Ad

ތ. ފުނައްޑޫ ހިންގަން މިފްކޯއިން ހަވާލުވެއްޖެ

މަސްގަނެ އެކްސްޕޯޓްކުރުމަށް ތ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ތ. ފުނައްޑޫ ހިންގަން މިފްކޯއިން ހަވާލުވެއްޖެއެވެ.

އިރުވަރު ނޫހަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ، މިފްކޯއިން އެރަށާ ހަވާލުވިއިރު އެރަށް އޮތީ ވަގުތުން އޮޕަރޭޝަނަން ފެށޭފަދަ ހާލަތެއްގައި ނޫންކަމަށާއި، އެކުންފުނިން މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަހަކަށް އެރަށުގައި ޚިދުމަތް ފެށުމަށް ކަމަށެވެ. މިގޮތުން އެރަށުގައި ހުރި ކޯލްޓް ސްޓޯރޭޖާއި ފްޒީޒަރުތައް ފަދަ ތަންތަން މަރާމާތުކޮށް ވީ އެންމެ އަވަހަށް ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ.

ފުނައްޑޫގެ އޮޕަރޭޝަން ފެށުމަށްޓަކައި މިފްކޯއިން މިހާރު ވަނީ އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާންކޮށްފައެވެ.

މިފްކޯގެ ހިންގެވުމާއި އިސްމާއީލް ފައުޒީ ހަވާލުވިފަހުން އެކުންފުންޏަށް ހެޔޮ ބަދަލުތަކެއް ވަނީ އަންނަން ފަށާފައެވެ. މިގޮތުން މަސްވެރިންގެ ޝަކުވާތައް މަދުވެ ކުންފުންޏާއި މަސްވެރިންނާ އޮންނަ ގުޅުން ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައެވެ.

ފުނައްޑޫއަކީ މަސްގަނެ އެކްސްޕޯޓްކުރަން ހުއްދަދީގެން 2004 ވަނަ އަހަރު ތަރައްޤީކުރި ރަށެކެވެ. އެރަށް ތަރައްޤީކޮށް ފުރަތަމަ އެރަށުގައި މަސްގަނެ އެކްސްޕޯޓް ކުރަން ފެށީ އޭރުގެ ހޯމް މިނިސްޓަރު އަހުމަދު ތަސްމީނު އަލީގެ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްއިންނެވެ. އެރަށުގައި މަސްގަތުމުގެ އޮޕަރޭޝަން ފެށުމާއެކު އެސަރަހައްދުގައި މަސްކިރުމަށް ދިމާވި ދަތިތައް ހައްލުވެ މަސްގަތުމުގައި ވާދަވެރި ރޫހެއް އުފެދިގެން ދިޔައެވެ. ނަމަވެސް މަސްގަތުމުގެ އޮޕަރޭޝަން ފެށިތާ ހަތަރު އަހަރު ފަހުން 2008 ވަނަ އަހަރު ތަފާތު އެކި ސަބަބު ތަކަށްޓަކައި އެކުންފުނިން އެރަށުގައި މަސްގަތުމުގެ އޮޕަރޭޝަން ހުއްޓާލިއެވެ. އަދި އެރަށް ތަރައްޤީ ކުރުމަށް ނެގި ބޭންކް އޮފް މޯލްޑިވްސްއިން ނެގި 5 ލޯނަށްވާ 117 މިލިޔަން ރުފިޔާ ނުދެއްކުމުގެ ސަބަބުން ބޭންކް އޮޕް މޯލްޑިވްސްއިން އެރަށް ބޭންކުގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު 2016 ވަނަ އަހަރު ކުންފުންޏަކާ ހަވާލުކުރިއެވެ. އެކުންފުނިން ގާތްގަނޑަކަށް އަހަރެއްހާ ދުވަހު މަސް ގަތުމަށްފަހު އަނެއްކާވެސް މަސްގަތުން ހުއްޓާލިއެވެ. އޭގެ ފަހުން އަނެއްކާވެސް އެރަށް އޮތީ ބޭންކް އޮފް މޯލްޑިވްސްގެ ބެލުމުގެ ދަށުގައެވެ.

ފުނައްޑޫ ފަޅަކީ ބާނި ބޮޑު ފަޅެއް ކަމުން އެރަށު ބަނދަރުގައި ދޯނިފަހަރު އަޅައިގެން މަސް ކިރުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ. ކޮންމެ މޫސުމެއްގައިވެސް އެރަށު ބަނދަރުތެރެ ވަރަށް ގަދަކަމަށް މަސްވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *