Ad

ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައިން ރައްޔިތުން ދުރުކުރުމަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށް ރައީސް ސޯލިޙު ތަހުނިޔާ ފޮނުއްވައިފި

ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައިން ރައްޔިތުން ދުރުކުރުމަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. އެފަރާތްތަކަށް އެމަނިކުފާނު ތަހުނިޔާ ފޮނުއްވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާޞަބަތުގައި މިއަދު ފޮނުއްވި ޚިޠާބު ގައެވެ.

މި ޚިތާބުގައި ރައީސް ސޯލިޙު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޞިއްޙީ މައްސަލަތައް ކުރިމަތިކުރުވާ ކަމެއްގެ އިތުރުން ތިމާވެށްޓަށްވެސް އޭގެ އެތައް ގެއްލުމެއް ފޯރާކަމެއްކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނާއި ދުންފަތުގެ ނުރައްކާތެރިކަމާ މެދު ރައްޔިތުން ހޭލުންތެރިކޮށް، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައިން ރައްޔިތުން ދުރުކުރުމަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މިއަހަރު ހިންގާ ޙަރަކާތްތައް ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދަނީ، އިންސާނީ ދަރިފަސްކޮޅު މި ބިންމަތީގައި ދެމިއޮތުމަށް ނުރައްކާކުރާ ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިގެންނެވެ.

ދުންފަތުގެ ބޭނުންކުރުމުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުގެ އިތުރުން ތިމާވެށީގެ ގޮތުން ކުރާ އަސަރުތަކަށް އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ސިނގިރޭޓް އުފެއްދުމަށްޓަކައި ކޮންމެ އަހަރަކު އެވްރެޖް ގޮތެއްގައި 600 މިލިއަން ގަސް ކަނޑާކަމާއި ސިނގިރޭޓް އުފައްދާ ކާރުޚާނާތައް ހިންގުމުގެ ތެރޭގައި، އަހަރަކު 84 މިލިއަން ޓަނުގެ ކާބަންޑައި އޮކްސައިޑް ޖައްވުގެ ތެރެއަށް ދޫކުރާކަމާއި ސިނގިރޭޓް އުފެއްދުމުގެ މަސައްކަތަށް އަހަރަކު އެވްރެޖް ގޮތެއްގައި، 22 ބިލިއަން ޓަނުގެ ފެން ބޭނުންކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ސިނގިރޭޓް ބުއިމަށް ފަހު ބާކީވާ ފިލްޓަރުގެ 4.5 ޓްރިލިއަން އެތިކޮޅު، ރައްކާތެރި ގޮތުގައި ނައްތާނުލައި އެކި ތަންތަނަށް އުކައިލުމުން، އެވްރެޖްކޮށް އަހަރަކު 766 ޓަނުގެ ވިހަ ކުނި އުފެދޭކަމާއި އޭގެ ސަބަބުން އެތައް ބައިވަރު ވިހަ ކެމިކަލްތައް، މި ބިމުގެ ވަޔާއި ފެނާއި ބިންގަނޑާ އެކުވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ތިމާގެ އަމިއްލަ ޞިއްޙަތަށާއި އަނެކުންގެ ޞިއްޙަތަށް، ގެއްލުންވާކަން ފާހަގަކުރައްވައި އެނގި ހުރެ އެހެންމީހެއްގެ ޞިއްޙަތަށް ގެއްލުން ދިނުމަކީ ކޮށްގެންވާނެކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންނަން އޮތް ޖީލުތައް ދިރިއުޅުމަށްޓަކައި، ދުނިޔޭގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމުގެ ގޮތުންވެސް، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައަށް ނޫނެކޭ ބުނުމުގެ ވަގުތު ޖެހިފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *