Ad

ސިންގަޕޫރާއި މެލޭޝިއާއިން މުދާ ބަރުކޮށްގެން، އެމް.އެސް.އެސް ގްރެފިން މިމަހު ފަހުކޮޅު ރާއްޖެއަށް

ޤައުމީ ޝިޕިންގ ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިންގް އިން އެންމެ ފަހުން ގަނެފައިވާ ބޯޓު ސިންގަޕޫރާއި މެލޭޝިއާއިން މުދާ ބަރުކޮށްގެން، މިމަހު ފަހުކޮޅު ރާއްޖެއަށް އަންނާނެ ކަމަށް އެމް.އެސް.އެސްއިން ހާމަކޮށްފިއެވެ. އެމް.އެސް.އެސް އިން އެންމެ ފަހުން ގަނެފައިވާ ބޯޓު، "އެމްއެސްއެސް ގްރެފިން" ގަތުމުގެ އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. މިއީ އެމް.އެސް.އެސްގެ ފްލީޓަށް ގެންނަ 3 ވަނަ ބޯޓެވެ.

އެމް.އެސް.އެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ މިހާރު ކުރިއަށް ދަނީ މެލޭޝިއާ އާއި ސިންގަޕޫރުން އެމް.އެސް.އެސް ގްރެފިންއިން ގެންނަ މުދާ ކޮންޓެއިނަރު ތަކަށް ލޯޑުކުރުމުގެ މަސައްކަތްތައް ކަމަށެވެ.

"މިމަހުގެތެރޭގައި ދަތުރު ފެށޭނެ، އަޅުގަނޑުމެންގެ އެބައުޅޭ ޑްރައި ޑޮކިންއެއް، ޑްރައި ޑޮކިންއަށް ފަހު މިމަހުގެ ފަހު ހަފްތާގައި ޑައިރެކްޓު ސަރވިސް ފެށިގެންދާނެ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މެލޭޝިއާ އާއި ސިންގަޕޫރުން ރާއްޖެއަށް މުދާ ގެނައުމަށް ރަނގަޅު ޑިމާންޑެއް އެބަ އޮތް ކަމަށެވެ. މި ބޯޓަކީ ލޯޑްކޮށްފައި ހުންނަ 420 ކޮންޓެއިނަރ އަދި 680 ހުސް ކޮންޓެއިނަރ އުފުލޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އެމްއެސްއިން ލަފާކުރަނީ ކޮންމެ 21 އެކާވީސް ދުވަހަކުން މެލޭޝިއާ އާއި ސިންގަޕޫރާއި މާލެއާއި މެދެދު ދަތުރެއް ކުރެވޭނެ ކަމަށެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ މަސައްކަތް ފަށާފައިވަނީ 2020ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ.

އެމް.އެސް.އެސްގެ އަމިއްލަ ބޯޓު ގަލޭނާގެ އިތުރުން ދާދި ފަހުން އެ ކުންފުނިން ވަނީ ބަލްކް ކެރިއާއެއް ގަނެފައެވެ. "އެމްއެސްއެސް ކްރޮމް"ގެ ނަން ދީފައިވާ މި ބޯޓު ބޭނުންކުރަނީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *