Ad

އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ނެރުއްވި ޤަރާރު ބާޠިލްކުރުމަށް ހުށަހެޅި މައްސަލައިގެ ޝަރީއަތަށް އިދިކޮޅު ޕީ.ޕީ.އެމްއިން ހާޒިރުނުވުމުން މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރު ބާޠިލްކުރުމަށް ހުށަހެޅި މައްސަލައިގެ ޝަރީއަތަށް އިދިކޮޅުޕީޕީއެމްއިން ހާޒިރުނުވުމުން މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

އޭޕްރީލް މަހުގެ 21ވަނަ ދުވަހު ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ނިންމި ނިންމުމަކާ ގުޅިގެން އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޛް ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ މިފަދައިން އަންގަވާފައިވަނީ އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ޤާއުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ނިންމަވާފައިވާތީއެވެ.

އިއްޔެ ސިވިލްކޯޓުގައި ބާއްވަން ތާވަލްކުރި އަޑުއެހުމަށް ޕީޕީއެމްއިން ހާޒިވެފައިނުވާއިރު، ކޯޓަށް ހާޒިރު ނުވި ވަކި ސަބަބެއްވެސް އަންގާފައިވެސް ނުވާކަމަށް ކޯޓުންވަނީ ވިދާޅުވެފައެވެ.

މި ހަރަކާތުގެ ސަބަބުން ޚާއްޞަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތު ރޫޅި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ނުރައްކާތަކުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، އެކި ގޮތްގޮތުން ދިވެހި ރައްޔިތުން ތަޙައްމަލުކުރަންޖެހޭނެ ބުރަޔަކީ މިން ނުކުރެވޭނެ އަދި ފޫނުބެއްދޭނެ ބުރަތަކެއް ކަމުގައިވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ހުރަސްތަކެއް ދިމާވާކަމަށް ދައުލަތުގެ އިދާރާތަކަށާއި، ސަލާމަތީ ޚިދުމަތްތަކަށް ފެންނަނަމަ، ކަމާގުޅުންހުރި ޤާނޫނުތައް އިޞްލާހުކުރުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ.

މަޖިލީހުން މިގޮތަށް ފާސްކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ސަރުކާރުން ސަރުކާރުން ނިންމަވާފައިވެސްވަނިކޮށެވެ. ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *