މަކަރާއި ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، ބަންދުން ދޫކޮށްލި މައްސަލަ، ހައިކޯޓުން އަލުން ބަލަން ސުޕްރީމް ކޯޓުން ޢަމުރުކޮށްފިއެވެ.
ދައުލަތުން އެ މައްސަލަ އިސްތިއުނާފްކުރުމުން ސުޕްރީމްކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ދައުލަތުން ރިޔާއަތްކުރި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ބެލޭނެ މާއްދާއެއް ނޫންކަމަށެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ، ގަވާއިދުގައި ހިމެނޭ އެމާއްދާ އޮތީ ޤާނޫނާ ފުށުއަރާ ގޮތަށްކަމަށެވެ.
އަޙްމަދު މޫސާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޢަމުރު ދައުލަތުން އިސްތިއުނާފްކުރުމުން ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެބާވަތުގެ މައްސަލަތައް އިސްތިއުނާފްކުރަންޖެހޭ މުއްދަތުކަމަށްވާ 48 ގަޑިއިރު ހަމަވެފައިވުމުންކަމަށް ވިދާޅުވެއެވެ. ދައުލަތުން ވިދާޅުވާގޮތުގައި އެ މުއްދަތު ގުނަންޖެހޭނީ ކޯޓުން އެ މައްސަލަ ނިންމިދުވަސް ނުހިމަނައެވެ. އެހެންކަމުން ހައި ކޯޓުގެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރީ ގާނޫނުގައިވާ މުއްދަތު ގުނަން ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް ރިއާޔަތްކޮށެވެ.
ގަވާއިދުގައި ހިމެނޭ އެމާއްދާ އޮތީ ގާނޫނާ ޚިލާފަށް ހިމެނިފައި ކަމަށް ފަނޑިޔާރުން ކަނޑައެޅުއްވިއެވެ. ނަމަވެސް މީގެ ކުރިން އެއްވެސް ކޯޓަކުން އެ މާއްދާ މާނަކޮށްދީފައި ނެތުމުންނާއި، ޤާނޫނު ބާތިލްވުމުގެ ކުރިން ގާނޫނުގެ ދަށުން ކޮށްފައިހުރި ކަންކަން ސައްހަވާތީ ދައުލަތުން މީގެކުރިން އަމަލު ކޮށްފައި ހުރި ގޮތްތައް ބާޠިލްވެގެން ނުދާނެކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ. އެހެންކަމުން އަޙްމަދު މޫސާގެ މައްސަލަވެސް ހައިކޯޓުން ބަލަން ޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެއެވެ.
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މިއީ އޭނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާގެ މައްސަލަ ނިމެންދެން ދައުލަތުގެ އެއްވެސް ވެރިޔަކު އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް އެއްވެސް ތާކު ނުދެއްކުމަށްވެސް ސުޕްރީމް ކޯޓުން ކުރިން ވަނީ އަމުރެއްވެސް ނެރެފައެވެ. ކޯޓްގެ މި އަމުރު އައިސްފައިވަނީ މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ އަމިއްލަ ބްލޮގާއި ޓްވީޓާގައި ވާހަކަދައްކަވާފައި ވާތީއެވެ.