Ad

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އިސްރަށްވެހިންނަށް ޚާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް އުރީދޫއިން ތަޢާރަފްކޮށްފި

އިސްރަށްވެހިންނަށް %30 ޑިސްކައުންޓާއި ވައިބާ ބޭނުންކޮށްލުމަށް ހިލޭ ޑޭޓާ ލިބޭ ޚާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއިން ތައާރަފްކުރި "އިސްރަހަވެހި ޕްލޭން" އަކީ، މިއަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް އުރީދޫން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ތަޢާރަފްކުރި ޕޯސްޓްޕެއިޑް ޕްލޭނެކެވެ.

އުރީދޫން ބުނީ މި ޕްލޭނަކީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާފަދައިން ދޮށީ އުމުރުގެ މީހުންވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދީ، ފާގަތި ދުޅަހެޔޮ ދިރުއުޅުމަކަށް އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރި ޕްލޭނެއް ކަމަށެވެ.

މި ޚާއްޞަ ޕެކޭޖް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ. މި ޕެކޭޖާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ އުރީދޫގެ ސީނިއަރ ސިޓިޒަން "ޕޯސްޓްޕެއިޑް" އޮފަރއާއެކު އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގެ ބައިވެރިވުން އިތުރު ވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ޤަބޫލްކުރައްވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ އިންޓަރނެޓް މިވަނީ ވަރަށް ހަލުވިކަމާއެކު ދިރިއުޅުމުގެ އަސާސީ ބޭނުމަކަށްވެފައި ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް ބަރޯސާވެފައި އޮތީ މުވާޞަލާތު ކުރުން އެކަނި ނޫން ކަމަށާއި މަޢުލޫމާތު ހޯދައި، އިޤްތިޞާދު ކުރިއެރުވުމަށް އަދި ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދްމަތް ތަކެއް ފޯރުކޮށްދިނުމަށްވެސް ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރާކަން ޚާލިދު ފާހަގަކުރެއްވިއެވެ.

"ޑިޖިޓަލް ކުރިއެރުންތަކުގެ މަންފާގައި ހުރިހާ އުމުރެއްގެ މީހުން ޝާމިލުކޮށް ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް، އެގޮތުން މިއަދު މި ތައާރަފްކުރެވުނު އިސްރަށްވެހިންގެ ޕެކޭޖަކީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ޕެކޭޖެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިހާރަށްވުރެ ބޮޑަށް ޑިޖިޓަލް ދުނިޔޭގައި އެބޭފުޅުންގެ ބައިވެރިވުން އިތުރުކޮށް، އާ ފުރުސަތުތަކާ ގުޅުވާލަދިނުން. ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ދޮށީ އުމުރުގެ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން." މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން އަލަށް ތައާރަފްކުރި ޕެކޭޖް ކަމަށްވާ "އިސްރަށްވެހިންގެ ޕެކޭޖް" މެދުވެރިކޮށް 60 އަހަރުން މަތީގެ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް މަހުފީ އިން %30 ހަމައަށް ޑިސްކައުންޓްގެ އިތުރުން އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ވައިބާ ބޭނުންކުރުމަށް ހިލޭ ޑޭޓާ ލިބޭނެއެވެ. މީގެ އިތުރުން، މިޕެކޭޖަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ކްލަބް ޕްރިމިއަރ ގޯލްޑް މެމްބަރޝިޕާ އެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ޚައްސަ އޮފަރތައްވެސް ލިބޭނެ ކަމަށް އުރީދޫން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *