ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ހަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
އާބާދީގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހދ. ހަނިމާދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން ކޮންމެ ދުވަހަކުވެސް އެންމެ ގިނަބަޔަކު އަރާ ފައިބާ އެއްރަށެވެ. އެއަރޕޯޓް އޮތުމާއި އެކިއެކި ޚިދުމަތްތަކުގައި ކޮންމެ ދުވަހަކުވެސް ރަށަށް ގިނަ ބަޔަކު އަރައެވެ.
ރަށުގެ ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް ޝަކުވާއަކީ ރަށުގެ މަގުތަކެވެ. މަގުތައް އަޑިގުޑަންވުމާއި ހިރަފުސްވުމާއި އަދި ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވާ މައްސަލަ ރަށަށް ވަރަށް ބޮޑެވެ. ހަނިމާދޫ މަގުތަކުގެ މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.
We have completed asphalt laying works for Hdh. Hanimaadhoo Road Development Project. In this regard, we completed asphalt laying works on 46,466 sqm. #MTCCProjects #RayyithungeKunfuni pic.twitter.com/Xga1GLWXRe
— MTCC Plc (@MTCCPlc) August 3, 2022
އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން 46466 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވާނެކަމަށެވެ. އަދި މަގު ހެދުމުގެ ތެރޭގައި ރަށުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް ހިނގާ ސަރަޙައްދާއި ދުއްވާ ސަރަޙައްދު ވަކިން ޤާއިމްކުރުމާއި މަގުމަތީގެ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކޮށް، ފެނާއި ނަރުދަމާއާއި، މުވާސަލާތީ ޚިދުމަތްތަކަށް ބޭނުންވާ ކޭބަލް ޖަންކްޝަންތައް ވަނީ ހަދާފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 76.09 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.