެއްގެ މީހުން ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ތިބޭ ޖަލެވެ. ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން އެންމެ ގިނައިން ބައިތިއްބަނީ މާލޭ ޖަލުގައެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގައި ހިންގޭ ޝަރީޢަތްތަކުގައި ރިމާންޑް ޖަލުގައި ބަންދުގައި ތިބޭ ފަރާތްތަކުން އެކަށީގެންވާ ފަރުވާ ނުލިބޭތީ އެކަމުގެ ޝަކުވާ އެތަށް ފަހަރަކު ކުރެއެވެ. އެހެން ނަމަވެސް، ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަދި ޕީޖީން ބުނާ ގޮތުން ޖަލުގައި ބަންދުގައި ތިބޭ ޤައިދީންނަށް އެކަށީގެންވާ މިނެއްގައި ފަރުވާ ލިބެއެވެ.

ޤައިދީންގެ ބޭސް ފަރުވާއާމެދު ހަރުކަށި އުޞޫލުތަކެއް! މުޅި ދައުލަތް ނުކުޅެދިފައި!

ރިމާންޑް ޖަލުތަކުގައި ބަންދުގައި ތިބޭ ޤައިދީންގެ ބަންދު މުރާޖަޢާކުރުން ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން މަނަލެއް ނުކުރެއެވެ. ބަންދު މުރާޖަޢާކުރުމަކީ، ޖިނާޢީ އިޖުރާއާތުގެ ޤާނޫނު ބުނާގޮތުން ދައުލަތާއި ދިފާޢުން ހުށަހަޅާ ހުށަހެޅުމެކެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ބޭއްވޭ ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުންތަކުގެ މަޤްޞަދު ގެއްލިއްޖެކަމުގައި ގިނަ ޢަދަދެއްގެ ދިފާޢީ ވަކީލުން ބުނެއެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. ބަންދުގައި ތިބޭ މީހުން ބަންދުކޮށްފައިވާ ސަބަބު ދެމިއޮތްތޯ ބަލާ މިންގަނޑު ވަޒަންކުރާއިރު، އެމިންގަނޑު ވަޒަންކުރުމުގެ ހަރުކަށިކަމާއި އެކި ފަހަރު އެކި ގޮތަށް ޤައިދީންނާމެދު ޢަމަލުކުރުމާއި، މަތީ މަރުޙަލާގެ ކޯޓުތަކުން އެކި ފަހަރު އެކި މާނަކުރުންތަށް ގެންގުޅުމަކީ މައިގަނޑު ސަބަބެއްކަމުގައި ދިފާޢީ ވަކީލުން ބުނެއެވެ.

ބަންދުގައި ތިބޭ މީހުންގެ ބަލި ޙާލަތާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފައިވާ ރޫލިންތަކަށް ބަލާއިރު، އެންމެ ފަހުގެ އަޕްޑޭޓަކީ، ޤައިދީއެއްގެ ކިބާގައި ފުރާނައަށް ނުރައްކާތެރި ބައްޔެއް ހުރެމެ، ފަރުވާކުރުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާއިން އިހުމާލުވުމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމެވި، ނިންމެވި ބަންދު އަމުރެއްގެ މައްސަލާގައި ވަނީ ޢާއިލާއިން އެދިއްޖެނަމަ ޢާއިލާގެ ޚަރަދުގައި ބޭސް ފަރުވާކުރުމުގެ އިންތިޒާމް ހަމަޖެހޭނަމަ، ބޭސް ފަރުވާކުރުމުގެ ފުރުސަތު ފަހިވެފައި އޮންނަންވާނެކަމުގައި އެގަޒިއްޔާގެ ނިންމުމަށް ބަލާއިރު އެނގެން އޮވެއެވެ. އެހެން ނަމަވެސް، އެއުޞޫލުވެސް މިހާރު ޕްރެކްޓިސް ނުކުރެއެވެ. ސަބަބަކީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ އެތެރޭގެ ޤަވާޢިދު ބުނާ ގޮތުން، ބޭސް ފަރުވާ ކުރުމަށްޓަކައި ޢާއިލީ އިންތިޒާމްގެ ތެރެއިން ޑޮކްޓަރަށް ދެއްކެނީ، ދެ ޙާލަތެއްގައެވެ. ފުރަތަމަ ޙާލަތަކީ، ކޯޓުގެ އަމުރެއް އޮވެގެންނެވެ. ދެވަނަ ޙާލަތަކީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ އޯޕީޑީއިން ޚާއްޞަ ޑޮކްޓަކަށް ދެއްކުމަށް ރިފަރަލްއެއް ދީފައިވާ ޙާލަތެއްގައި އެކަނިއެވެ.

މުޅި ދައުލަތުގެ ނުކުޅެދުންތެރިކަން:

ޙަޤީޤަތުގައި މިވަގުތު ހޯމް މިނިސްޓްރީ އާއި ޙަވާލުވެހުންނެވި މިނިސްޓަރު ޢިމްރާން ޢަބްދުﷲ އަކީ ޖަލުގެ ހިއްދަތި ދިރިއުޅުމުގެ ރަހަ އެންމެ ބޮޑަށް ތަޙައްމަލުކުރި ފަރާތެކެވެ. އަދި، މިހާރުގެ ރައީސުލް ޖުމްހޫރިއްޔާއަކީވެސް ޖަލުގެ ޙާލަތު ތަޖުރިބާކުރެއްވި ފަރާތެކެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު، މިއަދުގެ ސަރުކާރުން އެންމެ ފުރަތަމަ ޒިޔާރަތްކުރި ތަނުގެ ތެރޭގައި ޖަލުވެސް ހިމެނެއެވެ.  ސީދާ ރައީސުލް ޖުމްހޫރިއްޔާ، އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ހާޒިރުވެ ޖަލުގެ ޙާލަތު ބެލި ހަނދާނެއް އެބަވެއެވެ. އެހެން ނަމަވެސް، އޭގެ ފަހުން ވައްސަލާމެވެ. މުޅި ދައުލަތަށް ލަދުވެތިކަމެވެ.

ޖަލުގައިހުރެ އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭތީ ޤައިދީންތަކެއް މަރުވެ ހިނގައްޖެއެވެ. އެމީހުން މަރުވެދިޔައިރުވެސް، ބަންދުގައި ބޭތިއްބުމަށްޓަކައި ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ސަބަބުތަށް ދެމިއޮތީބާވައެވެ! ސާފުކޮށް ފެންނަން އޮތް ޙަޤީޤަތަކީ، ޤައިދީންނަށް ފަރުވާ ދިނުމުގައި ޑޮކްޓަރެއްނެތްކަމަށް ބުނެ ލިޔުމުން ފެންނަން އޮތް ކަރެކްޝަނުގެ އަމިއްލަ އިޢުތިރާފެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *