އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި ލީގުކަޕްގެ ފައިނަލްގައިވެސް ވާދަކުރި ދެޓީމު ކަމަށްވާ ލިވަޕޫލާ ޗެލްސީ ކުރިމަތިލާން ޖެހިއްޖެއެވެ.
ފައިނަލްގެ ފަހު ޖާގަ ޗެލްސީން ހޯދީ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީފައިނަލް މެޗްގައި 2-0 ލަނޑުން ކްރިސްޓަލް ޕެލަސް ބަލިކޮށްގެންނެވެ.
މިމެޗުގައި ޗެލްސީން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ ދެވަނަ ހާފްގަ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ޗެލްސީއަށް ލީޑު ނަގައިދިނީ ލޯން އެއްބަސްވުމެއްގެ ދަށުން މީގެކުރިން ޕެލަސްއަށް ކުޅުނު ރުބެން ލޮފްޓަސް-ޗީކްއެވެ. ޗެލްސީން ދެ ވަނަ ގޯލު ޖެހީ މެޗުގެ 76 ވަަނަ މިނިޓްގަ އެވެ. މި ގޯލް ޖެހީ ރަނގަޅު ފޯމެއްގައި ހުރި މޭސަން މައުންޓް އެވެ.
މުބާރާތުގެ ފައިނަލުން ލިވަޕޫލް ޖާގަހޯދީ ސެމީފައިނަލްގައި 2-3 ލަނޑުން މެންޗެސްޓަރ ސިޓީ ބަލިކޮށްގެންނެވެ. ފައިނަލް މެޗް އޮންނާނީ އަންނަ މަހު 14 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ.