Ad

ނާއިބު ރައިސް، އދގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހުރިއްޔާގެ ނާއިބު ފައިސަލް ނަސީމް، އދގެ ސެކްރެޓަރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދގެ މައި މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒް ވަނީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތަށް ތަޢުރީފުކުރައްވާފައެވެ. އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ރާއްޖެއަށް އެއްބާރުލެއްވުން ދެއްވާނެކަމަށާއި، ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރީ ސަފުގައި އަބަދުވެސް މަސައްކަތްކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާކަމަށާއި، މިގޮތުން އަބަދުވެސް އ.ދ. އިން އަދި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ލީޑަރޝިޕަށް ތަޢުރީފުކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީީ އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

ހުރިހާ ޤައުމުތަކުން އެކަތިގަނޑަކަށް ވާންވީ ވަގުތަކީ މިވަގުތުކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކުގެ ސަަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިކަން ބޭނުންވާކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުން ނާޒުކު ކުދި ޤައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވެދިނުން މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމަށް ކުރިއަސަރުތަކާ ގުޅުންހުރި ބައެއް ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުގެ ފަރާތުން ބައެއް ކަންކަމުގައި ބޭނުންވެލައްވާ ވަރަށް އެއްބާރުލުން ނުލިބޭކަން ހިތާމައާއެކު ފާހަގަކުރައްވާ ކަމަށެވެ. އަދި، އެމަނިކުފާނު ވަނީ ކުރަން ހުރި ކަންކަން ގިނަކަމުގައި ވިދާޅުވެ، ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތަކަށް އެންމެ ބޮޑު އަގެއް ދައްކަންޖެހިފައިވަނީ ރާއްޖެ ފަދަ ކުދި ނާޒުކު ޤައުމުތަކުން ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ކުދި އަދި ނާޒުކު ޤައުމުތަކުގެ ޙައްޤުގައި މަސައްކަތްކުރުންމަތީ ދެމިހުންނަވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހެޔޮ އެދުންތައް ފޮނުއްވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއިން ޤަބޫލުކުރާ ގޮތުގައި މިއީ މޫސުމީ ބަދަލުތަކާ ގުޅިގެން ލަސްނުކޮށް ފިޔަވަޅު ނަގަންވީ ވަގުތުކަން ހާމަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ މިއީ މިއަދު ރާއްޖެއަށް ކުރިމަތިވާ ކަމެއްކަމުގައި ވަނީނަމަ މާދަމާ ކުރިއަރާފައިވާ އެހެން ބޮޑެތި ޤައުމުތަކަށްވެސް މިކަންކަން ކުރިމަތިވާނެ ކަމުގައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަންހެނުން ބާރުވެރިކުރުވުމާއި، ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުން އ.ދ. ގެ ސެކްރެޓަރީ ޖެނެރަލާ މަޝްވަރާކުރައްވާފައެވެ..

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *