Ad

ޖަރުމަނު ސަފީރުކަމަށް ލަޠީފުގެ ބަދަލުގައި ޗީފް އޮފް ޕްރޮޓޮކޯލް ޝާން

ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު ލަޠީފުގެ އަނބުރާ ގެނައުމަށް ނިންމާފައިވާތީ އެމަޤާމަށް ޗީފް އޮފް ޕްރޮޓްކޯލްގެ މަޤާމުގައި ހުންނެވި ޢާއިޝަތު ޝާން ޝާކިރު ހަމަޖެއްސުމަށްޓަކައި މަޖިލީހަށް ފޮނުވައިފިއެވެ.

މިމައްސަލަ ދިރާސާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފޮނުވާފައެވެ. ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ލަޠީފް އައްޔަން ކުރައްވާފައިވަނީ 2020 ވަނަ އަހަރުއެވެ. ލަޠީފަކީ 1981 ވަނަ އަހަރު ރާއްޖޭގެ ޚާރިޖީ ދާއިރާއާއި ގުޅިވަޑައިގެން، ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

މިގޮތުން އަޙްމަދު ލަޠީފަކީ 2007 ވަނަ އަހަރު ޗައިނާ ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރުގެ ގޮތުގައި 5 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ޢައްޔަނު ކުރެއްވި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމުވެސް އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ.

ލަތީފުގެ ބަދަލުގައި އެމަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ބޭފުޅަކީ ޗީފް އޮފް ޕްރޮޓްކޯލްގެ މަޤާމަށް ފުރަތަމަ ފަހަރަށް އައްޔަން ކުރެއްވި އަންހެން ބޭފުޅާކަމަށްވާ ޢާއިޝަތު ޝާން ޝާކިރުއެވެ. ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ހަމަޖެއްސުމާއި ހަމައަށް ޢާއިޝަތު ޝާން ޝާކިރު ހުންނެވީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އެ ކަމަނާ ވަނީ މީގެކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަޤާމާއި، ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަޤާމުގެ އިތުރުންވެސް، އެ މިނިސްޓްރީގެ އެހެނިހެން އިސް މަޤާމުތައް ފުރުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *