Ad

ރިސޯޓާއި ގެސްޓު ހައުސްތަކުން އެއް ގެސްޓެއްގެ ފަހަތުން ދާންޖެހޭ ހާލަތު މަދުކުރަން ޖެހޭ!

ޏ. ފުވައްމުލަކަށް އުފަން ހަސަން ސަޢީދަކީ 1988 ވަނަ އަހަރުން ފެށިގެން ޓޫރިޒަމްގެ ދާއިރާގެ އެކި ވަޒީފާތަކުގައި އުޅެފައިވާ ފަރާތަކެވެ. އުމުރުން 46 އަހަރުގެ ހަސަން މިހާރު ހުރީ ދިގަލި މޯލްޑިވްސް ރިސޯޓުގެ މެނޭޖަރުގެ މަޤާމުގައެވެ. އިރުވަރުގެ ޓީމުން މިފަހަރު، ޓޫރިޒަމް ދާއިރާގެ ދިވެހި ތަޖުރިބާކާރު، ހަސަންއާ އިންޓަވިއުކޮށް އޭނާގެ ތަޖުރިބާއާއި ދިވެހި ޓޫރިޒަމުގެ ކުރިމަގާމެދު ވިސްނާގޮތާއި މިނޫންވެސް މުހިއްމު އެތައް ދާއިރާއަކުން މަޢުލޫމާތު ހޯދީމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ގެސްޓްހައުސްތަކާއި ރިސޯޓުތައް ޕްރޮމޯޓްކޮށް މާކެޓްކުރުމުގައި މިހާރު ގެންގުޅެން ޖެހެނީ ތަފާތު ދެ ދިވެހިރާއްޖޭގެ ކޮންސެޕްޓެވެ. ރިސޯޓާއި ގެސްޓުހައުސްއިން އެއް ގެސްޓެއްގެ ފަހަތުން ދާންޖެހޭ ހާލަތު މަދުކުރަން ޖެހޭކަމަށް ހަސަން ދެކެއެވެ. ތިރީގައި އެވާ ހަސަންގެ ޚާއްސަ އިންޓަވިއުގައި މިފަދަ ތަފާތު މުހިއްމު ވާހަކަތަކެއް، ތަޖުރިބާތަކެއް އެބަހުއްޓެވެ.

ހަސަން ސަޢީދު

އިރުވަރު: ޓޫރިޒަމް ދާއިރާގެ ހަސަންގެ ތަޖުރިބާގެ ކުރު ތަޢާރަފެއް ކިޔާލަދީބަލަ!

ހަސަން ސަޢީދު: ފުރަތަމަ މި ދާއިރާ އަށް ނުކުތީ 1988ގައި. ޖެހިގެން އައި އަހަރު، ދީލަތި ފަރާތެއްގެ އެހީގައި އޭރުގެ ހޮޓެލްސްކޫލްގައި ކިޔެވިން. އެއަށް ފަހު ވަރަށް އާދައިގެ ވަޒީފާތަކުގަ ފުޑް އެން ބެވަރެޖް އަދި ފްރަންޓް އޮފީހުގައި އުޅުނިން. މެނޭޖްމެންޓް ޓްރޭނީ އަކަށްވެސް އުޅުނިން. ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރު ރެސްޓޯރެންޓް ސުޕަވައިޒަރަކަށް ބަދަލުވި އަދި 1993 ވަނަ އަހަރު އަނެއްކާ ފްރަންޓް އޮފީހަށް ބަދަލުވެ، 1995ގައި ރިސޯޓް އެސިސްޓެންޓް މެނޭޖަރަކަށް ބަދަލުވި. ތަފާތު ގިނަ ތަޖްރިބާތަކަކަށް ފަހު 2002 ވަނަ އަހަރު ހިއުމަން ރިސޯސަސް ހިންގަން ހަވާލުވިން، އެފަހުން 14ވަރަކަށް އަހަރު މީހުން ބިނާކުރަން މަސައްކަތް ކުރިން. މިހާރު މިއަދާކުރާ ވަޒީފާ، ރިސޯޓްހިންގުމުގެ ދާއިރާއަށް އަލުންވަނީ މީގެ ހަތަރު އަހަރު ކުރިން.

ހަސަންގެ ނަޒަރުގައި ކޮވިޑުގެ ހާލަތުން ރާއްޖެ އަރައިގަތުމަށް ގެންނަން ޖެހެނީ ކޮންކަހަލަ ބަދަލުތަކެއް؟

ކޮވިޑްގެ ހާލަތަކީ ރާއްޖެ ފަދަ ގައުމަކަށް އެކަނި މިހާލަތުން އަރައިގަނެ ދެފައި މައްޗަށް ތެދުވެ ހިންދެމިލެވޭވަރަށް ވުރެ ބޮޑަށް މުޅި ދުނިޔެއާއި ގުޅި ލާމެހިފައިވާކަމެއް. އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވޭނީ މުޅިދުނިޔެ، ޚާއްސަކޮށް ރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑެތި ގައުމުތަކަށް މިކަމުން އަރައިގަނެވުނު ދުވަހަކުން. އަޅުގަނޑުމެންގެ ޓޫރިޒަމަށް، މި ޕްރޮޑަކްޓަށް މިވަގުތު ގެނެވޭނެ މާބޮޑު ބަދަލެއް އޮތްކަމަކަށް ނުފެނޭ. ނަމަވެސް، މުޅި އިގްތިސޯދު އެއްކަމަކަށް ބަރޯސާވުން ކުޑަކުރުމަށް ސިޔާސަތު ރާވާ ލެވެލްގައި މަސައްކަތް ކުރެވިދާނެ. މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމާއި ރާއްޖެއާ މެދު މީހުން ހޭލުންތެރިކުރުވާ، ރާއްޖޭގެ ޖިއޮގްރަފީ މިހާރަށްވުރެ ބޮޑަށް ކިޔައިދެވިދާނެ. ސާފުތާހިރުކަމާއި، އާއްމު ސިއްހަތުގެ ސަލާމަތް ކަމަށް މި އިންޑަސްޓރީއިން ކުރިންވެސް ދެމުންއައި ސަމާލުކަން އިތުރަށް ވަރުގަދަކޮށް އެކަން ފަތުރުވެރިންނަށް އެނގޭ ގޮތަށް އެކަންކަމުގެ 'ވިޒިބިލިޓީ' އިތުރުކުރުން މުހިއްމު.

ހަސަން ސައީދު: ރިސޯޓްގެ ބައެއް މުވައްޒަފުންނާ އެކު

ޓޫރިޒަމް އިސްތިހާރުކުރުމުގެ ވައްޓަފާޅިއަށް ގެންނަން ފެންނަ ބަދަލުތަކަކީ ކޮބާ؟ އެއީ ކީއްވެ؟

މިރާއްޖޭގެ ޓޫރިޒަމްޕްރޮޑަކްޓަށް މި ލިބުނު ޑައިވާސިޓީއާއެކީ ސޯސްމާކެޓްތަކުގައި ހޭލުންތެރިކަން އިތުރުކުރުން މުހިއްމު. ކުރިން ބޭނުންކުރަމުން އައި ޕްރީމިއަމް ޕްރޮޑަކްޓާއި ވަން އައިލެންޑް ވަން ރިސޯޓްގެ ކޮންސެޕްޓް ބަދަލުކުރަން ޖެހޭ. އެ ކޮންސެޕްޓް އަދިވެސް ރިސޯޓްތައް، ލަކްޝަރީ ޕްރޮޑަކްޓްތަކެއްގެ ގޮތުގައި މާކެޓްކުރަން ބޭނުންކުރެވިދާނެ. ގެސްޓްހައުސް އިތުރުވުމުން މި ލިބުނު ޑައިވާސިޓީ އަކީ އެކައްޗެއްގެ ގޮތުގައި ގިނަމީހުނަށް މިހާރު ފެނޭ. އެހެންވެ، ގެސްޓުން ހޯދަން ރިސޯޓުތަކުގެ އަގުކުޑަކުރަން މަޖުބޫރުވޭ. ނަމަވެސް، މި ޑައިވާސިޓީއަކީ މުޅިން އެހެން ޕްރޮޑަކްޓެއްކަމާއި ތަފާތު ތަޖްރިބާއެއްކަން ވިސްނައިދޭން ގިނަމަސައްކަތް ތަކެއް ކުރަން އެބަޖެހޭ. ތަފާތު 'ދެ' ދިވެހިރާއްޖެއެއް އެބަޖެހޭ އިޝްތިހާރުކުރެވެން. މިކަން ކުރެވޭނީ ޑެސްޓިނޭޝަން މާކެޓިންގެ ތެރެއިން. ވަކިވަކި ވިޔަފާރިތަކަކުން ނުކުރެވޭނެ.

ރާއްޖޭގެ ޓޫރިޒަމް ކުރީގެ ހާލަތަށް ގެންދިއުމަށް ކިހާ ދުވަހެއް ނަގާނެ ކަމަށް ލަފާކުރެވޭތޯ؟

ކުރީގެ ހާލަތަކީ ފަތުރުވެރިން އަންނަ އަދަދުކަމަށް ބަލަންޏާ، އާއްމުކޮށް އެންމެނަށް ލިބޭގޮތަށް ވެކްސިނެއް ލިބޭ ދުވަހަކުން ފެށިގެން މަދުވެގެން އަހަރެއްވަރު ނަގާނެކަމަށް ބެލެވޭ. ނޫންނަމަ ދޮޅު އަހަރު.

ކޮވިޑުން ޓޫރިޒަމް އިންޑަސްޓްރީއަށް ދަސްވީ ކޮންފިލާވަޅެއް؟

މި އިންޑަސްޓްރީގެ ނާޒުކުކަމާއި، ގްލޯބަލައިޒޭޝަންގެ ތެރެއިން އެއްބަޔަކު އަނެއް ބަޔަކާއި ގުޅި ލާމެހިފައި ތިބި މިންވަރު އަދި 'ވިއްސާރަ' ދުވަހަކަށް (ރެއިނީޑޭ) އަކަށް ތައްޔާރުވާން ފަހަށް ފައިސާ ރައްކާކުރަން ޖެހޭކަން، ސޭފްޓީނެޓެއްގެ މުހިއްމުކަން.

ޓޫރިޒަމް ދާއިރާއަށް ބޭރުގެ އާ އިންވެސްޓްމަންޓްތައް އަންނަން ފަށާނީ ކިހާތާކު ކަމަށް ލަފާކުރެވެނީ؟

ތިޔައީ އަޅުގަނޑަށްވުރެ ބޮޑު ސުވާލެއް. އެކަމަކު ތަޖްރިބާއަށް ބުރަވެ ބުނެވޭނީ، ދުނިޔޭގެ ދަތުރުފަތުރު ހަމަޔަކަށް އެޅި، ބޯޑަރުތައް ހުޅުވުމަކީ މިކަމަށް އޮތް ވަރަށް ބޮޑު ޕްރީރިކުއިޒިޓްއެކޭ. އިންވެސްޓާ ކޮންފިޑެންސަކީ ވަރަށް ގިނަ ކަންތަކެއްގެ މައްޗަށް ބިނާވާ ކަމެއް. އެކަމަށް ވަގުތު ނަގާނެ. ސަރުކާރާއި އިންސްޓިޓިއުޝަންތަކުގެ ޕާފޯމެންސް އަދި މި އިންޑަސްޓްރީއާ މެދު ޕަބްލިކް ދެކޭގޮތް ވެސް އެއީ ސަސްޓެނިނެބިލިޓީ ވަޒަންކުރުމުގެ އަސާސެއް. އެއްވެސް ޕްރޮޖެކްޓަކުން މީގެ ފަހެއް ނުވަތަ ދިހަ އަހަރު ކުރިން ލިބުނު އާރްއޯއައި (ރިޓާން އޮފް އިންވެސްޓްމަންޓް) މިހާރަކު ނުލިބޭނެ. އަދި ގަވާއިދުތަކާއި ގާނޫންތަކުން ވިޔަފާރިކުރުމުގެ ޚަރަދުބޮޑުކުރެވޭނަމަ، ޕްރޮފިޓެބިލިޓީ ދަށްވާނެ.

ހަސަން ސައީދު (ކ) އެކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނާއެކު

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ހުނަރުވެރިކަން ހަސަން ސިފަކުރާނީ ކިހިނެއް؟

އަދި އެމީހުންގެ ޓްރޭނިން ކަންކަމަށް ގެންނަން ފެންނަ ބަދަލުތަކަކީ ކޮބައިތޯ؟ ދިވެހިންނަކީ ވަރަށް ހުނަރުވެރި ބައެއް. އަޅުގަނޑަށް ފެނުނު ވަރަށް ހުނަރުވެރި ދިވެހީން މި އިންޑަސްޓްރީން. އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ދިވެހިން ގޮސް ދެކުނު އިޓަލީގައި، ސަމާތެރޭގައި (ހޫނު މޫސުމުގައި) ރެސްޓޯރެންޓް ހިންގާފައިވޭ. އޭރު މިހާރަށްވުރެ ގިނަ ދިވެހި ޝެފުން ފެނުނު. ތަމްރީނުކުރުމުގެ ކަންތައް މިހާރަށްވުރެ ކުރިއަށް ރާވައިގެން ވަކި ފޯކަސްއަކަށް ގެންދަންޖެހޭ. އިންޓަނޭޝަނަލް ކޮލަބޮރޭޝަން އެމް އެން ޔޫގެ ހޮސްޕިޓާލިޓީކޯސްތަކަށް އަންނަން އެބަޖެހޭ. ކިތަންމެ ބޮޑު ޚަރަދެއް ކުރަން ޖެހުނަސް ދުނިޔޭގެ ފެންވަރުގައި އެންމެ އިތުބާރުކުރެވޭ ހޮޓެލް ސްކޫލަކުން ކުރެ ހޮޓެލްސްކޫލަކާ އެކީ މަސައްކަތް ކޮށް ދުނިޔޭގެ އެންމެ 'މޮޅު' ރިސޯޓްމެނޭޖްމެންޓް ސްޕެޝަލައިޒޭޝަން ކޯސް ރާއްޖޭގައި އެބަ އޮފާކުރަން ޖެހޭ. މިހާރު މިއޮތް އެންމެ ލަކްޝަރީ ޕްރޮޑަކްޓްގެ ރެޕިއުޓޭޝަންގެ ފުރިހަމަ ބޭނުންހިފަން ޖެހޭ. އެންޓްރީ ލެވެލް ޓްރޭނިންގެ ފުރުސަތު މިހާރު ވެސް އެބަހުރި. މިހާރު ބަލަންވީ މަތީ ތައުލީމު ނިންމާފަ ތިބި ގިނަ ދިވެހީން މި އިންޑަސްޓްރީގެ އިސް މަގާމްތަކަށް ފާސްޓް ޓްރެކް (އަވަހަށް ވެއްދޭނެ ގޮތެއް) ކުރެވޭނެ ގޮތެއް.

އަބަދުވެސް އަޑުއިވޭ ޝަކުވާއެއް ވީމަ، މި އަހާލަނީ! ޓޫރިޒަމް ދާއިރާގެ ދިވެހި މުވައްޒަފުންގެ މުސާރަ ކުޑަތަ؟

ތިޔަ ސުވާލަށް ސީދާ ޖަވާބެއް ދޭން ވަރަށް އުނދަގޫ.  ތިޔަ ޝަކުވާ ކޮންމެވެސް ވަރަކަށް އިންޑަސްޓްރީއިން އަޑުއިވޭ. ގިނަ ރިސޯޓުތަކުން މުވައްޒަފުންނަށް ރަނގަޅަށް މުސާރަދޭ. އަޅުގަނޑަށް މުހިއްމީ މުސާރައިގެ ހަމަހަމަކަން. އެއް ވަޒީފާއަކަށް، ބޭރު މީހަކަށް ވިޔަސް ދިވެއްސަކަށް ވިޔަސް ދެވެން ޖެހޭނީ އެއް މުސާރައެއް. ތަފާތުކުރުން ހުއްޓުވެންޖެހޭނެ.

 ޓޫރިޒަމް ދާއިރާއިން ހަސަން ދެކެން ބޭނުންވާ ދުވަހަކީ ކޮބާ؟ އަމާޒަކީ…؟

އެންމެ ބޮޑަށް ދެކެން ބޭނުންވާ ދުވަހަކީ، މި އިންޑަސްޓްރީ އަކީ އިސް ސަފުގައި ގިނަ ދިވެހިން މަސައްކަތް ކުރާ އިންޑަސްޓްރީ އަކަށް ވުން، އަދި މިހާރަށް ވުރެ ވެސް ދެމެހެއްޓެނިވި ގޮތަކަށް ކަންތައް ކުރެވޭ އިންޑަސްޓްރީއަކަށްވުން. ދުނިޔޭގެ ފެންވަރުގައި ނަން ހިނގާ ދިވެހި ޖެނެރަލް މެނޭޖަރުން އުފެދޭތަން ވަރަށް ދެކޭހިތްވޭ.

އަލަށް ޓޫރިޒަމް ދާއިރާއަށް ވަންނަން ބޭނުންވާ ދިވެހިންނަށާ މިހާރު ޚިދުމަތުގައި ތިބި މުވައްޒަފުންނަށް ދޭން ބޭނުންވާ މެސެޖަކީ…!؟

ދިގު ކެރިއާއެއް އެދިގެން، ފުރަތަމަ ދުވަސްކޮޅު ބައެއް ކަހަލަ ކަންތައް ގުރުބާން ކުރަން ވެސް ޖެހިދާނެއޭ. ފަށަން ވާނީ އެންމެ އާދައިގެ ވަޒާފާއަކުންނޭ. އާދައިގެ ވަޒީފާއަކުން އެ ލިބޭ ތަޖްރިބާ އަކީ ރިޕްލޭސް ކުރެވޭނެ އެއްޗެއް ނޫނޭ. ތިމާގެ ހުނަރާއި ގާބިލުކަން އިތުރުކުރަން އަބަދުވެސް މަސައްކަތް ކުރަންވާނެއޭ. ވަރަށް ފަސޭހައިން، ކުޑަކުޑަ އެފަޓްއަކުން (މަސައްކަތަކުން) ވަރަށް ގިނަ ދޮރުތައް ހުޅުވުމުގެ ފުރުސަތު އެބަ އޮތޭ. މިސާލަކަށް ބޭރުބަހެއް ދަސްކުރުން. ތަފާތު ގިނަ ދާއިރާގެ ތަޖްރިބާ ހޯދުން. ތިމާގެ މުޅި ކެރިއާ އަކީ އެއް ދާއިރާ އަކުން ނިންމާލާ ކަމަކަށް ނަހަދާށޭ. އެންޓްރީލެވެލް އާއި މިޑްލް މެނޭޖްމެންޓުގައި ވީހާ ވެސް ގިނަ އޮޕަރޭޝަނަލް އޭރިއާއެއްގައި މަސައްކަތް ކުރެވޭތޯ ބަލާށޭ.

ކޮވިޑުގެ ތަޖުރިބާއިން ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތައް މުސްތަގުބަލުގައި ބަދަލު ވެގެންދާނީ ކިހިނެއް ކަމަށް ހަސަން ދެކެނީ؟

ކޮންމެ އިންވެސްޓްމެންޓަކީ ވެސް ރިޓާންއެއްގެ އުއްމީދުގައި ކުރާކަމެއް. މީކީ ކުރިން ގިނަ ބަޔަކު އެންޓިސިޕޭޓްކުރި ރިސްކެއްނޫން އެހެން ކަމުން މިފަދަ އެހެން ޕެންޑެމިކަކުން ލިބިދާނެ ގެއްލުން ހެޖްކުރަން ކުރެވެންހުރި މަސައްކަތެއް ކުރާނެ. މިކަން މިދިޔަ ގޮތުން އެއްވެސް ވިޔަވާރި އަކީ ޕެންޑެމިކް އަކުން ގެއްލުން ނުވާނެ ވިޔަފާރިއަކަށް ހަދަން ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަވާނެ. ބައެއް އިންޝޫރެންސް ވިޔަފާރިތަކުން ޕެންޑަމިކް ބޮންޑްސް ވާހަކަ މިހާރު ދައްކަން ފަށައިފި. ތިޔަ ސުވާލަށް ސީދާ ޖަވާބެއް ދޭން ވަރަށް އުނދަގޫ.

