Ad

100% ދިވެހި އުފެއްދުންތަކުން ވިޔަފާރިކުރަމުން އަންނަ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ކްރޮސްރޯޑްގައި ހުޅުވައިފި

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ހުޅުވައިފިއެވެ. މިއީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވި 2 ވަނަ ރިސޯޓެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަށް އެ ކުންފުނިން ހިންގާ ފިހާރައެކެވެ.

އޮތެންޓިކް މޯލްޑިވްސްއިން ކްރޮސް ރޯޑްސްގައި ހުޅުވި އައުޓްލެޓް ހުޅުއްވައިދެއްވީ، އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން، އެސް.ޑީ.އެފް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދެވެ.

މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތައްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޒީނާދު ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސް އަކީ ދިވެހި އުފެއްދުންތަކަށް، މާކެޓުގައި ޖާގައޮތްކަމާއި ކޮލިޓީ ރަނގަޅު އުފެއްދުންތައް ދިވެހިން އުފައްދަމުންދާކަން ދައްކުވައިދޭ ފިހާރައެއް ކަމަށެވެ. އަދި އެސް.ޑީ.އެފް.ސީން ވިޔަފާރި ފެށުމަށާއި ކުރިއެރުވުމަށް ދޫކޮށްފައިވާ އެސްއެމްއީ ލޯނުގެ އެހީގައި ކުރިއަށްގެންދާ ބައެއް ވިޔަފާރިތަކުން އޮތެންޓިކް މޯލްޑިވްސްގައި ބައެއް ތަކެތި ވިއްކަމުންދާކަންވެސް ޒީނާދު ވަނީ ފާހަގަކުރައްވާފައެވެ.

އޮތެންޓިކް މޯލްޑިވްސް ފެށުމުގެ މައިގަނޑު މަޤްސަދަކީވެސް ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ދިވެހި އުފެއްދުންތައް އުފައްދާ ވިޔަފާރިތަކުގެ އުފެއްދުންތައް ބާޒާރަށް ނެރެދީ މާކެޓް ކުރެވޭނެ ގޮތެއް ހޯދައި ދިނުމެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރަ ކްރޮސްރޯޑްގައި ހުޅުވުމަށްފަހު ވާހަކަދައްކަވަމުން ޑިރެކްޓަރ އޮތެންޓިކް މޯލްޑިވްސް މުހައްމަދު ޖައުޝަން ވިދާޅުވީ، ކްރޮސްރޯޑްގައި އިތުރު ފިހާރައެއް ހުޅުވިގެން ދިއުމަކީ މި ބްރޭންޑަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަށެވެ. އަދި މި އައުޓްލެޓްގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އެމީހުންގެ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރަށް މާކެޓްކުރުމަށް އިތުރު ފުރުސަތެއް ހުޅުވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގެ ސަބަބުން އައު ވިޔަފާރިތައްވެސް ވަނީ އުފެދިގެން ގޮސްފައެވެ. އަދި މިކަން ކުރަމުންދިޔަ ކުދި ވިޔަފާރިތައް ވަނީ ފުޅާކޮށް ބޮޑުވެސްކޮށްފައެވެ. އޮތެންޓިކް މޯލްޑިވްސް ފުރަތަމަ ފަށައިގަނެގެން އައިއިރު 50 ވިޔަފާރިވެރިންނާއިއެކު ފަށައިގެން އައިސް މިހާރު 180 އަށްވުރެ ގިނަ ވިޔަފާރިވެރިން އެ ކުންފުންޏާއިއެކު މަސައްކަތް ކުރެއެވެ. މިއީ ގާތްގަނޑަކަށް 3000 އަށްވުރެ ގިނަ ދިވެހި އުފެއްދުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *