Ad

އާމްދަނީ އިތުރުކުރުމަށް ޓެކްސް ނަގާ މިންވަރު ބޮޑުކުރަނީ!

އިޤްތިޞާދަށް އަންނަ ހީނަރުކަމާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް އަމީރު ވިދާޅުވިއެވެ.

އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ؛

  • ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރުން.

  • ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުން.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ޓެކްސް ބޮޑު ކުރުމާއެކު ޓެކްސްދައްކަން ޖެހޭ ފަރާތްތަކަށް 6 މަހުގެ މުއްދަތެއް ދިނުމަށްޓަކައި މަޝްވަރާތައް ކުރައްވަމުން އަންނަކަމަށެވެ. އަދި ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަންޖެހެނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށްވެސް އެއްވެސް ބުރުލެއް އެރިޔަނުދީ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

  • ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ އަގު ހެޔޮކުރުމުގެ ގޮތުން 2022 ގެ މިހާތަނަށް 910 މިލިޔަން ރުފިޔާ ޚަރަދުވެފައިވޭ.

  • ކަރަންޓުގެ އަގު ހެޔޮކޮށް ދެމެހެއްޓުމަށް 2021 ވަނަ އަހަރު ދައުލަތުން ޚަރަދުކޮށްފައިވަނީ 546 މިލިއަން ރުފިޔާ.

  • ފެނާއި ކަރަންޓުން ރައްޔިތުންނަށް ޑިސްކައުންޓް ދިނުމުގެ ގޮތުން 298 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ދަޢުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ސަބްސިޑީ ރިފޯމް ކުރުމާށާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ހަރުދަނާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރ އަމީރު މިއަދު ވިދާޅުވިއެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ އިތުރަށް އެހެން އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދިޔުމަށާއި ހިންގުމުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ކޯވިޑާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އެރި ލޮޅުމާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސް ބޮޑު ހީނަރުކަމެއް ކުރިމަތިވިކަމަށެވެ. އެހެންނަމަވެސް އިޤްތިޞާދު ހަރުދަނާކުރުމަށް އެޅި ފިޔަވަޅުތަކާއެކު މިހާރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރާ އިޤްތިޞާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ކޯވިޑާއެކު ރާއްޖޭގެ އިޤްތިޞާދު 33 އިންސައްތަ ދަށަށްދިޔައިރު ޖީޑީޕީގެ ނިސްބަތުން ދައުލަތަށް ބޮޑު އާމްދަނީއެއް ގެއްލުނުކަމަށެވެ.

"2020 ވަނަ އަހަރާއި 2022 ވަނަ އަހަރާ ދެމެމދު ކޯވިޑް އާ ގުޅިގެން ގާތްގަޑަކަށް 13 މިލިޔަން ބެޑް ނައިޓްސް ވަނީ ފަތުުރުވެރިކަމުގެ ދާއިރާއިން ނުލިބި. މިއީ ކޯވިޑް 19 ކުރިން 2019 ވަނަ އަހަރުގައި ބެޑްނައިޓްސްއަށް ބަލާއިރު އައީ 10.7 ބެޑްނައިޓްސް. އެއީ ގާތްގަޑަކަށް 1 އަހަރުގެ ކޯވިޑް އާއެކު ގެއްލިފައި މިވަނީ. ނޮމިނަލް ޖީޑީޕީއަށް އިތުރުވާނަކެކަމަށް ބެލީ 88.8 ބިލިޔަން ރުފިޔާ ގެއްލިގެން ދިޔަ. މިއިީ ބަލިމަޑުކަމުގެ ކުރިން 1 އަހަރުދުވަހުގެ ރާއްޖޭގެ އިޤްތިޞަދުގައި އުފެއްދި މުދަލާ ޚިދުމަތުގެ އަގަށް ވުރެ މަތީ އަދަދެއް. 2019 ވަނަ އހަރުގެ ނިމިނަލް ޖީޑީޕީއަކީ 86.3 ބިލިޔަން ރުފިޔާ" މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *