Ad

އާޒިމްގެ ލީޑަރޝިޕްގައި މިއަރަހުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު އާމްދަނީ 30 އިންސައްތަ އިތުރު

މިހާރުގެ ސީއީއޯ އާދަމް އާޒިމްގެ ލީޑަރޝިޕްގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް 550 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ލިބުނު 423 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 30 އިންސައްތަ އިތުރު އަދަދެކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީން އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 636 މިލިއަން ރުފިޔާއެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު ދަށްވެފައިވަނީ، މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ސަޕްލައި ކުރި މިންވަރު އިތުރުވުމާއި ގުޅިގެންކަމަށް އެކުންފުނިން ބުނެއެވެ. އެމްޓީސީސީގެ ވަކި ވަކި ސެގްމަންޓުތަކުގެ އާމްދަނީއަށް ބަލާއިރު، އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިންހިއްކުމުގެ މަސައްކަތުންވެެ. އަދި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް އެމްޓީސީސީއަށް ލިބިފައިވަނީ ޓްރޭޑިން ސެގްމަންޓުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 75 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ނަތީޖާއާ އަޅާބަލާއިރު 27.1 އިންސައްތަ އިތުރު އަދަދެކެވެ. ފުރަތަމަ ކުއާޓަރުގެ ނަތީޖާއާއިއެކު ހިއްސާއަކަށް ޖެހުނު ފައިދާވަނީ 7.96 ރުފިޔާއަށް އަރާފައެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާރުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު އެމްޓީސީސީއިން ވަނީ ހިންގާފައެވެ. އެގޮތުން 108 މަޝްރޫއެއްގައި މަސައްކަތްކުރެވި 8 މަޝްރޫއެއްގެ މަސައްކަތް ތަނީ ކަމިޔާބުކަމާއިއެކު ނިންމާލެވިފައެވެ. އަދި 14 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއަރޓާގައި ފަށާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ވަނީ މިދިޔަ އަހަރުތެރޭ ރެކޯޑު އަދަދެއްގެ ފައިދާއެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ އެމްޓީސީސީއަށް ލިބިފައެވެ. މިއީ މިދިޔަ އަހަރު ލިބުނު ފައިދާއަށްވުރެ %21 އިތުރު އަދަދެއްކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *