ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖު ނުވަތަ ތިލަމާލޭ ބްރިޖުގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.
ތިލަމާލޭ ބްރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިއަދު އިންޑިއާގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެވެ. ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވުމުގެގޮތުން ދެބޭފުޅުން ވަނީ އެކަމަށް ޚާއްސަކޮށްފައިވާ ރަމްޒީ ފިތަށް ފިއްތަވާލައްވާފައެވެ. މިއާއެކު ހަމަ އެއްވަގުތެއްގައި މާލޭގައިވެސް މިކަމަށްޓަކައި ރަސްމިއްޔާތެއް ބޭއްވިއެވެ. މިރަސްމިއްޔާތުގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ތިލަމާލެ ބްރިޖް ފުރަތަމަ ތަނބުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފަށާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންވަނީ ވިދާޅުވެފައެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ، މިއީ ބްރިޖްގެ މައި ތަނބުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފަށާ ފުރަތަމަ ތަނބުކަމަށެވެ. މި ތަނބަކީ ތިލަމާލެ ބްރިޖް މާލެއާއި ހަމައިން ފެށިގެންދާ ފުރަތަމަ ތަނބެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެއްބަސްވުން ޤާއިމުކޮށްފައިވަނީ ދެ ބަޔަކަށެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ މާލެ-ވިލިމާލެ-ގުޅީފަޅު ގުޅާލުމުގެ މަސައްކަތެވެ.
ތިލަމާލެ ބްރިޖް މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ސަޕްލައިކުރުމުގެ މަސައްކަތް ކުރަނީ އެސް.ޓީ.އޯއިންނެވެ. ކޮންކްރީޓް ޓެސްޓުކުރުމުގެ މަރުހަލާތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ. ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. ފުރަތަމަ ބައިގައި ހިމެނޭ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތްތައް އަންނަ 2023ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާނެއެވެ. މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށްވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.
ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ. މުޅި މި މަޝްރޫޢުއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ލަމާލެ ބްރިޖްގެ މުޅި މަޝްރޫޢު ނިމޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ 2024ވަނަ އަހަރުއެވެ.