ކޮވިޑް ފަދަ ރިސްކުތައް ކުޑަކުރުމަށް އެޅެންހުރި އަދި އަޅަން މަޖުބޫރުކަމަށް ޤަބޫލުކުރާ ފިޔަވަޅުތަކަކީ ކޮބާ؟

އިމާޖެންސީ ފަންޑްސް ހުންނަން އެބަޖެހޭ ކޮންމެ ވިޔަފާރިއެއްގައި ވެސް. މިއީ ބްލެކްސްވޯން އިވެންޓެއް، މިފަދަ ކަންތަކުން ވިޔަފާރިއަށް އަރާލޮޅުން ކުޑަކުރަން ކުރަން އެންމެ މުހިއްމު ކަމަކީ އެންޓިފްރެޖައިލްވުން. ޕޮލިސީލެވެލްގައި އަވަހަށް ޑިސިޝަން ނެގޭނެ ފަދަ މެކޭނިޒަމް ތަކެއް އެބަ އޮންނަންޖެހޭ. އިންޑަސްޓްރީއަށް ވުރެ ބޮޑަށް ސަރުކާރަކަށް ކަންނޭނގެ ތިކަހަލަ ފިޔަވަޅުތަކެއް އެޅޭނީ.

 

 ޓޫރިޒަމާ ގުޅޭ ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭބާ؟

ސިޔާސަތުތަކަކީ ސްޓްރެޓީޖިކް ކަންކަން، މިކަން ކަމަށް ހާލަތަށް ބަލައި ގެންނަންޖެހޭ ބަދަލު އަބަދުވެސް ހުންނާނެ. ރާއްޖޭގެ ޓޫރިޒަމް މި ހިސާބަށް ގެނެވުނީ ވަރަށް ގިނަ ކަންތައް ރަނގަޅަށް ކުރެވިގެން. ވަރަށް ގިނަ ކަންތަކުގަ ސިޔާސަތުތައް ރަނގަޅު. އެކަމަކު ތަންފީޒުނުކުރެވުގެ ސަބަބުން އެކަމުގެ ގެއްލުން ލިބޭ. މީގެ މިސާލެއް މުވައްޒަފުންނާއި ގުޅުން ހުރި ކަންތަކާއި ތަމްރީނާއި މަތީ ތައުލީމުގެ ކަންތައް. މިހާރު މިނިސްޓަރަކަށް އެހުންނެވީ ސިޔާސަތުކަނޑައަޅުއްވަން އެނގިވަޑައިގަންނަވާނެ އަދި މިކަމުގެ ވަރަށް ގިނަ ޕާސްޕެކްޓިވްސް އަމިއްލަ އަށް ތަޖުރިބާކުރައްވައިފައި ހުންނެވި އަޅުގަނޑުވެސް ވަރަށް އިތުބާރުކުރާ ބޭފުޅެއް.

