ސަޢުދީ ޢަރަބިއްޔާއާއި ތުރުކީގެ ގުޅުން ވަރަށް ގޯސްވެފައިވަނިކޮށް ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއާއަށް ވަޑައިގެންފިއެވެ.
ތުރުކީވިލާތުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި އުރުދުޣާންގެ މިދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު އާލް ސަޢުދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅުގެ ބޭނުމަކީ ހީނަރުވެފައިވާ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ސަލްމާން ރަސްގެފާނާއި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމެވެ. މިބައްދަލުކުރެއްވުނަތަކުގައި ކާބޯތަކެއްޗާއި ޞިއްޙަތާއި ހަކަތައާއި ދިފާޢީ އަދި މާލީ ދާއިރާއިން ގުޅުންބަދަހިކުރުމަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
ސަޢުދީ ޢަރަބިއްޔާއާއި ތުރުކީވިލާތުގެ ގުޅުން ގޯސްވެފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚަޝޫޤުޖީ ތުރުކީވިލާތުގެ އިސްތަންބޫލުގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސޫލޭޓުގައި އަނިޔާވެރިކޮށް މަރާލުމުންނެވެ. އެ ޢަމަލު ހިންގިކަމަށް ތުޙުމަތުކުރެވެނީ ސަޢުދީ ޢަރަބިއްޔާގެ ޖަސޫސީ އިދާރާގެ މެންބަރުންގެ މައްޗަށެވެ. އެ ކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ސަޢުދީ ޢަރަބިއްޔާއިންވަނީ ތުރުކީވިލާތުން މުދާ އެތެރެކުރުން ހުއްޓާލައިފައެވެ. އެއާއެެކު ތުރުކީވިލާތުގެ ތަކެތީގެ އަގުވަނީ %60އަށް އުފުލިފައެވެ.