ސަރުކާރުގެ 345 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް މިވަގުތު ރާއްޖޭގައި ހިންގަމުން އަންނަކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށިއްޖެކަމަށެވެ. އަދި ވަރަށްގިނަ މަޝްރުޢުތައް ކޮންޓްރެކްޓަރުންނާ ޙަވާލުކޮށްފައިވާކަމަށެވެ. އަދި ހަމަ އެހާ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ބީލަން މަރުޙަލާގައިވެސް ކުރިއަށްދާކަމަށެވެ.
މިނިސްޓަރ މިއަދު މަޖިލީހުގައި ހާމަކުރެއްވި ތަފާސް ހިސާބުތަކަކީ…
- މިވަގުތު 345 މަޝްރުޢޫއެއްގެ ޢަމަލީ މަސައްކަތް ކުރިއަށް އެބަދޭ.
- 77 މަޝްރޫޢުއެއްގެ ޕްލޭނިން މަސައްކަތް ނިމިފައި.
- ބަނދަރާއި ފާލަން ތަރައްޤީކުރުމުގެ 35 މަޝްރޫޢުގެ މަސައްކަތް ވަނީ ނިމިފައި.
- 42 ރަށުގައި މިވަގުތުވެސް މިފަދަ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދޭ.
- އިތުރު 12 މަޝްރޫޢެއްގެ މަސައްކަތް ކޮންޓްރެކްޓަރާ ޙަވާލުކޮށް، މަސައްކަތް ފެށުމުގެ މަގުމަތީގައި.
- 21 ރަށެއްގައި މަގުހެދުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ދަނީ.
- 3 ރަށެއްގެ މިފަދަ މަސައްކަތްތައް ކޮންޓްރެކްޓަރުންނާއި ވަނީ ހަވާލުކޮށްފައިވޭ.
- ގޮނޑުދޮށް ޙިމާޔަތްކުރުމުގެ 8 މަޝްރޫޢެއް ވަނީ ނިމިފައި.
- އިތުރު 18 ރަށެއްގައި މިމަސައްކަތްވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށް ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައި.
- 23 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ޙަވާލުކުރުމަށް ވަނީ ތައްޔާރުވެފައި.
- 6 ރަށެއްގެ ބިން ހިއްކައި ނމިފައި
- 4 ރަށެއްގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދޭ.
- އިތުރު 10 ރަށެއްގެ ބިން ހިއްކުމަށް ކޮންޓްރެކްޓަރުންނާ ވަނީ ޙަވާލުކޮށްފައި.
- ފެނާއި ނަރުދަމާގެ، 130 އަށްވުރެ ގިނަ މަޝްރޫޢު ކޮންޓްރެކްޓަރުންނާ ޙަވާލުކޮށް، އޭގެ މަސައްކަތްތައްވެސްކުރިއަށް އެބަދޭ.
2023ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރި ފެނާއި ދެމެހެއްޓެނިވި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ.
މިނިސްޓަރ މަޖިލީހުގައި ހާމަކުރެއްވި މި ތަފާސްހިސާބުތަކަކީ އަތޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ހިސާބުތަކެވެ. އާބާދީގެ ކުޑަބޮޑުމިނަށް ނުބައްލަވައި، ވަކި ރަށެއް ބާކީ ކުރުމެއް ނެތި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ސަރުކާރުން ދަނީ ރަށްރަށުގައި ޤާއިމުކުރައްވަމުންނެވެ.