މިއީ އެމްޑީޕީ އެކަތިގަނޑަކަށްވެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ނިކުންނަންވީ ވަގުތުކަމަށް އެމްޑީޕީ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވި ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުމަށް ފަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި އުފާފާޅުކުރުމުގެ އެއްވުމުގައި ރައީސް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އެއް ވިސްނުމެއްގައި، އެއް މަގުސަދެއްގައި ކުރިއަށްދާ ޕާޓީއެއް ކަމަށާއި ޕްރައިމަރީގައި ފެޅިއަކަށް ބެހިފައި އޮތަސް، އެ ދެފަރާތުގައި އޮންނާނީ އެއް ވިސްނުމެއް ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަށް ސުލްހަޔާއި ހަމަޖެހުން ގެނެސްދިނުމާއި ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމެވެ. ދެފަރާތުގެ ވެސް ވިސްނުމަކީ ރާއްޖޭގެ ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން ދެފަޅީގެ ވެސް އޮންނާނެ ވިސްނުމަކީ. އެހެންކަމުން މިއީ އަކީ އެއްނުކުރެވޭނެ ދެބައެއް ނޫން. ތިޔަ ހުރިހާ ބޭފުޅުން ވެސް މިރެއިން ފެށިގެން މަސައްކަތްކުރައްވަން ވީ އަޅުގަނޑުމެން އަނެއްކާ ވެސް އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ އަޅުގަނޑުމެންގެ އިދިކޮޅު ޕާޓީއާ ވާދަކޮށް އިންތިހާބު ކާމިޔާބުކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ކެމްޕޭނު ކުރި ރޫހުގައި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ކުރި ވަރުގަދަ ކެމްޕޭނަށް ފަހު ކުޑަކޮށް އަރާމުކޮށްލާފައި ރިޔާސީ އިންތިހާބުގެ ކެމްޕޭނައިގެން ކުރިއަށްދާން ފެނިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވީ ވޯޓުގެ 61 ޕަސެންޓަށް ވުރެ ބޮޑުބައި ހޯއްދަވައިގެންނެވެ.