ދިވެހި ޓޫރިޒަމް އިންޑަސްޓްރީގެ ކުރިމަގު ބައްޓަންކުރާނީ ކިހިނެއް؟

ހުރިހާ ކަމަކީ ވެސް ލައިފްސައިކަލް އޮންނަ ކަންކަން. މިހަމައިން، މި ރާއްޖޭގެ ޓޫރިޒަމަށް ވެސް ވަގުތާ، ހާލަތާ ގުޅޭ ބަދަލު އަންނަން ޖެހޭނެ. ޕޯސްޓް-ކޯވިޑް ދުނިޔޭގައި ކަންކަން ތަރުތީބު ވެގެންދާ ގޮތުން ގެންނަން ޖެހޭ ބަދަލުވެސް ހުންނާނެ. ސަސްޓެއިނެބްލް ނުވަތަ ދެމެހެއްޓެނިވި އިގްތިސާދީ ހަރަކާތަކަށް މިކަން ހަދަން ޖެހޭ. މުޅިރާއްޖޭގެ ރެޕިއުޓޭޝަނާ ގުޅުން ހުރި ކަންތައް، މިސާލަކަށް ކުނިމެނޭޖްކުރުން، މިފަދަ ކަންކަމުގައި ސަރުކާރުގެ ދައުރު މިހާރަށް ވުރެ ޒިންމާދާރުކޮށް އަދާކުރެވެން ޖެހޭ. ކުރިން ފާހަގަ ކުރި ގޮތަށް، ތަފާތު ދެ ޕްރޮޑަކްޓެއް މިހާރަށް ވުރެ ސާފުކޮށް މާކެޓްތަކަށް ދައްކަން ޖެހޭ. ދިވެހީންގެ ހިއްސާ ނުވަތަ އޯނަޝިޕް (އިސް ވަޒީފާތަކުގެ ތެރެއިން) އިތުރު ކުރެވެން ޖެހޭ.

ގެސްޓް ހައުސް ވިޔަފާރީގެ މުސްތަގުބަލު އޮތީ ކިހިނެއް؟ ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވުމުން، ރިސޯޓުތަކަށް އަސަރު ކުރާނެތަ؟ މި ދެ ކޮންސެޕްޓް އެކު އެކީ ކުރިއަރުވާނީ ކިހިނެއް؟

މިއީ އަގު(އެފޯޑަބިލިޓީ) އަދި ޕްރޮޑަކްޓާއި މެދު މީހުންދެކޭގޮތަށް (ޕާސެޕްޝަން) ބަލާއިރު ސްޕެކްޓްރަމްއެއްގެ ދެކޮޅު. ރަށްރަށުގައި ފަތުރުވެރިކަމަށް ތަންތަން ތަރައްގީކުރުމުގައި ކުދި/މިނީ 'ރިސޯޓް' ހެދުމުގެ ބަދަލުގައި އެރަށަކާއި ދިވެހިންގެ އާދަކާދައާއި ސަގާފަތާ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭގޮތަށް އެކަންތައް ތަރައްގީކުރުން މުހިއްމު. މިއީ އެއް ޑެސްޓިނޭޝަނަކުން ލިބޭ ވަރަށް ތަފާތު ދެ ޕްރަޑަކްޓެއް. އެހެންވީމަ އެ ތަފާތު ގެންގުޅެންވާނެ. ރިސޯޓާއި ގެސްޓުހައުސްއިން އެއް ގެސްޓެއްގެ ފަހަތުން ދާންޖެހޭ ހާލަތު މަދުކުރަން ޖެހޭ. މި ދެ ޕްރޮޑަކްޓްގެ ދެމެދުގެ ވާދަވެރިކަން ކުޑަކޮށް، އެކަތި އަނެކައްޗަށް ކޮމްޕްލިމެންޓްކުރާ ދެޕްރޮޑަކްޓަށް ހަދަން މަސައްކަތް ކުރަންޖެހޭ. މީހުން އުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންގެ ފައިދާ ރަށުގެ އެންމެނަށް ލިބެން ޖެހޭ. ބޮޑެތި އިމާރާތުގައި ގެސްޓްހައުސް/ހޮޓާ ހަދައި ޓެރަސްގައި ރެސްޓޯރެންޓާއި ސްޕާ ހެދުމުން އޭގެ ފައިދާ ކުރަނީ އެވަރުގެ ބޮޑެތި އިންވެސްޓްމެންޓްތައް ކުރެވޭވަރުގެ ފަރާތްތަކަށް. އެންމެ އާދައިގެ މީހާއަށް ވެސް، މިސާލަކަށް ގޭގައި ސަގާފީ ކެއުމެއް ވިއްކަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު އޮންނަންވާނެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *