Ad

"ދުނިޔޭގައި ޖާދުލެއްވާނަމަ އެޖާދޫވަނީ ފެނުގައެވެ."

ދުނިޔޭގެ %70 އަކީ ފެނެވެ. އިންސާނާގެ ހަށިގަނޑުގެ %65 އަކީވެސް ހަމަ ފެނެވެ. ހަމަ މިއާއިއެކު އިންސާނާގެ ސިކުނޑީގެ ގާތްގަނޑަކަށް %75 އެކުލެވިގެންވަނީވެސް ފެނުންނެވެ. އެހެންކަމުން ސުވާލަކީ ދުވާލެއްގެ މައްޗަށް ފެން ބޭނުންވަނީ ކިހާވަރަކަށްތޯއެވެ؟

ކުރިންސުރެވެސް އަޑުއިވެނީ ދުވާލެއްގެ މައްޗަށް 8 ތަށި ފެން ބޯންޖެހޭ ވާހަކައެވެ. 2002 އަދި 2004ގެ ބައެއް ދިރާސާތައް ކުރުމަށްފަހު ބައެއް މާހިރުން ރެކޮމެންޑް ކުރެއްވީ ވަކި ޓާރގެޓަކަށް ފެން ބުއިމުގެ ބަދަލުގައި ފެން ބޮވުމުން ނުވަތަ  އެމީހަކު ފެނަށް ބޭނުން ވުމުން ފެން ބުއިމަށެވެ. މިރެކޮމެންޑޭޝަންގައި އެކިކަހަލަ ބަލިތަކަށް ބޭސްކުރާމީހުން، ވަކި ސިއްޙީ ސަބަބެއް މެދުވެރިވެގެން ފެންބޭނުންކުރަންޖެޙޭ މިންވަރު ސިއްޙީ މާހިރުން ވަކިމިންގަނޑެއް ދެއްވާފައިވާ ފަރާތްތަކާއި އަދި ވަރުގަދަ މަސައްކަތްތައް ހޫނު ހިސާބުތަކުގައި ކުރާފަރާތްތައް ނުހިމެނެއެވެ.

ހަށިގަނޑުން ފެން މަދުވުމަކީ މީހާގެ ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ވިސްނުމުގެ ބާރުވެސް ދައްކުރުވާ ކަމެކެވެ. %4 އަށް ހަށިގަނޑުން ފެން މަދުވެއްޖެނަމަ އެމީހެއްގެ މަސައްކަތް ކުރުމާއި ވިސްނުމުގެ ބާރު %20-30 ދަށްކޮށްލުމުގެ އިތުރުން، ބޮލުގައި ރިއްސުމާއި، ހިތްހަމަނުޖެހި ރުޅިގަދަވުމާއި އަދި ނިދިއައުންފަދަ ކަންތައް ދިމާވާކަމަށް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ. ފެންމަދުވުމުގެ ސަބަބުން ހަށިގަނޑުގެ ހޫނުމައްޗަށް ދިއުމާއި، ނޭވާއަވަސްވެ ކުރުމުގެ އިތުރުން ހިތުގެ ހިގުމަށްވެސް ބަދަލު ގެނުވައެވެ. 2007 ވަނަ އަހަރު ސައިންޓިފިކް ކޮމެޓީއިން ހާމަކުރިގޮތުގައި %10 ވުރެ ހަށިގަނޑުގައި ފެންމަދުވުމަކީ ފުރާނައަށް ނުރައްކާވާކަމެކެވެ. އޭގެ ސަބަބުން ސްޓްރޯކެއް ޖެހުން ނުވަތަ ހިތުގެ ހިގުމަށް ބަދަލުއައިސް ލޭދައުރުވާ މިންވަރު ދައްވެ ގުނަވަންތައް ފެއިލްވުމުގެ ފުރުސަތުއޮންނާނެއެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބޭނުންކުރުމުގެ އިތުރުފައިދާ ތަކުގެ ތެރޭގައި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވެ ހަށިގަނޑުގައި ހަކަތަ އިތުރުވެ މަސައްކަތްކުރުމުގެ ބުންވަރު އިތުރުވެގެން ދިއުމާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ ވިސްނުމުގެ ބާރުގަދަވުމާއި މޫޑު ރަނގަޅު ދުވަހެއްގެ ގޮތުގައި ދުވަހާއި ކުރިމަތިލެވުގެ އިތުރުން ބޮލުގަ ރިހުމާއި ބޮލަށް ބަރުވުމުން ދުރުވުމާއި މައިގްރެއިން ފަދަ އެޓޭކްތަކުން ދުރުވުން ހިމެނެއެވެ. ހަމަ މިއާއިއެކު ބަނޑުހަރުވުމުން ދުރުވުމާއި ކިޑްނީގައި ހިލަ އުފެދުން ދުރުކޮށްދިނުން އަދި ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

ފެނުގެ ވާހަކަ ދެކެވޭއިރު ދެކެވޭ އަނެއްވާހަކައަކީ ކެފެއިން ހުންނަބުއިންތަކުގެ ވާހަކައެވެ. ރެއިސެންހުބަރ 2006 ގައި ހާމަކޮށްފައިވާ ގޮތުން ކެފެއިންގެ ސަބަބުން ހަށިގަނޑުން ފެންބޭރުވާ މިންވަރު އިތުރުވެ ހަށިގަނޑުން ފެންމަދުވާން މަގުފަހިވެއެވެ. ހާއްސަގޮތެއްގައި ދުވާލެއްގެ މައްޗަށް 600 މިލިގްރާމަށްވުރެ އިތުރަށް (ގާތް ގަނޑަކަށް 6 ތަށި ކޮފީ) ބޭނުންކުރެވޭނަމަ ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށްޓަކައި އިތުރަށް ފެން ބޭނުންކުރުމަށް ސަމާލުކަމެއް ދޭން ޖެހޭނެއެވެ.

2010 ވަނަ އަހަރު ޔޫރަޕިއަން ފުޑް ސޭފްޓީ އޮތޯރިޓީގެ ސައިންޓިފިކް ރިޕޯޓުގައި ބުނާގޮތުން 14 އަހަރުންމަތީގެ އަންހެނުންނަށް 2.0 ލިޓަރު އަދި ފިރިހެނުންނަށް 2.5 ލިޓަރުއެއީ ދުވާލެއްގެ މައްޗަށް ފެން ބޭނުންވާނެ މިންވަރެވެ. ހަމަ މިއާއިއެކު ޔޫރަޕިއަން ފުޑް ސޭފްޓީ އޮތޯރިޓީއިން ދުވާލެއްގެ މައްޗަށް 8 ތަށި ފެނުގެ ތިއަރީއަށް ތާއިދުކުރިނަމަވެސް އެމީހުން ބުނާގޮތުން އެ 8 ތައްޓަކީ ހަމައެކަނި ފެންނަށް ހެދުމުމުގެ ބަދަލުގައި 8 ތަށިހަމަކުރުމުގައި ފެނުގެ އިތުރުން އެހެނިހެން ދިޔާތަކެތި ވެސް ހިމެނެއެވެ. އެހެންކަމުން ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ލިބިދޭންޖެހޭ ފެނުގެ %70 – %80 ސީދާ ފެންނޫން އެހެނިހެން ބުއިންތަކާއި ފެންހިމެނޭ ކާތަކެތިންލިބުމަކީ މައްސަލައެއް ނޫނެވެ. މިސާލަކަށް ޖޫހާއި ސައި އަދި ސޫޕް، ބަތްޕެން ފަދަ ތަކެތި ހިމެނިދާނެއެވެ.  ޑަބްލިއު.އެޗް.އޯއިން ވެސް ފެނަކީ ދިރިއުޅުމަށް އަދި ދިރިހުރުމަށް ކޮންމެހެން ބޭނުން މާއްދާއެއްކަމަށް އެއްބަސްވާއިރު އެމީހުންގެ ރެކޮމެންޑޭޝަންއަކީ އާންމު ހާލަތުގައި (ވަކިބައްޔަކަށް ފަރުވާކުރަމުންދާ ފަރާތްތައް ނުހިމެނޭނެހެން) އަންހެނުންނަށް 2.2 ލިޓަރު އަދި ފިރިހެނުން 2.9 ލިޓަރު ފެން ދުވާލެއްގެ މައްޗަށް ބޭނުންކުރުމެވެ.

އެހެންކަމުން ފެށުމުގައި ފާހަގަ ކުރެވުނު ފަދައިން ދުވާލެއްގެ މައްޗަށް 250 އެމް އެލްގެ 6-8 ތަށި ފެން ބޭނުންކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި މުހިންމުކަމެކެވެ. ހަނދާނުގައި ބަހައްޓަންވީ ތަފާތު ބަލިތަކަށް މިސާލަކަށް ކިޑްނީބަލި، ހިތުގެ ބަލިފަދަ ބަލިތަކަށް ފަރުވާކުރާ ފަރާތްތައް ފެން ބޭނުންކުރަންޖެހޭ މިންވަރު މި ދެންނެވި މިންވަރާއި ތަފާތުވާނެއެވެ. އެފަދަ ފަރާތްތަކުން ކެއުމާއި ބުއިން ކުރިއަށް ގެންދަންވާނީ ޑޮކްޓަރުގެ ހާއްސަ އިރުޝާދުގެ ދަށުންނެވެ. ހަމަ މިއާއިއެކު ވަރުގަދަ މަސައްކަތްތައް ހޫނުގައި ކުރާ ފަރާތްތަކުންނާއި ކެފެއިން ގިނަ މިންވަރަކަށް ބޭނުންކުރާ ފަރާތްތަކުން ހަށިގަނޑުން ފެންބޭރުވާ މިންވަރަށް ވިސްނާ ފެން ބޭނުންކުރާ މިންވަރު އިތުރުކުރަންވާނެއެވެ. މީގެ އިތުރުން މިދެންނެވި 6-8 ތަށީގެ ތެރޭގައި ސީދާ ފެންފިޔަވައި އެހެނިހެން ދިޔާތަކެއްޗާއި ފެން އެކުލެވޭ ކާބޯތަކެތި ހިމެނުން އެންމެ ރަނގަޅެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެންބޭނުން ކޮށްގެން އެފެނުގައިވާ ޖާދުވީ ފައިދާތައް ހޯދާ ދުޅަހެޔޮ ސިއްޙަތެއްގައި ތިބެމާ ހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *