Ad

ފޯމުގައި އޮތް ސިޓީ ބަލިކޮށް ލިވަޕޫލް ހިއްވަރު އާކޮށްފި

މިސީޒަންގައި މެންޗެސްޓަރ ސިޓީ ބަލިކުރި ފުރަތަމަ ޓީމަކަށް ވާދަވެރި ލިވަޕޫލްވެއްޖެއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗު ލިވަޕޫލް ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ.

މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ލިވަޕޫލްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް މުހައްމަދު ސަލާޙްއެވެ. މިއީ ސަލާޙް މިސީޒަންގެ ޕްރިމިއަރ ލީގުގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުންވެސް ވަނީ ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މިގޮތުން މެންޗެސްޓަރ ސިޓީއިން ވަނީ ލިވަޕޫލްގެ ގޯލް ދެވަނަ ހާފްގައި ފޫއަޅުވާލާފައެވެ. އެހެންނަމަވެސް ވީ.އޭ.އާރް ބެލުމަށްފަހު ފޯޑަން ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ސިޓީގެ ފޯވާޑް ހާލަންޑް ލިވަޕޫލްގެ ފަބީނިއޯއަށް ފައުލް ކުރިކަމަށް ނިންމާ ރެފްރީ ވަނީ ގޯލް ބާތިލްކޮށްފައެވެ.

މީގެއިތުރުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްއަށް ރެފްރީ ވަނީ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެއީ ރެފްރީގެ ނިންމުންތަކާ ދެކޮޅުހަދާ މާބޮޑަށް ފާޑުކިއުމުގެ ސަބަބުންނެވެ.

މިނަތީޖާއާއެކު ސިޓީއިން ޖެހި ޖެހިގެން ތިންވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތައް ވަނީ އިތުރު ހުރަހެއް އެޅިފައެވެ. އެއީ ލީގުގެ އެއްވަނާގައި މިވަގުތުއޮތް އާސެނަލްއިން ސިޓީގެ މައްޗަށް 4 ޕޮއިންޓްގެ ލީޑެއް ހޯދައިފައިވުމުންނެވެ. މިމެޗު ލީގުގެ 11 ވަނާގައި އޮވެގެން ފެށި ލިވަޕޫލްއިން މެޗު ނިންމާލީ ލީގުގެ އަށްވަނައަށް ޖެހިލައިގެންނެވެ. ލިވަޕޫލް އާއި ލީގުގެ ގަދަ ހަތަރަކާ ދެމެދު މިހާރު އޮތީ 6 ޕޮއިންޓްގެ ފަރަގެކެވެ. އަދި ލީގުގެ އެންމެ ކުރީގައި އޮތް އާސެނަލް އާއި ދެމެދު 14 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ސީޒަން ހުޅުމުގެ ގޮތުން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުންވެސް ލިވަޕޫލުން ވަނީ ސިޓީގެ މައްޗަށް ކުރި ހޯދާފައެވެ. ލެސްޓަރސިޓީގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ލިވަޕޫލުން ކާމިޔާބުކުރީ 1-3 ލަނޑުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *