Ad

ކުޅިވަރުގެ ދާއިރާއިން ހިއްވަރު ދިނުމުގެ ޤައުމީ އިނާމް ހާސިލްކުރެއްވީ ސާޖަންޓް މޭޖަރ އިސްމާޢީލް މާދީ

ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ސާޖަންޓް މޭޖަރ އިސްމާޢީލް މާދީ ހާސިލުކުރައްވައިފިއެވެ. ސާޖަންޓް މޭޖަރ އިސްމާޢީލް މާދީ ޤައުމީ އިނާމު ލިބިލައްވާފައިވަނީ ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނުކުރުމުގެ ރޮނގުންނެވެ.

މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި، ސާޖަންޓް މޭޖަރ އިސްމާޢީލް މާދީއަށް ޤައުމީ އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ޖަލްސާގައި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ލިބިލައްވާފައިވެއެވެ. އޭގެތެރެއިން ޤައުމީ އިނާމް ލިބިލެއްވި ސާޖަންޓް މޭޖަރ އިސްމާޢީލް މާދީއަކީ، ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބައިވެރިވާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ސަރަހައްދީ މުބާރާތްތަކަށް ޝޫޓަރުން ތައްޔާރުކޮށްދިނުމުގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭކަލެކެވެ.

ސިފައިންގޭގައި ބަޑިޖެހުމުގެ ހުނަރު މަތީ ދަރަޖައެއްގައި ހިފަހައްޓަވަމުން ގެންދަވާ އަދި އެ ދާއިރާއިން ސިފައިން ބިނާކުރެއްވުމުގައި ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ސާޖަންޓް މޭޖަރ އިސްމާޢީލް މާދީ  ވަނީ 1992 ވަނަ އަހަރު ބޭއްވި ސިފައިންގެ އަހަރީ ބަޑީ މުބާރާތުގައި، މުޅި މުބާރާތުން ދެވަނަ ހާސިލުކުރައްވާފައެވެ.

ސިފައިންގެ ލީޑަރޝިޕުގެ އިޒުނައާއެކު އެ ދުވަސްވަރު، ސިފައިންގެ ސީނިއަރ ބޭކަލުންތަކެއް އިސްނަންގަވައިގެން، ޝޫޓިންގ ޖަމުޢިއްޔާއެއް އުފެއްދެވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ކުރެވުނު މަސައްކަތުގައި 1992 ވަނަ އަހަރުގެ ފަހުކޮޅު ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި ޖަމުޢިއްޔާއެއް ވަނީ ރަޖިސްޓްރީ ކުރެވިފައެވެ. މި ޖަމުޢިއްޔާއިން އޭރު އެކުލަވައިލި ޝޫޓީންގ ޓީމުގައި ސާޖަންޓް މޭޖަރ އިސްމާޢީލް މާދީ ހިމެނިވަޑައިގެން، 1992 ވަނަ އަހަރު ޝޫޓިންގ ފަރިތަކުރުމަށް މެޑްރާސްއަށް ޓީމު ކުރި ދަތުރުގައި ވަނީ ބައިވެރިވެލައްވާފައެވެ. އިންޑިއާގެ ނެޝަނަލް ރައިފަލް އެސޯސިއޭޝަންގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އަލީގައާއި، ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ހަތަރު ވަރަކަށް މަސް ދުވަހު ފަރިތަކުރުމަށްފަހު، 1993 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވުނު 6 ވަނަ ސާފް ގޭމްސްގައި ރައިފަލް އަދި ޕިސްޓަލް އިވެންޓްގައި ބައިވެރިވި 3 މީހުންގެ ޓީމުގައި ސާޖަންޓް މޭޖަރ އިސްމާޢީލް މާދީ ހިމެނިލެއްވިއެވެ. އެ މުބާރާތަކީ ސާޖަންޓް މޭޖަރ އިސްމާޢީލް މާދީގެ ޝޫޓިންގ ކެރިއަރުގައި ބައިނަލްއަޤްވާމީ މުބާރާތެއްގައި ބައިވެރިވެލެއްްވި ފުރަތަމަ ތަޖުރިބާއެވެ.

ސާޖަންޓް މޭޖަރ އިސްމާޢީލް މާދީ މި ރޮނގުން ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ތެރޭގައި، 1997 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރަށް ރިހި މެޑެއްޔާއި، ބްރޯންޒް މެޑެލި ހޯދައިދިން ޓީމުގައި ހިމެނިލައްވާފައިވުމާއި، 1999 ވަނަ އަހަރު ދެ ބްރޯންޒް މެޑެލި ހޯދައިދެއްވި ޓީމުގައި ހިމެނިލައްވާފައިވުން ހިމެނެއެވެ. އެތުލީޓެއްގެ މަޤާމުން ސާޖަންޓް މޭޖަރ އިސްމާޢީލް މާދީ ރިޓަޔަރ ކުރެއްވީ އަމިއްލަ އެދިލެއްވުމަށް 2010 ވަނަ އަހަރުން ފެށިގެންނެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށް ޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *