Ad

މޭޔަރު އަދި ކައުންސިލްގެ ފަރާތުން ކުރިމަތިކުރުވާ ފިއްތުންތަކުގެ އަސަރު ކުރަނީ ސީދާ ވިލިމާލޭ ދާއިރާގެ ރައްޔިތުންނަށް: ނަހުލާ އަލި

ނަހުލާއަށް ކުރިމަތިކުރުވާ ފިއްތުންތަކުގެ އަސަރު ކުރަނީ ސީދާ އެ ދާއިރާގެ ރައްޔިތުންނަށް ކަމުގައި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ ވިދާޅުވެއްޖެއެވެ. އަންގާރަ ދުވަހު ވިލިމާލޭގައި ހުންނަ އިހުސާން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އޭނާ އެތަނުގައި ހަރަކާތްތެރިވުމުން ކައުންސިލުގެ އެހީ ފޯރުކޮށްދިނުމުގައި ވެސް ކައުންސިލްގެ ފަރާތުން ދަތިތަކާ ކުރިމަތި ކުރުވި ކަމަށް ނަހުލާ ވިދާޅުވެ އަންގާރަ ދުވަހުގެ ރޭ ނަހުލާ ފޭސްބުކްގައި ކުރެއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވިއެވެ.

މި ޕޯސްޓުގައި ވެސް ނަހުލާ ވަނީ މިއީ ޕީޕީއެމުން ބުނެގެން ކުރާ ކަމެއް ކަމަށް މޭޔަރު މުއިއްޒު ވިދާޅުވި ކަމަށް ވެސް ލިޔުއްވާފައެވެ.

ނަހުލާ ވަނީ މި ހާދިސާގައި ހަލާކުވި ތަކެތި އުކާލުމުގައި ކައުންސިލުގެ އެހީތެރިކަމަށް އެދިވަޑައިގަތުމުން، ކައުންސިލްގެ އެހީތެރިކަން ފޯރުކޮށް ނުދޭ ކަމަށް ވިދާޅުވެފައެވެ.

"އިރުވަރު އޮންލައިން" ފަރާތުން ސުވާލުކޮއްލުމުން ނަހުލާ ވިދާޅުވި ގޮތުގައި ޑަމްޕް ލޮރީ ފޮނުވަދިނުމަށް އޭނާ ވަނީ ސިޓީ ކައުންސިލްގެ ގްރޫޕުގައިވެސް  އެތައް ފަހަރަކު އެދިވަޑައިގެންފައެވެ. އެ މެސެޖުގެ ޖަވާބުގައި ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ މެންދުރު ވަގުތެއްގައި އުޅަނދު ފޮނުވިކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައި ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.  ރޭގަނޑު 8 ޖަހަންދެން ކައުންސިލުން އެ އުޅަނދު ނުފޮނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެވާހަކަ ގްރޫޕުގައި ތަކުރާރު ކުރެއްވުމުން ބޭކާރު ވާހަކަ ނުދައްކަން ނަރީޝް ވިދާޅުވި ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ޕީޕީއެމުން ވަކި ކުރުމަށްފަހު، ކައުންސިލަރެއްގެ ހައިސިއްޔަތުން ޤާނޫނީގޮތުން އޭނާ އަދާ ކުރަން ޖެހޭ ޒިންމާ އަދާ ކުރުމުގައި ދަތިތަކާ ކުރިމަތިކުރުވާ ކަމަށެވެ. އެގޮތުން، އޭނާގެ ދާއިރާ ހިމެނޭ ކޮމިޓީގެ މުޤައްރިރު ކަމުން ވަކިކޮށްފައިވާ ކަމަށާއި އެ ދާއިރާގެ ސިޓީ ކައުންސިލް އޮފީހުގެ ސްޓާފުންނަށް އޭނާގެ ފޯނު ނުނެގުމަށާއި އޭނާ ވިދާޅުވާ ކަންކަން ނުކުރުމަށް އަންގާފައިވާ ކަމަށް ސްޓާފެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

މިކަމުގައި އިރުވަރު އޮންލައިންގެ ފަަރާތުން މޭޔަރު މުޢިއްޒުގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ ބަހެއް ވަނީ ލިބޭގޮތްނުވެފައެވެ.

މާލެ ސިޓީ ކައުންސިލުގައި ނަހުލާ އަލީ ވިލިމާލެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ. އެހެންނަމަވެސް އޭނާގެ ޚިޔާލު ތަފާތުވުންތަކެއް ހުރުމާއި ޕާޓީގެ ވިސްނުމަށްވުރެ ދާއިރާގެ ކަންކަން އިސްކުރެއްވުމުން، ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ ޕާޓީން އޭނާ ބޭރުކޮށްލި ހިސާބުން މޭޔަރު މުޢިއްޒު އަދި ކައުންސިލުން ވަނީ ނަހުލާއަށް ފިއްތުންތަކާ ކުރިމަތިކުރުވާފައިކަމަށް އޭނާ ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން ނަހުލާއަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށް މީގެ ކުރިން ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިވާހަކަތައް އާއްމުންނާ ހިއްސާ ކުރުމުން ނުރުހުން ފާޅުކޮށް ކައުންސިލުގެ އަގު ވައްޓާލަން މަސައްކަތް ކުރާ ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރާ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *