ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ކޮންކްރީޓް ސަޕްލައިކުރުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފިއެވެ.
ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި ކުރުމުގެ މަސައްކަތް އެސްޓީއޯއާއި ހަވާލުކޮށް އެކަމާއި ގުޅޭ އެއްބަސްވުމުގައި، އެފްކޮން އިންފްރާސްރަކްޗަރ ލިމިޓެޑާ އެސްޓީއޯއާއި ދެމެދު ސޮއިކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގެ ދަށުން އެއްއަހަރު ދުވަހުގެ މުއްދަތަަކަށް އެސްޓީއޯއިން ކޮންކްރީޓް ސަޕްލައިކޮށްދޭނެއެވެ. އެސްޓީއޯއިން ބުނެފައިވަނީ މި އެގްރިމެންޓުގެ ދަށުން 7500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކްރީޓްގަތުމަށް އެފްކޮންއިން އެއްބަސްވެފައިވާކަމަށެވެ.
އެސްޓީއޯއިން މައުލޫމާތުދޭގޮތުގައި ތިލަމާލެ ބްރިޖަށް ކޮންކްރީޓު ސަޕްލައިކުރަނީ އެފްކޮންއިން ބޭނުންވާ ފެންވަރަށް، ރިކުއަރމަންޓަށް ފެތޭ ގޮތަށް ކަމަށެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ޓެސްޓު ޕައިލިން މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައިވާއިރު، މި މަޝްރޫޢަށް ބޭނުންވާ ކޮންކްރީޓު ސަޕްލައި ކުރުމަށް އެސްޓީއޯއަށް ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
https://twitter.com/HusenAmr/status/1527994397182558208?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1527994397182558208%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpsmnews.mv%2F103088
ސްޓީއޯއިން ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށްޓަކައި ވޭތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އެކުންފުނިން ފުރިހަމަ ކޮށްފައިވާކަމަށެވެ. މިގޮތުން ސަޕްލައިކުރާ ކޮންކްރީޓަކީ ހައި ސްޓްރެންތު ކޮންކްރީޓަށްވުމާއެކު އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރު ގާއިމްކުރެވިފައިވާ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.
ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި ހިންގާ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ ތިލަމާލެ ބްރިޖް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މާލެ ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް ހިންގާ ތިލަމާލެ ބްރިޖް މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ހަދަންޖެހޭ ގިއޯ ޓެކްނިކަލް ސާރވޭ ކުރުމުގެ މަސައްކަތެވެ. މީގެތެރެއިން ބައެއް ސާވޭތައް މިހާރު ވަނީ ނިމިފައެވެ.
ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.