Ad

ރައީސް ނަޝީދު ބަލި ގަބޫލްކުރައްވައިފި، ނަމަވެސް ރައީސް ސޯލިހަށް ތާއީދެއް ނުކުރެއްވި!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ހޯއްދަވާފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލި ގަބޫލު ކުރައްވައިފިއެވެ.

އެމްޑީޕީގެ "ގައުމީ މަޖިލިސް، އެހާރާއި މިހާރު"ގެ ވަޓްސްއެެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޕްރައިމަރީގެ އޮޅުވާޅުންތައް އެއްކިބާކޮށްފި ނަމަ، ރައީސަށް ގިނަ ވޯޓު ގެއްލޭނެ ކަމަށާއި ނަމަވެސް ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ބަލައިފި ނަމަ ކުޑަ ތަފާތަކުން ރައީސް ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި މެސެޖްގައި ވަނީ ރައީސް ސޯލިހާއެކު 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ތާއީދުކުރާނެ ކެންޑިޑޭޓަކު ނިންމާނީ ފަހުން ކަމަށާއި ނަމަވެސް ތާއީދުކުރައްވަން ފަސޭހަވާނީ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން އެއްބަސްވާ ކެންޑިޑޭޓަކަށް ކަމަށެވެ.

އެ މެސެޖަށް ރައްދު ދެއްވަމުން އެޕާޓީގެ ޗެެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ނަޝީދު އަލުން ވިސްނާވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމަށެވެ. ޕާޓީގެ އުސޫލާއި ގަވައިދު ބަދަލުނުކޮށް، ނަޝީދު އެ ވިދާޅުވި ގޮތަށް ކަންތައް ކުރެއްވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ފޯރިގަދަކޮށް ދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި 9،000 އެއްހާ ވޯޓުގެ ތަފާތަކުން ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސެވެ. ރައީސް އިންތިހާބު ކާމިޔާބުކުރެއްވީ 24،566 ވޯޓާ އެކުގައެވެ. ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ 61 ޕަސެންޓް 39 ޕަސެންޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ފަހުވަގުު ޖެހޭނީ ސާލިހަށް ސަޕޯޓު ކުރަން ..ނޫނީ ވާނީ ބާކީ..ވަރަށް ސާފު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *