-
ހަނޑުލުގެ އަގު ދަށަށް ދާން ފެށީ ޔޫކްރޭންގެ ދަނޑުވެރިކަމުގެ ބާވަތްތައް ބްލެކް ސީ މެދުވެރިކޮށް އެކްސްޕޯޓް ކުރުން އަލުން ފެށުމަށް، އިސްތަންބޫލްގައި ތުރުކީއާއި އދ އާއި ރަޝިޔާ އަދި ޔޫކްރޭނުން އެއްބަސްވުމެއްގައި ސޮއިކުރުމުން.
ހަނޑުލުގެ އަގުތައް ދަށަށް ގޮސްފައިވަނީ ބްލެކް ސީ ސަރަހައްދުން ސަޕްލައި އިތުރުވާނެ ކަމަށް ލަފާކުރެވޭ މިންވަރު ބޮޑުވެ، ތުރުކީ، ރަޝިޔާ، ޔޫކްރޭން އަދި އދ، ތުރުކީގެ އިސްތަންބޫލްގައި އިއްޔެ އެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅިގެންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވީ "މުޅި ދުނިޔެ ހިސާރުކޮށްފައިވާ ދުނިޔޭގެ ކާބޯތަކެތީގެ ދަތިކަން ހައްލުކުރުމުގައި ބޮޑު ދައުރެއް އަދާކުރާނެ އިސްނެގުމެއް ކަމަށްވާތީ އަޅުގަނޑުމެން ފަޚުރުވެރިވަން،" މިހެންނެވެ.
ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އިތުރަށް ވިދާޅުވީ ދުނިޔޭގައި އެތައް ބިލިއަން ބަޔަކު ތަހައްމަލުކުރަމުން އަންނަ ބަނޑުހައިހޫނުކަމުގެ ނުރައްކާ ހުއްޓުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ހުކުރު ދުވަހު ޝިކާގޯގެ ހަނޑުލުގެ އަގު ވަނީ ތިން ޕަސެންޓް ދަށަށް ގޮސްފަ އެވެ.
އެމެރިކާގެ މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރުމުން ދުނިޔޭގެ ސަޕްލައިގެ ކަންބޮޑުވުންތައް ލުއިވުމުން ކާށި އަދި ސޯޔާ ބިސުގެ އަގުވެސް ވެއްޓިގެން ދާނެއެވެ. ދުނިޔޭގައި އެންމެ ގިނައިން ކާބޯތަކެތި އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި ޔޫކްރޭން އާއި ރަޝިއާ ހިމެނެ އެވެ.
"ސީރިއަސް ޑީލަކީ ގޭމް ޗޭންޖަރަކަށް ވާނެ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި ޔޫކްރޭންގެ އެތައް މިލިއަން ޓަނެއްގެ ދަނޑުވެރިކަމުގެ ބާވަތްތައް މާކެޓަށް ގެނެވޭނެ ކަމަށް ބެލެވޭ،" ޖަރުމަނުގެ ވިޔަފާރިވެރިއަކު ބުންޏެވެ.
މިއަހަރުގެ ކުރީކޮޅު ރަޝިޔާއާއި ޔޫކްރޭންގެ މައްސަލައިގައި ޝިޕްމަންޓްތައް ހުއްޓުވުމަށްފަހު އެމެރިކާގެ ހަނޑުލުގެ އެކްސްޕޯޓް ދަނީ އިތުރުވަމުންނެވެ.
މިސްރުގެ ދައުލަތުގެ ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ކުންފުނިން ބުރާސްފަތި ދުވަހު އިތުރު 120،000 ޓަނުގެ ހަނޑުލުގެ ބާވަތްތައް ރަޝިޔާ އާއި ފްރާންސް އިން ގަނެފައިވާ ކަމަށް ބެލެވޭ ކަމަށް ވިޔަފާރިވެރިން ބުނެފައިވެއެވެ.
ޗައިނާއިން ގަންނަ ފަރާތްތަކުން މި ހަފްތާގައި ގިނަ އަދަދަކަށް އޮސްޓްރޭލިއާ އާއި ފްރާންސްގެ ހަނޑުލުގެ ބާވަތްތައް ގަނެފައިވަނީ އޭޝިއާގެ ގައުމުގެ ބޮޑެތި ބޭނުންތައް ފުއްދުމަށް ދާދި ފަހުން އަގުތައް ދަށްވުމުގެ ފައިދާ ނަގަމުންދާ ކަމުގެ ނިޝާނެއްގެ ގޮތުގައި ކަމަށް ޔޫރަޕްގެ ވިޔަފާރިވެރިން ހުކުރު ދުވަހު ބުނެފި އެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ކުރިއަށް އޮތް ހަފުތާތަކުގައި ކާބޯތަކެތީގެ އަގުތައް ދަށަށް ދާނެއެވެ.