Ad

މާލެ ސިޓީ ޕާރކް ވޮލީ މުބާރާތް 2022 ކާމިޔާބުކަމާއެކު ނިންމާލައިފި

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ބޮލީ މުބާރާތް، މާލެ ސިޓީ ޕާރކް ވޮލީ މުބާރާތް 2022 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅެ ނިންމައި އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވީ ރެއެވެ. މުބާރާތުގެ ފައިނަލް މެޗުތަކުގެ ތެރެއިން ފުރަތަމަ ކުޅެފައިވަނީ އަންހެން ޑިވިޝަނުގެ މެޗެވެ. މި މެޗުގައި ވާދަކޮށްފައިވަނީ މޯލްޑިވްސް ވޮލީބޯލް ވެޓަރެންސް އާއި ޕޮލިސް ކްލަބް އޭ އެވެ. މި މެޗު 2 ސެޓް 1 ސެޓުން ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކްލަބް އޭ އެވެ.

މާލެ ސިޓީ ޕާރކް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ޑީވީވީއޭ ސްކައި އާއި ޑީވީވީއޭ ޝޫޓާސްއެވެ. މި މެޗު ސީދާ 2 ސެޓުން ކާމިޔާބުކޮށްފައިވަނީ ޑީވީވީއޭ ޝޫޓާސްއިންނެވެ.

ފައިނަލްގެ މެޗުތައް ކުޅެ ނިމުމުން ވަނަވަނައަށް އައި ޓީމުތަކަށާއި ކުޅުންތެރިންނަށް ވަނީ ހަނދާނީ ފިލަޔާއި ފައިސާގެ އިނާމު ހަވާލުކޮށްފައެވެ. މިގޮތުން ރާއްޖޭގައި ބޭއްވުނު އެންމެ އަގު ބޮޑު ވޮލީ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ހޯދާފައިވަނީ ޑީވީވީއޭ ޝޫޓާސްއެވެ. އަދި މި މުބާރާތުގެ ޝަރަފުވެރި އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ ޕޮލިސް ކްލަބް އޭ އިންނެވެ. މި ޓީމުތަކަށް ފައިސާގެ އިނާމު އަދި ޗެމްޕިއަން ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒެވެ. ކޮންމެ ޗެމްޕިއަން ޓީމަކަށް 45،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ.

މި މުބާރާތުގެ ރަނަރަޕް ޓީމުތަކަށް ވެސް ވަނީ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މިގޮތުން ކޮންމެ ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައި ވެއެވެ. ފިރިހެން ޑިވިޝަނުގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ފައިނަލުގައި ކުޅެ ބަލިވި ޑީވީވީއޭ ސްކައި އެވެ. އަދި އަންހެން ޑިވިޝަނުގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސް އެވެ. މި ޓީމުތަކަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗެއާރމަން އޮފް ޑިސިޕްލިން ކޮމިޓީ އޮފް ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން މުޙައްމަދު ރިޔާޒެވެ.

މާލެ ސިޓީ ޕާރކް ވޮލީ މުބާރާތުގެ 2 ވަނަ ރަނަރަޕަށް ހޮވިފައިވާ ޓީމުތަކަކީ ފިރިހެން ޑިވިޝަނުން މޯލްޑިވްސް ވޮލީ ބޯލް ވެޓަރެންސް އާއި އަންހެން ޑިވިޝަނުން ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަން އެވެ. މި ޓީމުތަކަށް ވަނީ ކޮންމެ ޓީމަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މި ޓީމުތަކަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝް އެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ 4 ވަނައަށް އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ ޑީވީވީއޭ ބުލްސް އެވެ. އަދި އަންހެން ޑިވިޝަނުގެ 4 ވަނައަށް އެންމެ މޮޅު ޓީމަކަށް ހޮވިފައިވަނީ ޑީވީވީއޭ ކުއީންސް އެވެ. މިއިން ކޮންމެ ޓީމަކަށް ފައިސާގެ އިނާމުގެ ގޮތުގައި 10،000 ރުފިޔާ އާއި ހަނދާނީ ފިލާ ވަނީ ހަވާލުކޮށްފައެވެ. މުބާރާތުގެ 5 ވަނަ އަދި 4 ވަނައަށް އައި ޓީމުތަކަށް ހަނދާނީ ލިޔުމާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައިވަނީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދް ނަރީޝް އެވެ.

މި މުބާރާތުގެ 5 ވަނައަށް ހޮވިފައިވާ އަންހެން ޓީމަކީ އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބެވެ. އަދި ފިރިހެން ޑިވިޝަނުގެ 5 ވަނަ ޓީމަކަށް ހޮވިފައިވަނީ ކުޑަހެންވޭރު ޔުނައިޓެޑެވެ. މި ޓީމުތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5000 ރުފިޔާ ވަނީ ހަވާލުކޮށްފައެވެ. އަދި ކޮންމެ ޓީމަކަށް ހަނދާނީ ފިލާ ވަނީ ހަވާލުކޮށްފައެވެ.

މާލެ ސިޓީ ޕާރކް ވޮލީ މުބާރާތުގައި ވަނީ ފުރަތަމަ ފަހަރަށް ވޮލީ މުބާރާތެއްގައި ކިންގް އޮފް ދަ ޓޯނަމެންޓް އަދި ކުއީން އޮފް ދަ ޓޯނަމެންޓް ހޮވާފައެވެ. މި މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓަކަށް ހޮވިފައިވަނީ ޑީވީވީއޭ ޝޫޓާސްގެ އިސްމާޢީލް ސާޖިދެވެ. އަދި ކުއީން އޮފް ދަ ޓޯނަމެންޓަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބް އޭގެ ޙައްވާ ރާޝިދާ އެވެ. މި ދެކުޅުންތެރިންނަށް ވެސް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވާފައި ވަނީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒެވެ. މީގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ.

ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު 4 ކުޅުންތެރިންނަކީ ޑީވީވީއޭ ޝޫޓާސްގެ އިސްމާޢީލް ސާޖިދާއި އެޓީމުގެ ޞާދިޤް މޫސާގެ އިތުރުން ޑީވީއޭ ސްކައިގެ ދެ ކުޅުންތެރިން ކަމުގައިވާ ޙުސައިން ޝާހިދު އާއި ސިރްހާން ޢަބްދުއްސައްތާރެވެ. މި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ އުރީދޫގެ ޑިރެކްޓަރ އޮފް އޮޕަރޭޝަން ޝަބީން ޢަލީ އެވެ.

އަންހެން ޑިވިޝަނުގެ އެންމެ މޮޅު 4 ކުޅުންތެރިންނަކީ ޕޮލިސް ކްލަބްގެ އައިޝަތު ވިޝާމާ އާއި ޙައްވާ ރާޝިދާ އަދި މޯލްޑިވްސް ވޮލީބޯލް ވެޓަރަންގެ ދެ ކުޅުންތެރިން ކަމުގައިވާ އައިޝަތު މާޖިދާ އާއި ފާތިމަތު މަޒިއްޔާ އެވެ. މި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒެވެ.

މި މުބާރާތް ނިންމާލުމަށް ބޭއްވުނު ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރުގެ އިތުރުން އެކިއެކި ދާއިރާތަކަށް ނިސްބަތްވާ ކައުންސިލަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *