Ad

ދަރަނި ދެއްކުމަށް ރާއްޖެއަށް ދައްޗެއް ނެތް: ރައީސް ސޯލިޙު

  • ރައީސް ވިދާޅުވީ އަންނަ އަހަރާއީ އޭގެ ކުރިޔަށް އޮތް އަހަރު ވެސް ބަޖެޓުކޮށްފައިވާ ގޮތަށް ދަރަނި ދައްކަމުން ގެންދެވޭނެކަމަށް. 

2024 ވަނަ އަހަރާއި ހަމައަށްވެސް ދައުލަތުގެ ދަރަނި އެއްވެސް ދަތިކަމެއް ނެތި ދެއްކޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހުރިއްޔާ މިފަދައިން ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ރާއްޖޭގެ ދަރަނިތައް އަދާނުކުރެވި 2023ގެ ނިޔަލަށް ޑީފޯލްޓް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރާއީ އޭގެ ކުރިޔަށް އޮތް އަހަރު ވެސް ބަޖެޓުކޮށްފައިވާ ގޮތަށް ދަރަނި ދައްކަމުން ގެންދެވޭނެކަމަށެވެ. އަދި ދަރަނި އަދާކުރެވުނުނަމަވެސް ރަޝިއާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން އިގުތިޞާދަށް ފިއްތުންތަކެއް އެބަހުރިކަަމަށާއި މިފަދަ ހާލަތެއްގައި ރާއްޖޭގެ އިގުތިޞާދީ ހާލަތު ނޭނގުމެއްގެ ތެރެއަށް ވެއްޓޭ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސްކަން ދޭނެ ތަރުތީބަށް އަޅުގަނޑުމެން ބަދަލުތަކެއް އެބަ ގެންނަން. އަދި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވެސް މި އަންނަނީ ފިޔަވަޅުތަކެއް އަޅަމުން. މިފަދަ ހާލަތެއްގައި، ނޭނގުމެއްގެ ތެރެއަށް ރާއްޖޭގެ އިގުތިޞާދު ވެއްޓޭ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނަން." ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވަނީ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ނިންމާފައިވާ ނިންމުން މިވަގުތަށް މަޑުޖައްސާލުމަށް ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި އިޤްތިޞާދި ގޮތުން ރާއްޖެއަށް ދަތިތަކެއް ހުރިނަމަވެސް އެކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ރާއްޖޭގެ އިޤްތިޞާދަށް އަންނަ ކުރިއެރުމާއެކު ކުރިއަށް ދާނެކަމުގެ ޔަޤީންކަށް ރައްޔިތުންނަށް ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *